ރިޕޯޓް

އިދިކޮޅު ޕާޓީގެ ރޯލް މައުމޫންއަށް، އެމްޑީޕީ އިތުރަށް ފަނޑުވަނީ!

  • މައުމޫންގެ އަމަލުތަކުން މާ ޑެމޭޖް ބޮޑު
  • މައުމޫން ހުންނެވީ ހުރިހާ ކަމެއްގައި އިދިކޮޅަށް
  • މައުމޫންއަށް ކެހި ލިބޭނެ ކަމަށް ޕީޕިއެމް ބުނޭ

ޑިމޮކްރަސީއެއްގައި ޒިންމާދާރު ސިޔާސީ އިދިކޮޅު ފަރާތްތަކުގެ މައްސޫލިއްޔަތަކީ ސަރުކާރެއް ގާނޫނީ ހަމަތަކުގެ މަތިން ޒިންމާދާރު ކުރުވަން މަސައްކަތް ކުރުމެވެ. ދުނިޔޭގެ މަލްޓި ޕާޓީ ސިސްޓަމްތަކުގައި ޕްރެކްޓިސް ކުރާ ފަދައިން ރާއްޖޭގައި ވެސް ސަރުކާރު ޒިންމާދާރު ކުރުވުމަށް ރައްޔިތުން މަޖިލީހުގައި ވަކާލާތުކޮށް އެއްވުންތައް ބާއްވައި އަދި އެހެނިހެން ޕްލެޓްފޯމްތަކުގައި ވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތްތަކެއް ކުރެއެވެ. އަދި ބައެއް މައްސަލަތަކުގައި އިދިކޮޅު އެހެން ޕާޓީތަކާއި އެކު ގުޅިގެން މަސައްކަތް ވެސް ކުރެ އެވެ.

ނަމަވެސް ސިޔާސީ މައިދާނުގައި އެންމެ އަޑުގަދަކޮށް ހަރަކާތްތެރި ވާންޖެހޭ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އެންމެ ރަނގަޅަށް ހަރަކާތް ނުކުރާތަން މި މިއޮތީ ދުވަސްގަނޑެއްވެފަ އެވެ. ސޯޝަލް މީޑިއާތަކުގައި ހަރަކާތްތެރިވާ އެމްޑީޕީ އެކްޓިވިސްޓުންނާއި އެމްޑީޕީގެ އިސް ބޭފުޅުންވެސް އެންމެ ބާރަށް ދައްކާ ވާހަކައަކީ ޕީޕީއެމް ތެރޭގައި އުފެދުނު ކޯޅުންގަނޑުގެ ވާހަކަ އެވެ. ރައީސް ނަޝީދުވެސް އިނގިރޭސިވިލާތުގައި އިންނަވައިގެން ދޭތެރެއަކުން ޓްވީޓެއް ކޮށްލައްވާނީ ޕީޕީއެމްގެ ދެ ފެކްޝަންގެ މައްސަލަތަކަށް އަމާޒުކޮށްގެނެވެ. ޕީޕީއެމްގެ ހ. ތެމާ އޮފީސް ހުސް ކުރަން މެންބަރުން ވަދެގެން އުޅުން ރޭ އެކަން ސާބިތުވި އެވެ. އެއީ އެ ސަރަހައްދަށް ވެސް އެއްވެ އުޅުނީ އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންނާއި މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަކެވެ.

މިކަމާ މެދު ސަރުކާރު ތަމްސީލް ކުރާ ޕާޓީ، ޕީޕީއެމްގެ ވިސްނުން ހުރީ ކިހިނެތް ހެއްޔެވެ؟

