"ޔޫ އާ ވަޓް ޔޫ އީޓް" އޭ ބުނަނީ ސަބަބެއް ނެތިއެއް ނޫނެ އެވެ. ކާ އެއްޗެހީގެ އަސަރު އަހަރެމެން ހަށިގަނޑުގެ އެތެރެއަށާއި ބޭރަށް ކުރެ އެވެ. ހާއްސަކޮށް ގައިގެ ހަމަކީ ވަރަށް ނާޒުކު އެއްޗެކެވެ. ގައިގެ ހަން ކުރަކިވެ މޫނު ތެޔޮ ކަމަށް ދައްކާ އަދި އުޖާލާ ކަމަށް ވެސް ދައްކައިދެނީ އަހަރެމެން ކާ އެއްޗެހީގެ ސަބަބުންނެވެ. އެގޮތުން ހާއްސަކޮށް ގައިގެ ހަމަށް ކޮންމެހެން ވެސް ބޭނުންވާ ވިޓަމިން ކެއުމުގައި ހިމަނަން ޖެހެ އެވެ. އަދި އެއީ ކޮން ވިޓަމިންތަކެއްކަން ވެސް އެނގެންޖެހެ އެވެ.
ޑާމަޓޮލޮޖިސްޓްސް، ނިއުޓްރިޝަނިސްޓްސް އިން ވިދާޅުވާ ގޮތުގައި ސިއްހަތު ރަނގަޅު ހަމަށް ވިޓަމިން އޭ، ކޭ، އީ، ސީ، އަދި ޑީ ވަރަށް މުހިންމެވެ.
ވިޓަމިން އޭ
ވިޓަމިން އޭ ގިނައިން ހިމެނޭ ކާއެއްޗެހި ކެއުމުން ހަމުގައި އާ ސެލްތައް އުފެއްދުމަށް އެހީވެދެ އެވެ. އަދި ހަމުގައި އުނގުޅޭ ހަޑި އާއި މަރުވެފައި ހުންނަ ސެލްތައް ދުއްވާލުމަށް އެހީތެރިވެދެ އެވެ. ވިޓަމިން އޭ ހުންނަ ކާނާ ތަކުގެ ތެރޭ ކައްޓަލަ އާއި ކެރެޓާއި މަހުގެ އިތުރުން ފެހި ފަތާއި ތަރުކާރީ ހިމެނެ އެވެ.
ވިޓަމިން ސީ
ގައިގެ ހަން ރީތި ކުރުމަށް މިއީ ކޮންމެހެން ވެސް ބޭނުންވާ ވިޓަމިން އެކެވެ. އެގޮތުން ވިޓަމިން ސީ އަކީ ހަންގަނޑު މުސްކުޅި ވުމުން ދުރުކޮށްދޭ ވިޓަމިން އެކެވެ. ވިޓަމިން ސީ ހުންނަ ކާނާ ތަކުގެ ތެރޭ ޓޮމާޓޯ، ކޯލީ ފްލާވާ، ކިވީ، އަދި ކެބެޖްގެ އިތުރުން ލުނބޯ ހިމެނެ އެވެ.
ވިޓަމިން ޑީ
މިއީ ކާ އެއްޗެހީގެ އިތުރުން އަވިން ވެސް ލިބޭ ވިޓަމިން އެކެވެ. ނަމަވެސް އަވިން ލިބޭ ވިޓަމިން އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ ހެނދުނު ގަޑީގަ އެވެ. މީގެ އިތުރުން ބިހާއި ކިރުގެ އިތުރުން މަޝްރޫމް އަދި އޮރެެންޖް ޖޫހުން ވެސް ގިނަ އަދަދަކަށް ވިޓަމިން ޑީ ހިމެނެ އެވެ.
ވިޓަމިން އީ
މޫނާއި ގައިގެ ހަމުގައި ހުންނަ ތެޔޮކަން ހިފަހައްޓައިދީ ރޫޖެހުމުން ދުރުވުމަށް، މިއީ ކޮންމެހެން ވެސް މުހިންމު ވިޓަމިން އެކެވެ. އެގޮތުން އަލްމަންޑާއި ހެޒަލްނަޓް، ޓޮމާޓޯ އަދި މަހުގެ ބާވަތްތަކުގައި ގިނަ އަދަދަކަށް ވިޓަމިން އީ ހިމެނެ އެވެ. މީގެ އިތުރުން ވެސް ކާށި ތެލާއި އޮލިވް އޮއިލް ގައި ވެސް ވިޓަމިން އީ ހިމެނެ އެވެ. އެގޮތުން ހަންގަނޑު މޮއިސްޗަރައިޒް ކުރަން މިއީ އެންމެ ރަނގަޅު ތެލެވެ.
ވިޓަމިން ކޭ
މިއީ ސިއްހަތު ރަނގަޅު އޮމާން ހަމަކަށް ކޮންމެހެން ވެސް މުހިންމު ވިޓަމިން އެކެވެ. ވިޓަމިން ކޭ ގިނަ އަދަދަކަށް ހިމެނޭ ކާނާ ތަކުގެ ތެރޭ ސްޕިނިޗް އާއި ކިރާއި މަހުގެ އިތުރުން ޗީޒްގެ ބާވަތްތައް ހިމެނެ އެވެ.