ބޭރު ކުޅިވަރު

މޮޅަށް ކުޅެ ޗެލްސީ ޓޭބަލްގެ ކުރިއަށް، ސިޓީ ފުރުސަތު ނަގާލައިފި

Nov 6, 2016

އިނގިރޭސި ޕްރިމިއާ ލީގްގެ ޓޭބަލްގެ ކުރީގައި ހިފަހައްޓަމުން އައި މެންޗެސްޓާ ސިޓީ އިން ޓޭބަލްގެ 15 ވަނާގައި އޮތް މިޑްލްސް ބަރާއާ ވާދަކޮށް ދެ ޕޮއިންޓް ގެއްލުވާލައިފި އެވެ. ދެ ޓީމުގެ ވާދަ ކުރުން ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން ހަމަހަމަވެގެނެވެ. މި ނަތީޖާ ނުކުތް އިރު ޕެޕް ގާޑިއޯލާގެ ސިޓީން ފަހަކަށް އައިސް ނެރޭ ނަތީޖާ ވަނީ ދަށްވާން ފަށާފަ އެވެ.

މިރޭގެ މެޗުގައި ސިޓީގެ ފޯވަޑް، އާޖެންޓީގެ ސާޖިއޯ އަގްއޭރޯ މެޗް ކުރީ ކޮޅުގައި ލަނޑެއް ޖަހައިދީފައި ވަނިކޮށް މިޑިލްސް ބަަރާއިން އިން ކުޅުން ރަނގަޅުކޮށް ސިޓީ އަށް ގިނަ އުނދަގޫތަކެއް ކުރިމަތިވި އެވެ. އެ ޓީމުން ކުރިއަރައި ނަތީޖާ ހަމަ ކުރީ މެޗުގެ އިތުރު ވަގުތުގައި މާޓެން ޑި ރޫން އެވެ. މި އީ ޓޭބަލްގައި ފަހަތުން ވާދެވެރި އާސަނެލް އާއި ލިވަޕޫލާ ފެއަށް ޖެހިލަން ލިބުނު ރަނގަޅު ފުރުސަތެއް ސިޓީއަށް ގެއްލިގެން ދިޔަ ނަތީޖާއެކެވެ.

ލީގުގައި ސިޓީ ދެން ކުޅެން ޖެހޭނީ ކްރިސްޓަލް ޕެލަސް އާއެވެ. އެ ޓީމް އޮތީ 13 ވަނައިގަ އެވެ. މިރޭގެ މެޗުފައި އަގްއޭރޯ ޖަހާފައި ވަނީ ސިޓީގެ ޖޯޒީގައި އޭނާގެ 150 ވަނަ ގޯލެވެ. ސިޓީގެ ޖޯޒީގައި އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ 177 ގޯލް ޖެހި އެރިކް ބޫކްވެ.

ޗެލްސީ އާއި އެވަންޓަން ބައްދަލު ކުރި މެޗުގައި ފުރަތަމަ ހާފުގައި ޗެލްސީން ވަނީ ތިން ލަނޑުޖަހައި އެވަޓަންގެ ހުރިހާ ޑިޕާޓްމެންޓެއް ރޫޅާލާފަ އެވެ. ނަތީޖާއެއްގެ ގޮތުން މުޅި މެޗު ނިމެންދެން ވެސް އެވަންޓަންގެ ގޯލް މެޝިން ބެލްޖިއަމްގެ ރުމެލޫ ލުކާކޫ ހުރީ ބާކީވެފަ އެވެ. މިއީ އެންޓޯނިއޯ ކޮންޓޭގެ ރޭވުންތެރި ކަމަށް ގެނައި ބަދަލަށްފަހު ބަލި ނުވެދާ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ.

