ހަބަރު

ތަރައްގީވެފައިވާ ގައުމުތައް ކަނޑައަޅާ މިންގަޑު ބަދަލު ކުރަން ގޮވާލައިފި

Mar 7, 2015

ތަރައްގީވެފައިވާ ގައުމުތައް ބެލުމުގައި ގެންގުޅޭ މިންގަނޑުތަކަށް ބަދަލު ގެނައުމަށް ރާއްޖެއިން އދ ގައި ގޮވާލައިފި އެވެ.

"ގުދުރަތީ ކާރިސާތަކުން ގައުމުތަކަށް ލިބިދާނެ ގެއްލުންތައް ދެނެގަތުމަށް އދ އިން އެކުލަވާލި، "ގްލޯބަލް އެސެސްމެންޓް ރިޕޯޓް އޮން ޑިޒާސްޓާ ރިސްކް ރިޑަކްޝަން" ރިޕޯޓް އާންމު ކުރުމަށް މައިމަރުކަޒުގައި ބޭއްވި ޖަލްސާގައި ތަގުރީރު ކުރައްވަމުން އދ ގައި ހުންނަވާ އެމްބެސެޑަރު އަހުމަދު ސަރީރު ވިދާޅުވީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ، ގައުމުތަކުގެ ލިސްޓުން ތަރައްގީވަމުން އަންނަ ގައުމަކަށް ބަދަލުވުމުގެ މަރުހަލާގައި ތިބި ގައުމުތައް މިން ކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި އެ އިސްލާހު ގެންނަ އިިރު، އެފަދަ ގައުުމުތަކަށް ކުރިމަތިވެދާނެ ކުއްލި ކާރިސާއަކުން ނުކުމެދާނެ މައްސަލަތަކަށް ރިއާޔަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރީރު ވިދާޅުވީ ގުދުރަތީ ކާރިސާއެއްގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާނީ ކުދި ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށެވެ. އަދި އެގޮތަށް ދިމާ ވަނީ އެފަދަ ހާދިސާތަކުން ސަލާމަތް ވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް މާލީ ގޮތުން އެފަދަ ގައުމުތަކުގައި ގާބިލްކަން ނެތުމުން ކަމަށް ސަރީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ގައުމުތައް އަބަދުހެންމެ ކަހަލަ ގޮތަކަށް އޮންނަނީ ނުރައްކަލަކަށް ހުށަހެޅިފަ އެވެ. އަދި ކާރިސާތަކުން ސަލާމަތް ވުމަށް ފިޔަވަޅު ނޭޅޭ ނަމަ، ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ރޭވުމަށް އެ ގައުމުތަކަށް ދަތިތަކާ ކުރިމަތިވެ އެވެ. އެފަދަ ގައުމުތަކަށް ބޮޑެތި އެހީތަކެއް ބޭނުންވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.