ހޮލީވުޑް

"ހޯމްލޭންޑް" ގެ އާ ސީޒަނަށް ބޮޑު ބަދަލެއް

ބައެއް މީހުން ބުނަނީ ޓިވީ ސިލްސިލާ "ހޯމްލޭންޑް" ގެ ފޯރި އެއް ސީޒަނުން އަނެއް ސީޒަނަށް ދަށްވަމުންދާ ކަމަށެވެ. ނިކޮލަސް ބްރޯޑީގެ ކެރެކްޓާ މަރާލި ހިސާބުން އަޅުގަނޑު ވެސް މި ޑްރާމާއެއް ނުބަލަމެވެ.

އެހެންވީމަ ނިމިގެން ދިޔަ ސީޒަނުގައި ހުރި ފޯރިއެއްގެ ވާހަކަ ދައްކާކަށް ނޭނގެ އެވެ. ނަމަވެސް ކުރިއަށް އޮތް ފަސް ވަނަ ސީޒަންގެ ވާހަކައެއް އެބައޮތެވެ.

ބެލެވޭ ގޮތުގައި މި ސިލްސިލާގެ ޕްލޮޓަށް އަނެއްކާވެސް ބޮޑު ބަދަލެއް އަންނަން އުޅެނީ އެވެ. ފަސް ވަނަ ސީޒަންގެ މަންޒަރުތައް ޖަރުމަނުގައި ޝޫޓްކުރަން ފަށާފައިވާއިރު ޝޯގެ ޕްރޮޑިއުސަރުން ބުނަނީ މި އޮތް ހާ ދުވަހު ޖާސޫސީ އެޖެންޓެއްގެ ގޮތުގައި ފެނުނު، ސީރީޒްގެ ލީޑް ކެރެކްޓާ، ކެރީ މެތިސަން ކުރިއަށް އޮތް ސީޒަނުގައި ފެނިގެންދާނީ މުޅިން ތަފާތު ގޮތަކަށް ކަމަށެވެ.

އިންޓެލިޖެންސްގެ އޮފިސަރެއްގެ ގޮތުގައި ޓެރަރިސްޓުންނާ ދެކޮޅަށް އޭނާ ހަރަކާތްތެރިވާ މަންޒަރު ސީޒަން ފަހެކުން ނުފެންނާނެ ކަމުގެ ޔަގީންކަން މި ވަނީ ދީފަ އެވެ. އެހެންވީމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟

ޓެރަރިސްޓުންނާ ދެކޮޅު އެޖެންޓެއްގެ ގޮތުގައި ކެރީ ނުފެންނަ ނަމަ އޭނާ އެނބުރި އަންނާނީ ކޮން ރޯލަކުން ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ހޯދަން ޝޯގެ ބެލުންތެރިން ޖެހޭނީ މި އަހަރުގެ ސެޕްޓެމްބަރު މަހަށް އިންތިޒާރުކުރާށެވެ.

"ހޯމްލޭންޑް" ގެ ފުރަތަމަ ތިން ސީޒަނުގައި ދައްކުވައި ދިނީ އިރާގު ހަނގުރާމައިން އެނބުރި އަންނަ އެމެރިކާގެ ސިފައިންގެ މީހާ ބްރޯޑީ އާއި ކެރީގެ ވާހަކަ އެވެ. އޭނާ މެދުވެރިކޮށް އެމެރިކާ އަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ކުރާ މަސައްކަތެވެ.

ނިމިގެން ދިޔަ ސީޒަނުގައި ކެރީ ފެނިގެން ދިޔައީ ޕާކިސްތާނުގައި ޓެރަރިސްޓުންނާ ދެކޮޅަށް ހަރަކާތްތެރިވަމުން ދިޔަ މަންޒަރެވެ.