ހަބަރު

ޕީޕީއެމް އުފެއްދުމަކީ ރައީސް ޔާމީންގެ ހިޔާލެއް: އަބްދުއްރަހީމް

ޕީޕީއެމް އުފެއްދުމާ ދެކޮޅަށް އެތައް ބަޔަކު ހިޔާލުފާޅު ކުރަމުން ދަނިކޮށް އާ ޕާޓީ އުފެއްދުމުގެ ހިޔާލު ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ދެއްވައި ޕާޓީ ބޮޑު ކުރުމަށް އެންމެ ބޮޑެތި މަސައްކަތްތައް ކޮށްދެއްވީ ވެސް ރައީސް ޔާމީނު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއިން އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ކާނިވަލްގައި ބޭއްވި "އަސްލު" ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޑީއާރުޕީގެ ތެރޭގައި ޖެހުނު މައްސަލަތަކަށް ފަހު، ބޭއްވި އެކި ބައްދަލުވުންތަކުގައި ޕާޓީއެއް ހެދުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ރައީސް ޔަމީން ކަމަށެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފަދަ ބޭބޭފުޅުން މުޅިން ވެސް މަސައްކަތް ކުރެއްވީ، ޕާޓީއެއް އުފެއްދުމުގެ ހިޔާލާ މުޅިން ދެކޮޅަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެން ނަމަވެސް ރައީސް ޔާމީން ދެއްކެވި ސާބިތު ކަމާ އެކު ރައީސް މައުމޫން ޕާޓީ ހަދަން ނިންމެވީ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޕީޕީއެމް އުފެއްދުމުގެ އިސް ސަފުގައި މަސައްކަތް ކުރީ އަޅުގަނޑުމެންނޭ. އަޅުގަނޑުމެންނަކީ ޕީއޭގެ މީހުންނޭ. އެހެން ނަމަވެސް އެންމެ ފުރަތަމަ ޕީޕީއެމް އުފެއްދުމުން ފެށިގެން މިއަދާ ހަމައަށް ދެގޮތެއް ނުވެ މި ތިބީ އެ ވިދާޅުވާ ޕީއޭގެ މީހުންނޭ. ހަގީގަތުގައު ރައީސް މައުމޫނަށް އޮޅުވާލައިގެން ނުބައި މަގެއް ދައްކައިގެން އުޅެނީ ދުރުން އައިސް ވަން ބައެކޭ. އެމީހުން ރައީސް މައުމޫނަށް ހެވެއް ނޭދޭނޭ." އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް އުފައްދާ އެޕާޓީއަށް މީހުން ވެއްދުމަށް މި ރާއްޖޭގައި ނުދާ ރަށެއް ނޯންނާނެ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ. އޭރުގެ އިންތިހާބް ކާމިޔާބު ކުރަން ޕީޕީއެމްގެ ބައި އިލެކްޝަން ބޭއްވި ކޮންމެ ދާއިރާއަކަށް ދިޔަ ކަމަށެވެ. އަދި މައުމޫނުގެ އެދިވަޑައިގަތުމުގެ މަތިން ރައީސް ޔާމީން އަތްވާ ވިއްސާރައިގައި ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކުރެއްވި ކަމަށެވެ.

"އެމަނިކުފާނުގެ ހިޔާލުގެ ދަށުން އާ ޕާޓީއެއް އުފެއްދުމަށް ރައީސް މައުމޫނުގެ އަރިހަށް ދިޔަ މީހުންގެ ތެރެއިން މީހެއް އަޅުގަނޑަކީ. އެއް ފަހަރަށްވުރެ ގިނަ ފަހަރު އަޅުގަނޑުމެން ދިޔައީމު. އެއް ފަހަރަށްވުރެ ގިނަ ފަހަރު އަޅުގަނޑުމެން ބައްދަލުކުރީމު. އެގޮތުން އަލިވާގޭގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ޔާމީނާއި، ގާސިމް އިބްރާހީމާއި އިލްހާމް އަހުމަދާއި، ފާރިޝް މައުމޫނާއި، މިހެންގޮސް ވަރަށް ގިނަ ބޭފުޅުން ބައިވެރިވި. ތަފާތު އެތައް ބައްދަލުވުމެއް ބޭއްވިއިރުވެސް ހަމައެކަނި ޕާޓީ އުފައްދަން ދިޔަ ކަމަށް ވިދާޅުވަމުން ދިޔައީ އަޅުގަނޑުމެންގެ މުސްތަޝާރު ރައީސް ޔާމިން" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމަށް ރައީސް މައުމޫނު މިހާރު ވައްދައިން އުޅޭ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަކީ ޕީޕީއެމް އުފެއްދުމުގެ ހިޔާލާއި ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި ބޭފުޅެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި ހިންގަމުންދިޔަ ކަންތައްތަކާއި ބެހޭގޮތުން އެސަރުކާރު ޖަވާބުދާރީ ވުމަށް އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރްޕީއަށް މަސައްކަތް ނުކުރެވުމުން އާ ޕާޓީއެއް އުފެއްދުމުގެ ހިޔާލު ދެއްވީ ރައީސް ޔާމީން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫނާ މިހާރު ގުޅިގެން އުޅޭ އިދިކޮޅު ފަރާތްތަކަކީ އެމަނިކުފާނަށް ހެޔޮ އެދޭ ބައެއް ނޫން ކަމަށާއި އެމަނިކުފާނަށް އަދިވެސް ހެޔޮ އެދޭނީ ޕީޕީއެމްގައި މިތިބި ޕީއޭގެ މީހުން ކަމަށެވެ.

"އަޅުގަނޑު ރައީސް މައުމޫނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑުމެން ރައީސް މައުމޫނަށް އިހްތިރާމް ކުރަމޭ، ވައުދުވަމޭ، ލޯބިވަމޭ. އަދިވެސް ހެޔޮ އެދޭނީ އަޅުގަނޑުމެންނޭ." އަބްދުއްރަހީމް ވިދާޅުވި އެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ މަޖިލީހުގައި އަބްދުއްރަހީމްމެން ތިބީ ޕީއޭގެ މެމްބަރުންގެ ގޮތުގައި ކަމަށާއި ޑީއާރްޕީ އާ އެކު ގުޅިގެން މަސައްކަތް ކުރީ އެޕާޓީ ކަމަށެވެ. އެ ގާނޫނު އަސާސީ އެކުލަވާލިއިރު ގާނޫނޫ އަސާސީގައި އެކުލަވާލުމަށް ދެ ދައުރު އަދާކުރައްވާފައިވާ ފަރާތްތަކަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ހުށަހެޅި އިސްލާހު ފާސްވިޔަ ނުދީ މައުމޫނަށް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވީ ޕީއޭގެ 14 މެމްބަރުންގެ ވޯޓު ލިބިގެން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މެސީ އަކީ ރައީސް ޔާމިނުކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި ފުޓްބޯޅައިގެ މައިދާނުގައި އާ ތަރިން ނިކުންނަ ގޮތަށް ސިޔާސީ މައިދާނުގައި ވެސް އާ މާކުޅަދާނަ ބޭފުޅުން ނިކުންނާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.