ރާއްޖެ ކުޅިވަރު

އޭއެފްސީ ކަޕުގެ ފައިސާގެ އެހީބޮޑުކޮށް، ސަލްމާނަށް ތާއީދު ކުރަން ފާސްކޮށްފި

ފީފާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އޭޝިޔާގެ ފުޓްބޯޅަ ކޮންފެޑަރޭޝަނުގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާ އަށް ތާއީދު ކުރަން އޭއެފްސީ މެމްބަރު ގައުމުތަކުން ގަރާރެއް ފާސްކޮށްފި އެވެ.

އިންޑިޔާގައި މިހާރު ކުރިއަށްދާ އޭއެފްސީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ އޭއެފްސީގެ މެމްބަރު 43 ގައުމުން ސަލްމާނަށް ތާއީދު ކުރުމަށެވެ. އަދި އޭނާ އަށް ތާއީދު ހޯދުމަށް ހިންގާ ކޮމިޓީގެ މެމްބަރުން ކެމްޕޭނުގައި މަސައްކަތް ކުރުމަށެވެ.

ބަހުރޭނަށް އުފަން ޝައިހް ސަލްމާނަށް ތާއީދު ކުރަން އޭއެފްސީން ނިންމިއިރު އަންނަ އަހަރުން ފެށިގެން އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގުގައި ކުޅޭ ޓީމުތަކުގެ ތެރެއިން ދެ ވަނަ ބުރަށް ދާ ޓީމުތަކަށްދޭ ފައިސާގެ އިނާމް ވަނީ ބޮޑުކުރަން ނިންމާފަ އެވެ. އަދި އޭޝިޔާގެ ގައުމުތަކުގެ ޑިވެލޮޕްމަންޓަށް އެ ޖަމާއަތުން އިތުރު އެހީތަކެއް ވުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

އަންނަ ފެބްރުއަރީ މަހު ބާއްވާ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް ކަމަށް ޝަރުތުހަމަވާ ކަމަށް އެ އިދާރާގެ އިންތިހާބީ ކޮމިޓީން ނިންމި ފަސް ކެނޑިޑޭޓުންނަކީ ފީފާގެ ކުރީގެ ނާއިބް ރައީސް އުރުދުންގެ ޕްރިންސް އަލީ ބިން އަލްހުސައިން އާއި އޭޝިޔާގެ ފުޓްބޯޅް ޖަމިއްޔާގެ ރައީސް ބަހުރޭނުގެ ޝައިހް ސަލްމާންބިން އިބްރާހީމް އަލްހަލީފާ އާއި ޔުއޭފާގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަނީޓޯ އާއި ނެދަލޭންޑްސްގެ ޖެރޯމް ޝެމްޕޭނާއި ސައުތުއެފްރިކާގެ ޓޯކްޔޯ ސެކްވާލޭ އެވެ.

ފީފާގެ ރައީސަކު ހޮވަން އިންތިހާބު މި ބާއްވަނީ ފާއިތުވެދިޔަ 17 އަހަރު ރައީސް ކަމުގައި ހުންނެވި ސެޕް ބްލެޓާ ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް ހޮވުނުތާ ތިން ދުވަސް ފަހުން މަގާމުން އިސްތިއުފާ ދެއްވާން ނިންމަވައި އާ އިންތިހާބަކަށް ހުޅުވާލުމުންނެވެ. މިހާރު ވަގުތީގޮތުން ސަސްޕެންޑްކޮށްފައި ހުރި ބްލެޓާ އިސްތިއުފާ ދެއްވަން ނިންމެވީ ކޮރަޕްޝަނުގެ ތުހުމަތުތަކާހެދި އެވެ.