"އިދިކޮޅު ޕާޓީގެ ރޯލުވެސް އެމްޑީޕީއިން ކުރަން ޖެހޭ މަސައްކަތްތައް ވެސް މިއަދު ކުރަނީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން ކުރާތަން. އެއީ ވަރަށް ހިތާމަ ކުރައްވާ ކަމެއް. އިދިކޮޅު ޕާޓީއެއް މިވަގުތަކު ނެތް. ދައުތަލުން ޕާޓީތަކަށް ފައިސާ ދެނީ ޒިންމާދާރު ގޮތެއްގައި ޕާޓީތައް ހިންގުމަށް. ނަމަވެސް ރައްޔިތުންގެ ފައިސާ ނަގައިގެން ޒިންމާދާރު ކަމާއެކު ޕާޓީ ނުއެއް ހިންގާ،" ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވި އެވެ. "ރައީސް މައުމޫން ސަރުކާރާ ދެކޮޅަށް ކުރާ މަސައްކަތް ވަރަށް ފާޅުގައި މި ފަހަކަށް އައިސް ކުރިނަމަވެސް އެކަން ފަށާގެން އުޅޭތާ ވަރަށް ދުވަސް ވެއްޖެ. ދޭތެރެ ދޭތެރެއިން އަޅުގަނޑުމެން މަޖިލީހަށް ހުށަހަޅާ ބޮޑެތި ބިލުތައް ފާސް ނުކުރާން ފޯން އަށް މައުމޫން މެސެޖު ކުރައްވާނެ. އިދިކޮޅު ފަރާތެއް ނުވަތަ އިދިކޮޅު ޕާޓީއެއްގައި ނޫން މައުމޫން ހުންނެވީ. ނަމަވެސް އެ މީހުން ކުރާ ދަތިތަކަށްވުރެއް މައުމޫން ކުރައްވާކަންކަން ދަތި އެބަވޭ،"

އިދިކޮޅު ޕާޓީއެއްގެ ރޯލު އަދާ ކުރުމުގެ އެންމެ ކުރީ ސަފުގައި މިހާރު ހުންނެވީ ރައީސް މައުމޫން ކަން ޝައްކެއް ނެތެވެ. ޕީޕީއެމް ދެ ކަފިވީ ވެސް ޕާޓީގެ އެތެރެ އިސްލާހު ކުރަން ޖެހޭ ކަމަށް ބުނެ މީޑިއާ ކުރިމަތީ މެންބަރުންތައް ވެސް ފަލީހަތްކޮށްލީ ޖެހިލުމެއް ނެތި އެވެ. އެ ރޭ އިސްލާހީ އެޖެންޑާ އިއުލާން ކުރައްވަމުން މައުމޫން ވިދާޅުވީ މެންބަރުންނާ މަޝްވަރާކޮށްގެން ޕާޓީ އިސްލާހު ކުރަން އެދޭ ކަމަށެވެ. ނަމަވެސް މިފަހަކަށް އައިސް މައުމޫން ވިދާޅުވާ ބަސްފުޅުގައި އެމަނިކުފާނު ސިފަވަނީ އިދިކޮޅު ލީޑަރެއްގެ ގޮތުގަ އެވެ. ހުދު އެންމެ ބާރުގަދަ އެމެރިކާ ވެސް މައުމޫން ސިފަކުރީ އިދިކޮޅު ލީޑަރުގެ ގޮތުގަ އެވެ.

ޕާޓީ އިސްލާހު ކުރަން ނިކުމެވަޑައިގެން މައުމޫން އެންމެ ފަހުން އެ މަސައްކަތް ވެސް ކާމިޔާބު ނުވެ، ސަރުކާރާ ދެކޮޅަށް ކުރާ ތާއީދު އަންބުރާ ގެންދެވިކަން އިއުލާން ކުރައްވައި ސަރުކާރަށް ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ފެއްޓެއްވި އެވެ. އަމިއްލަ ޕާލިމަންޓްރީ ގްރޫޕެއް އުފެއްދެވޭތޯ ގަދަ އަޅާ މަސައްކަތް ކުރެއްވި އެވެ. އަދި މަޖިލީހުގެ ތެރެއިން ސަރުކާރުގެ ގުޑުވާލެވޭނެ ވަރުގެ ވޯޓެއް ނެގުމަށް ވެސް އެމަނިކުފާނު އަތުކުރި އޮޅާލެއްވި އެވެ. ސަރުކާރު ޖެހިލުން ކޮށްލެވޭ ވަރަށް ކިރިޔާ ވެސް މަސައްކަތްތަކެއް އަދި މި ކުރެއްވުނީ މައުމޫންއަށެވެ.

އެހެންކަމުން "އަސްލު" އިދިކޮޅު ރޯލު އަދާ ކުރަން ޖެހޭ އެމްޑީޕީގެ ހަރަކާތްތައް ހުއްޓުނީ ހެއްޔެވެ؟ އެންމެ ފަހުން އެ ރޯލު މި ކުޅުއްވަން ޖެހުނީ މައުމޫން އަށެވެ.

