މޯލްޑިވްސް އިމިގްރޭޝަން

ގަން އެއާޕޯޓަށް ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ހަމަޖެހިފައެއް ނުވޭ

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިނުވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގަމަށް ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފަށަން އުޅޭކަމުގެ މައުލޫމާތު އިމިގްރޭޝަނަށް ލިބުނީ މީޑިއާ މެދުވެރިކޮށް ކަމަށާއި އަދި އެކަން އެއާޕޯޓް ތަރައްގީ ކުރަމުންދާ ކުންފުންޏާ ސިވިލް އޭވިއޭޝަނުން ވަނީ އެކަން ދޮގުކޮށްފައި ކަމަށެވެ. އަދި އެއްވެސް ފަރާތަކަށް އެފަދަ ހުއްދައެއް ދީފައިނުވާ ކަމަށެވެ.

މީގެ އިތުރުން އަންނަ މަހު އެކަކުން ފެށިގެން ސްރީލަންކަން އެއާލައިންސްގެ ފްލައިޓްތައް ގަމަށް ދަތުރުފަށާ ކަމަށްބުނެ ޓިކެޓް ވިއްކަން ފަށާފައިވާ ކަމަށް ފަތުރާފައިވާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް މާކެޓިން ކެމްޕޭނެއް ކަމަށެވެ. އިމިގްރޭޝަނުން ބުނީ އެ އެއާޕޯޓް ރަސްމީކޮށް ހުޅުވާ އެ އެއާޕޯޓުގައި ފްލައިޓްތައް ޖައްސާނެ ދުވަހެއް އިމިގްރޭޝަނަށް އެނގިފައިނުވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަށް ރާއްޖެ އެތެރެވުމާއި ފުރުމުގެ ހުއްދަ ދިނުމުގެ ބާރު ގާނޫނީ ގޮތުން މަތިކޮށްފައިވާ ފަރާތަކީ އިމިގްރޭޝަން ކަމަށް ވީހިނދު، ރާއްޖެއިން ފުރާ އަދި އަންނަ ފަރާތްތަކާއި ބެހޭ ކަންތައްތައް ރޭއްވެވުގައި އިމިގްރޭޝަންއާއި ދުރާލާ މަޝްވަރާކުރައްވައިގެން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އިމިގްރޭޝަންއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރާއްޖޭގެ ރައްޔިތުންނާއި ގައުމުގެ ސަލާމަތައް އިސްކަންދީގެންކަން އެންމެހާ ފަރާތްތަކަށް ޔަގީންކަން ދޭ ކަމަށެވެ.

އެހެންކަމުން ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި ހުރުމުން ދިމާވެދާނެ ދައްޗަކީ އިމިގްރޭޝަންއިން ޒިންމާވާންޖެހޭ ކަންތަކެއް ނޫން ކަމަށާއި އިމިގްރޭޝަން ބަދުނާމުކޮށް މިކަމާގުޅޭގޮތުން ހަގީގަތާއި ހިލާފްވާހަކަތައް ފަތުރާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.