ކުޅިވަރު

ރާއްޖެއިން ހޮވި ޕްލާސްޓިކުން ހެދި ޖޯޒީ ރެއާލް އާއި ބަޔާން އަށް

Nov 5, 2016

ރާއްޖޭގެ ކަނޑުތަކުން ހޮވި ހުސްފުޅި ބޭނުންކޮށްގެން، އެޑިޑާސްއިން ތައްޔާރުކޮށްފައިވާ ބޫޓެއް ރައީސްއަށް ހަދިޔާ ކުރި ވާހަކަ މިދިޔަ އޯގަސްޓް މަސް ތެރޭ މީޑިއާގެ ސުރުހީތައް އަތުލި އެވެ.

މިފަހަރު ދިވެހި ކަނޑުތަކުން ހޮވި ޕްލާސްޓިކްގެ އެކި ބައިތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޖޯޒީއެއް ބޭނުން ކުރަނީ ދުނިޔޭގެ އެންމެ ކާމިޔާބު ކުލަބު ރެއާލް މެޑްރިޑާއި ބަޔާން މިޔުނިކުންނެވެ.

ރެއާލް އާއި ބަޔާންގެ ޖޯޒީ ތައްޔާރު ކުރުމަށް ބޭނުން ކުރި ހުސްފުޅި ދިވެހި ކަނޑުތަކުންނާއި ގޮނޑުތަކުން ނަގައިގެން އެޑިޑާސްއާ ހަމަޔަށް ގެންގޮސްދިނީ ދިވެހި ޖަމާއަތެއް ކަމަށްވާ "ބަޔޯޑައިވާސިޓީ އެޑިޔުކޭޝަން އެންޑް އެވެއާނަސް" (ބީމް) އެވެ.

ހުސް ފުޅިން އެޑިޑާސް އިން ހަދާފައިވާ ޖޯޒީ ތައާރަފު ކުރުމުގެ ގޮތުން އެންމެ ފުރަތަމަ ޖޯޒީ ބޭނުން ކުރާނީ ބަޔާން މިޔުނިކެވެ. ޖަރުމަންގެ ބުންޑެސް ލީގާގައި މިރޭ ހޮފެންހަމްއާ ދެކޮޅަށް ކުޅޭ މެޗްގައި ބަޔާންއިން މިރޭ ބޭނުން ކުރާ ރަތް ޖޯޒީއަކީ ރާއްޖޭ ކަނޑުތަކުން ނަގާފައިވާ ހުސްފުޅިން ތައްޔާރުކޮށްފައިވާ ޖޯޒީއެކެވެ.

ރެއާލްއިން މިޖޯޒީ ބޭނުން ކުރާނީ މިމަހު 26 ވަނަ ދުވަހު ސްޕެއިންގެ ސްޕޯޓިން ޖިއޯންއާ ދެކޮޅަށް ކުޅޭ މެޗްގަ އެވެ.

ރާއްޖޭގެ ކަނޑުތަކުން އުކާލާ ފުޅިން ހެދި ޖޯޒީ ލުމުގެ ފުރުސަތު ލިބުމުން ބަޔާންގެ ޒާބީ އެލޮންސޯ ބުނީ އެޑިޑާސްގެ އެކްސް ޕާލީ ޖޯޒީ ދަނޑުމަތީގައި ބޭނުން ކުރުމުގެ ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށެވެ.

"އަހަރެމެން ލާ ނޭވާ އަންނަނީ ކަނޑުތަކުން އެހެންވެ ކަނޑުތައް ސާފްކޮށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް" އެލޮންސޯ ބުންޏެވެ.

ރެއާލް މެޑްރިޑްގެ ވައިސް ކެޕްޓަން މާސެލޯ ބުނީ ކަނޑުތައް ސާފުކޮށް ބޭއްވުމުގެ ޕްރޮޖެކްްޓްގައި އޭނާއަށް ބައިވެރިވެވޭ ކަމީ ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށެވެ.

"މި ޕްރޮޖެކްޓްގައި އަހަންނަށް ބައިވެރި ވެވޭކަމީ އަހަންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް އަދި އަހަރެން އެކުލަބެއް ދެކެ ލޯބިވާ ކުލަބުން ކަނޑުތައް ސާފުކޮށް ބޭއްވުމަށް ދައްކަމުންދާ ތަފާތަކީ އަހަންނަށްވެސް ލިބުނު އުފަލެއް."