"އަޅުގަނޑުމެން ޕާޓީގެ އެއްވެސް ހަރަކާތެއް ނުހުއްޓޭ. މިވަގުތަށް މަޑުމަޑުން އޮތަސް އެތެރެއިން ގިނަ މަސައްކަތްތަކެއް ރައީސް ނަޝީދުވެސް ކުރަމުން ގެންދަވާނެ. ރައީސް މައުމޫން ވެސް ރަނގަޅު ވާހަކައެއް ދައްކަވަންޔާ އެ މަސައްކަތްތަކަށް ވެސް ތާއީދު ކުރެވޭނެ. ނަމަވެސް އޭގެ ސަބަބުން އެމްޑީޕީގެ ހަރަކާތްތަކަށް ކުޑަވެސް އަނދިރިކަމެއް ނާންނާނެ،" އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވީ މިހެންނެވެ.

މައުމޫންއާ ނަޝީދު އެއްގަލަކަށް އަރާނެތަ؟

މީގެ އަހަރެއް ކުރިން ކޮންމެ ދިވެއްސެއް ކައިރީގައި ވެސް ރައީސް މައުމޫންއާ ރައީސް ނަޝީދު ގުޅިގެން މަސައްކަތް ކުރައްވާފާނެތޯ އަހާފިއްޔާ އެކަން ވެގެންދާނީ ދުވަހުގެ ބޮޑު ޖޯކަށެވެ. ރައީސް މައުމޫންއާ ރައީސް ނަޝީދު ގުޅުމަކީ ފެނާ ތެލާ އެއްވުން ފަދަކަމެއް ކަމެއް ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ސިފަކުރެ އެވެ. ޕީޕީއެމް ދެ ފަޅިވެ ސިޔާސީ މަސްރަހު ކިތަންމެ ވަރަކަށް އެނބުރުނަސް އެ ދިމާލަށް މިސްރާބު ޖަހާފާނެ ކަމަކަށް މިހާތަނަށް އެއްވެސް ބަޔަކު ލަފާކޮށްފައެއް ނުވެ އެވެ.

ކަންމިހެން އޮތް ނަމަވެސް އެކަމުގައި ދެވަނަ ވިސްނުމަކަށް ދާން ޖެހުން ފުރަތަމަ އިޝާރާތަކީ "ސްޓީލިން ޕެރެޑައިސް" ނަމުގައި އަލަޖަޒީރާއިން ތައްޔާރު ކުރި ޑޮކިއުމަންޓަރީއާ ގުޅޭ އިތުރު އާޓިކަލްތަކެއް ވިލް ޖޯޑަން އާންމު ކުރެއްވި އިރު އޭގެ ތެރެއިން ފެންމަތިވީ ހަބަރަކާ އެކުގަ އެވެ. އެއީ ރައީސް މައުމޫން އާއި ރައީސް ނަޝީދު އެއްކަލަގަށް އެރުމަށް ދެބޭފުޅުންގެ ދެމެދުގައި ހިނގާފައިވާ ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތެއްގެ ވާހަކަ ފެންމަތިވީ ހިސާބުންނެވެ. ނަމަވެސް ދެ ރައީސުންވެސް އެކަން އިންކާރު ކުރައްވަ އެވެ.

އޭގެ މާގިނަ ދުވަހެއް ނުވެ ބޭރު ގައުމެއްގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވަނީ މާޒީ ހަނދާން ނައްތާލައިގެން ކުރިޔާށް ދާން ބޭނުންވާ ކަމަށާއި ރައީސް މައުމޫންއަށް މާފް ކުރާ ކަމަށެވެ. މިކަން ވެގެން ދިޔައީ ގިނަ ބަޔަކު ސިއްސުވާލި ކަމަކަށެވެ. ނަމަވެސް ހީކޮށްގެން ތިބީ އެއީ ރައީސް ނަޝީދު އަނބުރާލި ސިޔާސީ ގޭސް ގަނޑެއް ކަމަށެވެ. އެހެންނަމަވެސް ނަޝީދު އެ ނޫހުގައި ދައްކާފައި ހުރި ވާހަކަތަކަށް ބާރު ލިބިގެންދިޔައީ ރައީސް ޔާމީންއަށް ކުރައްވާ ތާއީދު އަންބުރާ ގެންދަވާ ސަރުކާރާ ދެކޮޅަށް ފަށާފައިވާ މަސައްކަތުގައި ސިޔާސީ އިދިކޮޅު ހުރިހާ ޕާޓީތަކާއެކު މަޝްވަރާ ކުރަން ސިޓީ ފޮނުވާފައިވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޕޯޑިއަމްއަށް އަރާ މައުމޫން ވިދާޅުވީ ދުވަހު އެވެ. ރައީސް ޔާމީންއާ އެކު ފަށާފައިވާ ހަނގުރާމައުގެ ކުރި ހޯދައި ބާރުތައް ހޯދުމަށް ކޮންމެ ދަރަޖައަކަށް ވެސް ދާނެ ކަމަށް މައުމޫންގެ ވާހަކަތަކުން ސިފަވެ އެވެ. އަދި އަމަލުތަކުން ކަންތައް ކުރައްވަނީ އެގޮތަށެވެ.

