އަންހެނުން

ޖަވާބު ދިނުމުގެ ފުރުސަތު ކުދިންނަށް ދޭންވާނެ!

މިއީ ބައެއް މައިންބަފައިން މާ ހިތްހަމަޖެހޭ ވާހަކައަކަށް ނުވެދާނެ އެވެ. ގިނަ ފަހަރަށް ހީވެފައި އޮންނަނީ ކުޑަކުދިން ކައިރީ "ނުކުރާށޭ" ނުވަތަ "ނޫނެކޭ" ބުނުމުން އެކުދިންނަށް އެނގޭ ގޮތަކަށް މައިންބަފައިންނަށް ރައްދު ދިނުމަކީ ގޯސް ކަމެއްގެ ގޮތުގަ އެވެ. އަދި އެއީ މައިންބަފައިންގެ ކުރިމަތީ ޒުވާބުކުރަނީ ކަމަށް ވެސް ބެލެވެ އެވެ. މިހެންވުމުގެ ސަބަބުން ރުޅި އިތުރަށް ގަދަވެ ކުދިންނާއި ދިމާލަށް ރުޅިއައިސް ބާރަށް އެއްޗެހި ބުނެވެ އެވެ. އަދި އެއީ މައިންބަފައިންނަށް ޗެލެންޖުކުރުން ކަމަށް ގަބޫލު ކުރެވެނީ އެވެ.

މިދައްކަނީ ޓީންއޭޖް ކުދިންގެ ވާހަކައެއް ނޫނެ އެވެ. އެއަށްވުރެ ކުޑަ އަނގައަށް ބަސްތައް އެޅެމުން، މައިންބަފައިން ކުރާކަންކަން ދަސްކުރަމުން އަންނަ ކުދިންގެ ވާހަކަ އެވެ. ކަމުގެ ތަޖުރިބާކާރުން ހަމަގައިމު ވެސް މިހެން ބުނަނީ އެކަމުގެ ރަނގަޅު ނަތީޖާ ފެންނާތީކަން ޔަގީނެވެ.

ކުޑަކުދިންގެ ސައިކޮލަޖިސްޓެއް ކަމަށްވާ ކެލީ އެމް ފްލެނެގަން އޭނާގެ ބްލޮގްގައި ބުނެފައިވާ ގޮތުގައި އޭނާ ދައްކާ ވާހަކައަށް ދަރިފުޅު އެންމެ ކުޑައިރުން ފެށިގެން ރައްދު ޖަވާބުދީ ބައެއް ކަންކަމުގައި "ނޫނެކޭ" ބުނާތީ އުފާވެ އެވެ.

ކެލީ ބުނި ގޮތުގައި ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގެ ކަންކަން ކުރުމުގައި ޗޮއިސް އޮންނަ އިރު، ކުދިން ބޭނުންވާ ހިޔާލުވެސް ފާޅު ކުރެވެން ޖެހޭނެ އެވެ. އެގޮތުން އެންމެ ކުޑައިރުން ފެށިގެން ވެސް ކުދިންނަށް "ނޫނެކޭ" އަދި "އާއެކޭ" ބުނުމުގެ މިނިވަންކަން އޮތުމަކީ މުހިންމު ކަމެކެވެ. އަދި އެގޮތަށް ކަންކަމުގައި ކެރިގެން ކުދިން ވާހަކަ ދައްކާނަމަ ބޮޑުވުމަށްފަހު ދިމާވާ ހުރަސްތަކާ ކެރިގެން ކުރިމަތިލާ އެކުދިންގެ ހިޔާލު ފާޅުކުރަން ޖެހިލުމެއް ނުވާނެ އެވެ.

އެހެން ނަމަވެސް ކުދިންނާއި ދިމާލަށް ކޮންމެ ފަހަރަކު ނޫނެކޭ ބުނެ އެކުދިން ބޭނުންވާ ގޮތަށް އާއެކޭ ބުނެގެން ހުރިހާ ކަމެއް ދޫކޮށްލައިގެން ނުވާނެ އެވެ. ކޮންމެ ކުއްޖެއްވެސް ބޮޑުވާއިރު އެކުދިން ގެންގުޅެން ޖެހޭނީ ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގަ އެވެ. ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް ދަސްވެގެންނެވެ. އަދި ބޭނުންވާ އެއްޗެއް ހުރިހާ ފަހަރެއްގައި ނުލިބޭނެކަން ވެސް ދެނެގަނެގެންނެވެ. އެގޮތަށް ހުރިހާ ކަމެއް ވެސް ބެލެންސްވާންޖެހެ އެވެ. ނަމަވެސް ކުދިން ރައްދު ޖަވާބު ދިނުމުން އެކުދިން ކުރިމަތީ ޒުވާބުކޮށް އެއްޗެހި އުކާ އަނިޔާކޮށް ހަދައިގެން ނުވާނެ އެވެ. އަދި ޒުވާބު ކުރުމުގެ ބަދަލުގައި އެވާހަކަތައް ދައްކަންވާނީ ޑިސްކަޝަންއެއްގެ ގޮތުގަ އެވެ. އޭރުން ކުދިންނަށް ވެސް އެކުދިންގެ ހިޔާލު ރީތި ގޮތުގައި ހާމަކުރަން ދަސްވާނެ އެވެ.