ލައިފްސްޓައިލް

ކުދިންނަށް ދޭ ވަގުތު ފޯނަށް ދިނުން ގޯސް!

Nov 8, 2016

އާ ދިރާސާތަކުން ދައްކާ ގޮތުގައި މައިންބަފައިން ކުދިންނާއެކު ހޭދަކުރާ ވަގުތުގައި މޯބައިލް ފޯން ބޭނުންކުރާނަމަ ކުދިންނަކީ މާ މުހިންމު ބައެއް ނޫން ކަމަށް އެކުދިންނަށް އިހުސާސް ކުރެވެ އެވެ. އަދި އެއީ މައިންބަފައިން ހަދާ ވަރަށް ބޮޑު ގޯހެކެވެ.

އޭވީޖޭ ޓެކްނޮލަޖީން ތައްޔާރުކޮށްފައިވާ މި ދިރާސާގައި ބްރެޒިލް، އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް، އިނގިރޭސިވިލާތް، ޖާމަނީ އަދި އެމެރިކާ ފަދަ ގައުމު ތަކުގެ، އުމުރުން އަށް އަހަރާއި ތޭރަ އަހަރާއި ދެމެދުގެ ހަ ހާސް ކުދިންނާ ސުވާލުކޮށްފައިވެ އެވެ.

އެ ސާވޭ ދައްކާ ގޮތުން 52 ޕަސެންޓް ކުދިން ގަބޫލު ކުރާ ގޮތުގައި ކުދިންނާއެކު ހޭދަކުރާ ވަގުތުގައި ބެލެނިވެރިން ފޯނާކުޅޭ ވަގުތު ގިނަ އެވެ. އަދި ކުދިންނާއެކު ކާވަގުތުގަޔާއި ޓީވީ ބަލާ ކުޅޭ ހަދާވަގުތު ތަކުގައި ބެލެނިވެރިން ފޯނާ ކުޅޭނަމަ 32 ޕަސެންޓް ކުދިންނަށް އިހުސާސްވަނީ އެމީހުންނަކީ މާ މުހިންމު ބައެއް ނޫން ކަމެވެ.

އެ ސާވޭ ތައްޔާރު ކުރި އޭވީޖޭ ޓެކްނޮލަޖީގެ ސީނިއާ ސެކިއުރިޓީ ޓޯނީ އެސްކޮމްބް ބުނެފައިވަނީ ޓެކްނޮލަޖީ ޑިވައިސްތަކުގެ ބޭނުން ކުދިން މާ ކުޑައިރު ބޭނުންކުރަން ފަށާކަމަށެވެ. އަދި ގޭތެރޭގެ މާހައުލުގައި ކުދިންނަށް ބެލެނިވެރިން ރަނގަޅު ނަމޫނާ ދެއްކުމަކީ ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށެވެ.