- ސިއްހަތައް ގެއްލުން ހުރި މުދަލުން ޑިއުޓީ ބޮޑު ކުރޭ
- އެއާޕޯޓު ޑިވެލޮޕްމަންޓު ޗާޖެއް ނަގަން ފަށަނީ
- ޓެކްސީއާ ޕިކަޕް ހުއްދައިގެ ކޯޓާގެ ނިޒާމް ހަރުދަނާ ކުރަނީ
އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރަން ކުރާ މަސައްކަތުގެ ތެރެއިން، މާލޭގައި ދުއްވާތަކެތީގެ ތޮއްޖެހުން ކުޑަ ކުރަން ކޮންޖެޝަން ޗާޖެއް ތައާރަފް ކުރަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހުށަހަޅައިފި އެވެ.
ރައްޔިތުން މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ހުށަހަޅަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރު ދައުލަތަށް ލިބޭ އާންދަނީ އިތުރު ކުރަން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި ސިއްހަތައް ގެއްލުން ހުރި ބައެއް މުދަލުން އިމްޕޯޓު ޑިއުޓީ ބޮޑު ކުރުމާއި، މާލެ ސަރަހައްދުގެ ދުއްވާތަކެތީގެ ތޮއްޖެހުން ކުޑަ ކުރަން ކޮންޖެޝަން ޗާޖެއް ތައާރަފް ކުރުން ހިމެނޭ ކަމަށެވެ. އަދި ޓެކްސީއާ ޕިކަޕް ހުއްދައިގެ ކޯޓާގެ ނިޒާމް ހަރުދަނާ ކޮށް ހުއްދަތައް ވިއްކަން ފެއްޓުމާއި ސާވޭ ޑިވަލޮޕްމަންޓް ފަންޑެއް ގާއިމް ކުރުމަށްޓަކާ އެއާޕޯޓު ޑިވަލޮޕްމަންޓު ޗާޖެއް ނެގުމުގެ އިތުރުން އެސްއީޒެޑުތަކުގައި ތަަރައްގީ ކުރާ މަޝްރޫއުތަކުން ލިބޭ އިކުއިޒިޝަންފީއާ،
ބިންވެރި ކުރުމުގެ ސިޔާސަތުގެ ދަށުން އިގްތިސޯދީ ބޭނުންތަކަށް ބިން ވިއްކުން ވެސް ހިމެނޭ ކަމަށެވެ.
"އޭގެ ތެރެއިން މަޖިލީހުން ގާނޫންތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްދެއްވާ ފާސްކުރަން ޖެހޭ ބިލުތައް ބިލްތައް ފާސް ކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް،" މުނައްވަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަން ކުރިއަރާ ރާއްޖޭގެ ޖީޑީޕީ މައްޗައް ދާނެ ކަމަށް ލަފާ ކުރުމާއި 10 އަކަށް ވުރެ ގިނަ ރިސޯޓު ހުޅުވި އުފެއްދުން ތެރިކަން މައްޗައް ދާނެ ކަމަށް ލަފާ ކުރެވޭތީ މިއަހަރަށް ވުރެ އަންނަ އަހަރު ޓެކްސްއާ ޓެކްސް ނޫން ގޮތް ގޮތުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަދި އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭ 14.1 ބިލިއަން ރުފިޔާއާ، ޓެކްސް ނޫން ގޮތަށް ލިބޭ 4.8 ބިލިއަން ރުފިޔާއާ، ހިލޭ އެހީގެ ގޮތުގައި ލިބޭ 876 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާ ކަންތައްތަކުން ލިބޭ 2 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.