"ރައީސް މައުމޫން ފެތެމުން އެ ދަނީ ވަރަށް މަކަރުވެރި ރޭވުމެއްގެ ތެރެއަށް. އެމްޑީޕީއިން ވިސްނުން ގެންގުޅުއްވާނީ ވަރަށް ސާފުކޮށް. އެމީހުން ދުވަހަކުވެސް ރައީސް މައުމޫންއާ މެދު ހިތްހަމައެއް ނުޖެހޭނެ. އަދި ހެވެއްވެސް ނޭދޭނެ. މިވަގުތާ ހާލަތުގެ ބޭނުމުގައި ރައީސް މައުމޫންއަށް ތާއީދުކޮށްލާ އެމްޑީޕީގެ ސޯޝަލް އެކްޓިވިސްޓުން އެހާ ހިތްވަރުކޮށް ހަދަނީ ރައީސް މައުމޫން ލައްވާ ސަރުކާރަށް އިތުރަށް ދަތި ކުރުމަށް،" ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވި އެވެ. "މިއީ ރައީސް މައުމޫންގެ ފަރާތުން މިހާތަނަށް ވެސް ފެންނަ އަމަލުތަކެެއް ނޫން. ރައީސް މައުމޫންގެ އަތާއި ފަޔާ ކޮންޓްރޯލް ކުރަނީ އެމްނިކްފާންގެ ފަހަތުގައި ހުންނަވާގެން މަސައްކަތް ކުރާ ބައެއް ފަރާތްތަކުން. 1970 ވަނަ އަހަރުގެ ކުރީކޮޅުގައި ރައީސް މައުމޫން މިސްރުގައި ހުންނަވައިގެން ރާއްޖެ ވަޑައިގެންނެވީއް ސުރެއް ރައީސް ކަމާ އަރާވަޑައިގަތް އިރުވެސް ރައީސް މައުމޫންއަކީ އެހެންމީހުން ދައްކާވާހަކަތައް ހިފައިގެން ދުވާ މީހެއް ނޫން. 1978 އަކުން 2008 އަކަށް ވެސް ހަމަ ރައީސް މައުމޫން ހުންނެވީ އެގޮތުގައި ނަމަވެސް މިއަހަރުން ފެށިގެން ރައީސް މައުމޫންގެ ބަސްމަގާ އަމަލުތައް މުޅިން ބަދަލުވެއްޖެ،"

ކޮންމެއަކަސް ރައީސް މައުމޫންއަށް ރަނގަޅު ގޮތެއް ވާން ރައީސް ނަޝީދު ނުވަތަ އެމްޑީޕީއިން އެދޭނެ ކަމަށް ހީކުރުން ވާނީ އެޅޭ ނުބައި ފިޔަވަޅަކަށެވެ. އެއީ 2003 ވަނަ އަހަރު އީވާން ނަސީމް މަރާލި މައްސަލާގައި ފާރުގައި ހަރުކޮށްފައިވާ ބެނާތައް ހަނދާނަށް ގެނައުމުންވެސް އެކަން ޔަގީންވާނެއެވެ. އަދި އެ ދުވަސްވަރު ގދ. ތިނަދޫގެ ފާރުގައި ރައީސް މައުމޫން އަވަހާރަކޮށްލާ މީހަކަށް ބޮޑު އަދަދެއްގެ ފައިސާއެއް ދޭނެ ކަމަށް ބުނެ ބޮޑޫ އަކުރުން ޖެހީވެސް އެމަނިކްފާނުގެ ފިކުރާ އިދިކޮޅު ފަރާތްތަކެވެ. އަދި މިހާރުގެ އެމްޑީޕީ މީހުންނެވެ. އެހެންވެ އެ ޕާޓީގެ ފަރާތްތަކާ އެކު ކުރިޔަށް ދިޔުމަކީ އެންމެ ބުއްދިވެރި ގޮތަކަށް ނުވުން އެކަށީގެންވެއެވެ.

