ހަބަރު

ނަޝީދުގެ ޝަރީއަތުގައި އަބްދުﷲ ގާޒީގެ އަނބިކަނބަލުން ހެކިބަސް ދީފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި އަބްދުﷲ ގާޒީގެ އަނބިކަނބަލުންނާއި އެ އާއިލާގެ އިތުރު މީހެއްގެ ހެކިބަސް މިރޭ ކޯޓުން ނަގައިފި އެވެ.

ނަޝީދުގެ މައްޗަށް ކުރާ ޝަރީއަތުގެ މިރޭ ބޭއްވި އަޑުއެހުމުގައި ނެގީ އަބްދުﷲ ގާޒީގެ އަނބިކަނބަލުންނާއި އަނބިކަނބަލުންގެ ދައްތައެއްގެ ހެކިބަހެވެ. އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދެމުން އެ ދެ މީހުން ވެސް ބުނީ އަބްދުﷲ ގާޒީ ގޭގައި ހުއްޓާ ސިފައިން އޭނާ ގެންދިޔައީ ގަދަކަމުން ކަމަށާއި ކޯޓު އަމުރެއް ވެސް އަދި ހައްޔަރުކުރާ ސަބަބެއް ވެސް ސިފައިން ނުބުނާ ކަމަށް އެ ދެ މީހުން ބުންޏެވެ.

އެ ދެ މީހުން ވެސް އަބްދުﷲ ގާޒީ ގެންދިޔައީ ގޭގައި ކާން އިންދާ ކަމަށާއި އަދި ގެންދިއުމުގެ ތެރޭގައި ގާޒީގެ އުޅަބޮށްޓައް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބުނު ކަމަށް ވެސް އެ ދެ މީހުން ބުންޏެވެ.

އެ މައްސަލައިގައި ނަޝީދާ ދެކޮޅަށް ހެކިންގެ ގޮތުގައި އިސް ގާޒީ އަބްދުﷲ ވެސް ހުށަހަޅާފައި އޮތް ނަމަވެސް ދައުލަތުން މިރޭ ވަނީ އަބްދުﷲ ގާޒީގެ ހެކިބަސް ނަގަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

މިރޭ ދެން ނެގީ ފުލުހުންގެ އޮފިސަރެއް ކަމަށް އަބްދުލްމަންނާނު ޔޫސުފްގެ ހެކިބަހެވެ. ހެކިބަސް ދެމުން އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ދޫކޮށްނުލާނެ ކަމަށާއި އޭނާއަށް 100 ފޫޓަށް ވެސް ކޯޓާ ކައިރި ނުވެވޭނެ ކަމަށް ފުލުހުންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ.

މަންނާނުގެ ހެކިބަސް ނަގަން އުޅުމުން ނަޝީދުގެ ވަކީލުން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. ނަޝީދުގެ ވަކީލުން ބުނީ މަންނާނަކީ ނަޝީދުގެ ވެރިކަން ބަދަލު ކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވާ މީހަކަށް ވާތީ އޭނާގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ފަނޑިޔާރުން ނިންމެވީ އޭނާގެ ހެކިބަސް ނެގުމަށެވެ.

އެ ޝަރީއަތުގެ ދެން އޮންނަ އަޑުއެހުން މާދަމާ ރޭ އޮންނާނެ ކަމަށް މިރޭގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ވިދާޅުވެފަ އެވެ.