މާލޭ ސަރަހައްދު ގުޅައިލުމުގެ މަސައްކަތުގެ ތެރެއިން މާލެ އާއި ތިލަފުށި ދެމެދު ބްރިޖު އެޅުމަށް 411 މިލިއަން ރުފިޔާ ހަރަދު ކުރަން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބެޖެޓުގައިވާ ގޮތުން އިގްތިސާދާއި ސިނާއީ ކުރިއެރުމަށް ވަނީ 7.9 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމައިފަ އެވެ. އެގޮތުން ކެޕިޓަލް ހަރަދުގެ ގޮތުގައި އޭގެ 84 ޕަސަންޓު ހަމަޖައްސާފައިވާ އިރު ރިކަރަންޓު ހަރަދުގެ ގޮތުގައި ލަފާކޮށްފައި ވަނީ 16 ޕަސަންޓެެވެ.
އެގޮތުން ގްރޭޓާ މާލެ ސަރަހައްދު ގުޅައިލުމުގެ މަސައްކަތުގެ ތެރެއިން މާލެ-ތިލަފުށި ބްރިޖު އެޅުމަށް 411 ރުފިޔާ ހަރަދު ކުރަން ވަނީ ހިމަނައިފަ އެވެ. އަދި ގުޅިފަޅު ހިއްކުމާއި ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް 247 ރުފިޔާ ހަރަދު ކުރަން ވެސް ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ.
"މާލޭގެ ޕޯޓަށް ބަދަލެއް ނައިސް އޮންނަތާ 30 އަހަރުވެއްޖެ. އޭގެ ސަބަބުން މުދާ ބޭލުމަށާއި މުދާ ގުދަން ކުރުމަށާއި ވިޔަފާރި ކުރާ ތަންތަނަށް މުދާ ގެންދިޔުމުގައި ޒަމާނާ ނުކިއްސަރު ގޮންޖެހުންތަކެއް ވިޔަފާރިތަކަށް އަންނަނީ ދިމާވަމުން،" ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.
ބްރިޖާއި ޕޯޓުގެ މަސައްކަތުގެ އިތުރުން ރާއްޖޭގެ ގައުމީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމަށް 150 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއަށް 853 މިލިއަން ރުފިޔާ ހަރަދު ކުރަން ނިންމާފައިވާ އިރު ސަސްޓެއިނަބަލް އެނާޖީ މަޝްރޫއަށް 247 މިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ހިމަނައިފަ އެވެ.
އޭގެ އިތުރުން މަގު ހެދުމާއި ބިން ހިއްކުމުގެ ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ރާވައިފަ އެވެ. އެގޮތުން ރާއްޖޭގެ އެކިއެކި ރަށްތަކުގެ ބިން ހިއްކުމަށް 955 މިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ނިންމައިފަ އެވެ. އަދި އައްޑޫ ސިޓީގެ ބިން ހިއްކުމާއި މަގު ހެދުމަށް 135 ރުފިޔާ ހިމަނާފައިވާ އިރު މާލެ ސިޓީގެ މަގު ހެދުމުގެ އާ މަޝްރޫއަށް 79 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އޭގެ އިތުރުން ފުވަމުލަކު މަގު ހެދުމަށް ވެސް 61 މިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ނިންމައިފަ އެވެ.