ވިޔަފާރި

އަޔާދީ ތަކާފުލްގެ ބައެއް ހިދުމަތްތައް އޮންލައިންކޮށް ދޭން ފަށައިފި

Nov 7, 2016
  • ތިން ބާވަތެއްގެ ތަކާފުލްއެއް އޮންލައިންކޮށް
  • އަޔާދީއަށް ބޮޑު ތަރުހީބެއް ލިބޭ
  • ކިޔޫގައި ނުޖެހި، ހިދުމަތް ހޯދަން ފަސޭހަ

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ އިންޝުއަރެންސްގެ ހިދުމަތް ހޯދުމަށް ހާއްސަ އޮންލައިން ނިޒާމެއް މިއަދު ތައާރަފުކޮށްފި އެވެ.

މޫކައި ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަޔާދީ ތަކާފުލްގެ ކޮންސަލްޓަންޓް އިބްރާހިމް ފިރުޝާން ވިދާޅުވީ "އަޔާދީ ޑޮޓް އެމްވީ" ގެ ނަމުގައި ތައާރަފުކުރި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް، މޮޓޯ ތަކާފުލް އިންޝުއަރެންސް ނެގުމާއި މޮޓޯ ތަކާފުލް ސެޓިފިކޭޝަން މުއްދަތު ހަމަވުމުން އާކުރުން އަދި ރާއްޖޭން ބޭރަށް ދަތުރުކުރާއިރު ޓްރެވަލް ތަކާފުލް ނެގުން ފަދަ ހިދުމަތްތައް ހޯދޭނެ ކަމަށެވެ. އަދި މީގެ އިތުރުން ސެޓްފިކެޓުގެ ސައްހަކަން ބަލައިލުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރުގެ ހިދުމަތްތައް އިންޓަނެޓު މެދުވެރިކޮށް މި ދެނީ. މިހާރު ހަމައެކަނި އޮފީހުން ލިބުމުގެ އިތުރުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ހޯދޭނެ. ހަމައެކަނި މިހާރު ބައެއް ހިދުމަތްތައް ތައާރަފު ކުރިނަމަވެސް ކުރިއަށް އޮތްތަނުގައި ގިނަ ހިދުމަތް ތަކެއް ލިބޭނެ،" ފިރުޝާން ވިދާޅުވި އެވެ.

އަޔާދީ ތަކާފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ ވިދާޅުވީ "އަޔާދީ އޮންލައިން" މެދުވެރިކޮށް ބޮޑަށް ދެނީ މޮޓޯ ތަކާފުލް [އިންޝުއަރެންސް] ގެ ހިދުމަތް ކަމަށެވެ.

"ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ގިނަ އުޅަނދު ފަހަރު އުޅޭ.އެހެންވެ ވަރަށް ދަތިކަމެއް ކޮންމެ ފަހަރަކު މާލެ އައިސް އިންޝުއަރެންސް ހައްދަން. އެހެންވެ މި ހިދުމަތުގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެން މި ދިޔައީ. ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރި ނަމަވެސް ތަކާފުލް ހައްދާލެވޭނެ. އެހެންވެ ކިޔޫގައި ނުޖެހި މިކަން ކުރެވޭނެ،" ނިޒްމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަކާފުލްގެ ހިދުމަތް ގަތުމަށްފަހު، ސެޓްފިކެޓް ޕްރިންޓް ކުރުމަށްފަހު ސްޓިކާ ނަގަން ޖެހޭނެ ކަމަށެވެ.

"ވަރަށް އަވަހަށް ތައާރަފު ކުރާނެ އެޕްއެއް، އެޕް ތައާރަފު ކުރުމުން ނުޖެހޭނެ ސްޓިކާ ނަގާކަށް. އޮފީހުން ދޫކުރާނެ ސްޓިކާ ކޮޅު. ކިޔޫގައި ނުޖެހި ސްޓިކާ ކޮޅު ނެގޭނެ،" ނިޒްމާ ވިދާޅުވި އެވެ.

"އަވަސް" އިން ކުރި ސުވާލެއްގެ ޖަވާބުގައި ތަކާފުލްގެ ހިދުމަތްތައް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

"ހީވެސް ނުކުރާ ވަރުގެ ޑިމާންޑެއް އޮވޭ. ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާވަމުންދާ ވަރަކަށް ހިދުމަތަށް އޮތް ޑިމާންޑުވެސް ދަނީ އިތުރު ވަމުން،" ނިޒްމާ ވިދާޅުވި އެވެ.

އަޔާދީ ތަކާފުލް އޮފީސް ހުންނަނީ ހ. އޯކިޑް ފުރަތަމަ ބުރީގަ އެވެ.