އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން ހިންގާ ޕޯސްޓް ގްރެޖުއޭޓް ކޯސްތައް ސުޕަވައިޒްކުރާނެ ފަރާތްތައް ހޯދަން އެހީތެރިކަން ފޯރުކޮށްދިނުމަށާއި އިތުރު ކަންކަމުގައި އެ ޔުނިވާސިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މެލޭޝިޔާގެ އިންޓަނޭޝަނަލް ޔުނިވާސިޓީ މެލޭޝިޔާ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރޭ އައިޔޫއެމްގަިއ ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ޔުނިވާސިޓީ މެލޭޝިޔާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ރެކްޓާ ޒަލީހާ ކަމަރުއްދީން އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީ ގުޅިގެން ހަލާލު ކާނާ އާއި އުފެއްދުންތަކާ ބެހޭ ދިރާސާތައް ކުރިއަށް ގެންދިއުމަށާއި ހަލާލު ކާބޯތަކެއްޗާއި އުފެއްދުންތައް ކަށަވަރު ކުރުމުގެ އިޖުރާއަތާއި ގަވާއިދުތަކާ ބެހޭގޮތުން އިސްތިޝާރީ ލަފާ ހޯދާނެއެވެ. އަދި ދިރާސާތަކާއި އިލްމީ ހޯދުންތަކުގެ އަލީގައި ހަލާލު އުފެއްދުންތަކާއި ގުޅޭ ވޯކްޝޮޕްތަކާއި ޓްރެއިނިން ޕްރޮގްރާމްތައް ދެ ފަރާތް ގުޅިގެން ކުރިއަށް ގެންދާނެ އެވެ.
މަތީތައުލީމް ހާސިލް ކުުރުމަށް ޔުނިވާސިޓީ މެލޭޝިޔާއަށް ދާ އައިޔޫއެމްގެ ދަރިވަރުންނާއި މުވައްޒަފުންނަށް ޑިސްކައުންޓް ދިނުމަށާއި ދެފަރާތް ގުޅިގެން ކޮންފަރެންސްތަކާއި ސެމިނާ ވޯކްޝޮޕްތައް ކުރިއަށް ގެންދަންވެސްވަނީ ނިންމާފަ އެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އައިޔޫއެމްގެ އިދާރީ އަދި އެކަޑެމިން މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީ ދިރާސާ ކުރުމަށާއި ފޮތްތައް ޝާއިއު ކުރުމަށް އައިޔޫއެމްގައި ހާއްސަ ޔުނިޓެއް ގާއިމްކޮށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ. އައި އައިޔޫއެމްގެ އިލްމީ މެގަޒިން ނެރުމަށް މުވައްޒަފުންނަށް އިރުޝާދު ދިނުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.