ހަބަރު

ނަޝީދުގެ ޝަރީއަތް އަވަސް ކުރަން ސައިކަލް ބުރެއް!

Mar 7, 2015

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް އަވަސް ކޮށް، އިންސާފު ގާއިމް ކުރުމަށް ގޮވާލައި ސަރުކާރަށް ތާއީދު ކުރާ އެތައް ހާސް ބަޔަކު މާލޭގެ މަގުތަކުގައި މިއަދު ސައިކަލް ބުރެއް ބާއްވައިފި އެވެ.

"އިންސާފު ގާއިމް ކުރުން އަވަސް ކުރޭ"ގެ ނަމުގައި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި، ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ކުރިއަށް ތިއްބަވައިގެން، ބޭއްވި އެ ސައިކަލް ބުރު ފެށީ މިއަދު ހަވީރު 4:00 ގައި ސުނާމީ ބިނާ ސަރަހައްދުންނެވެ. ހުދާއި ފެހި "ތަމްބްސް ޑައުން" ނިޝާން ޖަހާފައި ހުރި ޓީޝާޓްތަކެއް ލައިގެން ތިބެ އެ މުޒާހަރާގެ ބައިވެރިން އަޑުއުފުލީ ރައީސް ނަޝީދުގެ ޝަރީއަތް އަވަސް ކުރުމަށެވެ.

ކުށެއް ކޮށްފައިވާ ނަމަ ކޮންމެ މީހަކަށް ވެސް އަދަބު ލިބެން ޖެހޭނެ ކަމަށް އެ މީހުން ދިޔައީ އަޑުއުފުލަމުންނެވެ. އަދި ގާނޫނު އަސާސީ ހިމާޔަތް ކުރުމަކީ، އެންމެންނަށް ހަމަހަމަކޮށް އިންސާފު ލިބުން ކަމަށް ވެސް ބުނެ އެ މީހުން އަޑުއުފުލި އެވެ. އެ ސައިކަލް ބުރުގައި މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އެހެން ވެސް ބައެއް އޮފިޝަލުން ބައިވެރިވި އެވެ.

ސަރުކާރަށް ތާއީދު ކުރާ ޒުވާނުންތަކެއް އެކުވެގެން މިދިޔަ ބުދަ ދުވަހު ހަވީރު ވެސް ވަނީ ހިނގާލުމެއް ބާއްވައިފަ އެވެ. އެ ހިނގާލުމުގައި ވެސް ރައީސް ނަޝީދުގެ ޝަރީއަތް އަވަސް ކުރުމަށް ވަނީ ގޮވާލައިފަ އެވެ. ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އެއްވުންތައް ބާއްވާއިރު، ރައީސް ނަޝީދު ހައްޔަރު ދޫކޮށްލުމަށް އެމްޑީޕީން އަންނަނީ ކޮންމެ ދުވަހަކު މުޒާހަރާ ކުރަމުންނެވެ.