އޭއެފްސީ

އޭއެފްސީ ކަޕް ޗެމްޕިއަންކަން އެއާފޯސްއަށް

Nov 6, 2016

ފައިނަލްގައި އިންޑިއާގެ ބެންގަލޫރު އެފްސީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އިރާގްގެ އެއާފޯސް ކުލަބުން އޭއެފްސީ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ގަތަރުގެ ވެރިރަށް ދޯހާގެ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ވަރުގަދަ ފިޒިކަލް ގޭމެއް ކުޅެމުންދިޔަ އެއާފޯސް ކުލަބު ބެންގަލޫރުން ވަނީ ހިފަހައްޓާފަ އެވެ.

އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިރާގްގެ ގައުމީ ޓީމުގެ ފޯވަޑް ހާމިދީ އަހްމަދު އަބްދުﷲ އެވެ. މެޗްގެ އެންމެ ފަހުވަގުތު ބެންގަލޫރުން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށްޓަކައި ބުރަކޮށް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް އެއާފޯސްގެ ޑިފެންސް ފޫއަލުވާލެވޭ ގޮތެއް ނުވިއެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން މެލޭޝިއާގެ ޖޯހޯރު އެފްސީ ބަލިކޮށް ފައިނަލަށް ދިޔަ ބެންގަލޫރުގެ ކޯޗް ސްޕެއިންގެ އަލްބަޓް ރޮކާ ވަނީ ފިޒިކަލް ފުޓްބޯޅައެއް އެއާފޯސްއިން ކުޅެމުން ދިޔަނަމަވެސް ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތްކޮށްފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރޮކާ ބުނީ މިއީ އެ ޓީމުގެ ކުރިއެރުމުގެ އާ އިންގްލާބެއްގެ ފެށުން ކަމަށާއި ކާމިޔާބު ހާސިލު ކުރުމަށް ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނެ ކަމަށެވެ.

"އަހަރެމެން ޖެހޭނެ މިކާމިޔާބުތައް ހޯދަން މަސައްކަތް ކުރަން، ބުރަކޮށް މަސައްކަތް ކޮށްފިއްޔާ އަހަރެމެންނަށް މިކަން ދެން އަންނަ ފަހަރަކުން ހާސިލު ކުރެވޭނެ،" ބާސެލޯނާގެ އެސިސްޓެންޓް ކޯޗްކަން ވެސް ކުރި ރޮކާ ބުންޏެވެ.