ޕީޕީއެމް ކޯޅުން: އެމްޑީޕީއަށް ލިބޭ ވަރުގަދަ ހަތިޔާރެއް!

ފިތުރު އީދުގެ ދުވަހާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ގައުމާ މުހާތަބު ކުރައްވަމުން މިއަދުގެ ހާލަތާ ވަރަށް ގުޅޭ ވާހަކައެއް ދެންނެވި އެވެ. އެމަނިކުފާން ވިދާޅުވީ ޕީޕީއެމް ތެރޭގައި މައްސަލަތައް ޖެހި ދެބައިވާން ޖެހިއްޖެ ނަމަ އެކަން ވެގެންދާނީ އިދިކޮޅު ފަރާތްތަކަށް ލިބޭ އީދު ހަދިޔާއަކަށް ކަމަށެވެ. އަދި އެކަން އެގޮތަށް ވާން ބޭނުން ނުވާ ކަމަށާއި އޭގެ ކުރިން މަޝްވަރާކޮށްގެން މައްސަލަތައް ހައްލު ކުރެއްވުމަށް ރައީސް ޔާމީން ގޮވާލެއްވި އެވެ.

"މި މައްސަލަގަނޑު ތެރޭގައި އެމްޑީޕީ ނަގަމުން އަންނަނީ ވަރުގަދަ އެޑްވާންޓޭޖް އެއް. ވަރަށް ނުރައްކާތެރިކަމެއްގެ ތެރެއަށް ރައީސް މައުމޫންއަށް އެ ވަދެވެނީ. އެމީހުންނަކީ ދުވަހަކުވެސް ރައީސް މައުމޫންއަށް ހެޔޮ އެދޭބައެއް ނޫން. އެހެންވެ އެމީހުންގެ އަމިއްލަ ބޭނުންތައް ހިފަން ރައީސް މައުމޫން އިތުރަށް ރުޅިއަރުވައިގެން ހިތްވަރުދީގެން ވާހަކަތައް ދެއްކީމަ ސަރުކާރާ މެދު ހިތްހަމަނުޖެހުން ބޮޑުވެގެން ދާނެ. އަދި ރައީސް މައުމޫން އެނބުރި އަޅުގަނޑުމެންނާ ހިސާބަށް ނާދެވޭ ވަރަށް ވުރެއް މާދުރަށް އެއްލާލާނެ. އަދި ފަހު ވަގުތު އެމްޑީޕީއިން ރައީސް މައުމޫން ބޮލަށް ފައިން އަރާނެ،" ޕީޕީއެމްގެ މެންބަރަކު ވިދާޅުވި އެވެ.

ކޮންމެއަކަސް ރައީސް ޔާމީން އޭރު ކުރެއްވި އިލްތިމާސް މިހާރުގެ މައުމޫން ފެކްޝަނުން ބަލައެއް ނުގަތެވެ. އަދި މަޝްވަރާގެ މޭޒާ ހަމަޔަށް ދިޔުމުގެ ކުޑަވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް އެ ފެކްޝަންގެ އަމަލުތަކުން އެނގެއެވެ. އަދި އޭގެ ފައިދާ އެމްޑީޕީއިން އަންނަނީ ވަރަށް ފުރިހަމަޔަށް ހިފަމުންނެވެ. ރައީސް މައުމޫން ސަރުކާރާ ދެކޮޅަށް ދައްކަވާ ވާހަކަތަކަކީ ސަރުކާރު ވައްޓާލުމަށް ކުރާ މަސައްކަތްތަކަށް އިތުރުވާ ބޮޅެކެވެ. ރައީސް މައުމޫން އަކީ ރަނގަޅަށް ވެސް މިހާރު އިދިކޮޅު ލީޑަރަކަށް ބަދަލުވެ ނިމިއްޖެ އެވެ.