ރާއްޖެ ކުޅިވަރު

ފީފާގެ ރައީސް ކަމަށް އޭއެފްސީގެ ރައީސް ކުރިމަތިލައްވަައިފި

އަންނަ ފެބްރުއަރީ މަހު ބާއްވާ ފީފާގެ ރައީސް ކަމުގެ މަގާމަށް އޭޝިޔާގެ ފުޓްބޯޅައިގެ މައި ޖަމާއަތް ކަމަށްވާ އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާ ކުރިމަތިލައްވައިފި އެވެ.

1998 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްކަމުގައި ހުންނެވި ސެޕް ބްލެޓާ ފަސް ވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި ނަމަވެސް ކޮރަޕްޝަނުގެ ތުހުމަތުތަކާހެދި އިސްތިއުފާ ދެއްވަން ނިންމަވައި އާ އިންތިހާބަކަށް ގޮވާލުމުން އެކަމަށް ކުރިމަތިލެއްވުމުގެ އެންމެ ފަހު ތާރީހަކީ މިއަދެވެ.

އޭފްއެފްސީގެ ހިންގާ ކޮމިޓީގެ މެމްބަރުންނަށް ސަލްމާން މިއަދު ފޮނުވި ސިޓީގައިވަނީ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް ކަމަށް ކުރިމަތިލައްވަން އޭނާ ގަސްތުކުރާ ކަމަށާއި އޭޝިޔާގެ 47 ގައުމުގެ ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް އޭއެފްސީގެ އެއްވެސް ވަސީލަތެއް ބޭނުންނުކުރައްވާނެ ކަމަށް ވެސް ސަލްމާންގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ފީފާގެ ރައީސް ކަމަށް ވާދަކުރައްވަން ސަލްމާން ނިންމެވިއިރު އޭނާއާއެކު އިންތިހާބުގައި ވާދަކުރައްވަން އެހެން އަށް ކެނޑިޑޭޓަކު ވެސް އެބަތިއްބެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ވާދަކުރައްވާނެ ކަމަށް ބެލެވެނީ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް މިޝޭލް ޕްލެޓިނީ އާއި ފީފާގެ ކުރީގެ ނާއިބް ރައީސް ޕްރިންސް އަލީ ބިން އަލް ހުސައިނެވެ. އަދި ކޮރަޕްޝަނުގެ ތުހުމަތުގައި ޕްލެޓިނީ މިވަގުތު ހުންނެވީ ވެސް 90 ދުވަހަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ.

ބަހުރޭނުގެ ޝާހީ އާއިލާ އަށް ނިސްބަތްވެ ވަޑައިގަންނަވާ އުމުރުފުޅުން 50 އަހަރުގެ ސަލްމާން އަކީ އޭއެފްސީގެ ރައީސްކަން ލިބިވަޑައިގަތުމުގެ ކުރިން އޭއެފްސީގެ ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަން އަދި ފީފާގެ ޑިސިޕްލިނަރީ ކޮމިޓީގެ ޑެޕިއުޓީ ޗެއާމަން އެވެ.

ސަލްމާނާއި ޕްރިންސް އަލީ އަދި ޕްލެޓީނީގެ އިތުރުން ފީފާގެ ރައީސް ކަމުގެ ރޭހަށް އެންމެ ފަހުން ވަނީ ޔޫއޭފާގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަންޓިނޯ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބާރުގަދަ މަގާމު ހޯދުމަށް ވާދަކުރައްވާނެ އެހެން ބޭފުޅުންނަކީ ފީފާގެ ކުރީގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ޝެމްޕޭން އާއި ލައިބީރިއަގެ އެފްއޭގެ ރައީސް މޫސާ ބިލިޓީ އާއި ޓްރިނިޑާޑް އެންޑް ޓޮބޭކޯގެ ޑޭވިޑް ނާހިދެވެ.