މިރޭ ޗެލްސީން ފުރަަތަމަ ލަނޑު ޖެހީ ހުރިހާ ވަގުތެއްގައި ވެސް މޮޅަށް ކުޅެމުންދިޔަ ކުރީގެ ފޯމްގައި ހުރި އެޑެން ހާޒާޑް މެޗުގެ 19 ވަނަ މިނެޓްގަ އެވެ. ޗެލްސީއަށް ލީޑް ފުޅާކޮށް ދިނީ އޭގެ މިނިޓެއް ފަހުން މާކަސް އޮލަންސޯ އެވެ. ތިން ވަނަ ލަނޑު ޖެހީ މި ސީޒަނުގައި މޮޅަށް ކުޅެމުން އަންނަ އަދި މިވަގުތު ވެސް ޕްރިމިއާ ލީގެ ޓޮޕް ސްކޯރާގެ މަގާމުގައި ހުރި ޑިއެގޯ ކޯސްޓާ އެވެ. މި ލަނޑާއެކު އޭނާ މި ސީޒަނުގައި މިހާތަނަށް ޖެހި ލަނޑުގެ އަދަދު ނުވައަކަށް އެރީ އެވެ. އޭނާ ވަނީ ހާފު ނިމުމުގެ ކުރިން ލަނޑު ޖަހާނެ އިތުރު ފުރުސަތު ވެސް ހޯދާފަ އެވެ. މީގެ އިތުރުން ޕެޑްރޯއަށާއި މޯސެސް އަށް ވެސް ލަނޑު ޖަހަން ލިބުނެވެ. މޯސެސްގެ ބާރު ހަމަލާއެއް ދަނޑިއަށް ވެސް އަމާޒުވި އެވެ.

ޗެލްސީގެ ހަތަރު ވަނަ ލަނޑު ފަހު ހާފުގައި ޖެހީ މިދިއަ މަހު ޕީއެފްއޭފެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަޒާޑެވެ. މިއީ މޯސެސް އާއި ޕެޑްރޯ އުފެއްދި މޮޅު ކުޅުމެއް ތެރެއިން ހޯދި ފުރުސަތެއްގައި ހަޒާޑުގެ އެނާގެ އިންޑިވިޖުއަލް ހުނަރު ފުރިހަމައަށް ދައްކާލުމަށް ފަހު މޮޅަށް ދެމި ގަނެގެންގޮސް ޖަހާފައިވާ ލަނޑެކެވެ. މި ލަނޑާއެކު ހަޒާޑް މިފަހަރުގެ ލީގުގައި ޖެހި ލަނޑުގެ އަދަދު ހަޔަކަށް އެރީ އެވެ. އޭގެ ފަހުން ޗެލްސީގެ ފަސް ވަނަ ލަނޑު ޖެހީ ޕެޑްރޯ އެވެ.

ސިޓީ ފުރުސަތު ނަގާލި އިރު ޗެލްސީން އެވަޓަން ލަދު ގަންނަވާލައި މިވަގުތަށް ވަނީ ޓޭބަލްގެ ކުރިޔަށް ދެވިފަ އެވެ.

މެޗަށް ފަހު އެންޓޯނިއޯ ކޮންޓޭ ބުނީ ޗެލްސީ ވަރަށް ރަނގަޅަށް ކުޅެފި ކަމަށާއި ގިނަ ޗާންސްތަކެއް ހޯދައި ބައި ކޮޅަށް ގޯލެއް ނުވައްދާ ފަސްވަނަ މޮޅެއް ހޯދީ ރީތި ފުޓްބޯޅައެއް ކުޅެގެން ކަމަށެވެ.

"ކުޅުންތެރިންނަށް އަހަރެން ސާބަސް ދެން، ވަރަށް ފުރިހަމައަށް ކުޅުނު... އަހަރެމެނަށް އޮތީ ގަދައަށް މަސައްކަތް ކޮށް އެގޮތުގައި ދެމި ތިބުން... މިރޭ ހަޒާޑް ވަނީ ވަރަށް މޮޅަށް ކުޅެފައި އަހަރެމެން އެންމެނަށް ވެސް އެނގޭ އޭނާގެ ހުނަރުވެރިކަން." ކޮންޓޭ ބުންޏެވެ. އޭނާ ވަނީ ޑިފެންޑަރު މާކަސް އޮލޮންސޯއަށާއި ޓީމުގެ އެހެން ހުރިހާ ކުޅުންތެރިންނަށް ވެސް ތައުރީފުކޮށްފައެވެ.

މިރޭ ލީގުގައި ދެން ކުޅުނު މެޗު ތަކުގެ ތެރެއިން ސަންޑަ ލޭންޑުން ބޯން މައުތު ބަލިކުރީ 2-1ގެނަތީޖާއަކުންނެވެ. ކްރިސްޓަލް ޕެލަސްގެ މައްޗަށް ބާންލޭ ކާމިޔާބު ހޯދީ 3-2 ގ ނަތީޖައަކުންނެވެ. ވެސްހޭމާއި ސްޓޯކްގެ މެޗު ނިމިގެން ދިޔައީ 1-1 އިން ހަމަހަމަ ވެގެނެވެ.