އަންހެނުން

ދަރިފުޅު ގެންގުޅޭ ތަކެތި ވިނިގާއިން ސާފުކުރަން އެނގޭތަ؟

މަންމަ އަކަށްވާ ހިސާބުން އެންމެ އިސް ކަން ދެވޭނީ ދަރިފުޅުގެ ސާފު ތާހިރު ކަމަށެވެ. ކާންދޭ ތައްޓާއި ކުޅޭ އެއްޗިއްސަކީ ސާފު ތާހިރު އެއްޗެއްތޯ ބެލެ އެވެ. ބަލިތަކާ ދުރުވޭތޯ ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ އެވެ. އަދި ކުދިން ގެންގުޅޭ އެއްޗެހި ސާފު ކުރަން އެންމެ ރަނގަޅީ ކޮން ކަހަލަ ކްލީނާއެއްތޯ ވިސްނާލަން ޖެހެ އެވެ. ސަބަބަކީ ބޭނުންކުރާ އެއްޗެހީގެ ސަބަބުން ބައެއް ފަހަރު ކުދިންނާއި ނުގުޅޭ ގޮތްވެ އެލާޖީއާ ކުރިމަތި ވެއެވެ. މި ބަލައިލަނީ ގުދުރަތީ އެއްޗެއް ބޭނުންކޮށްގެން ކުޑަކުދިން ގެންގުޅޭ އެއްޗެއްހި ސާފުކޮށްލެވިދާނެ ގޮތްތަކަށެވެ.

ބުއްފުޅި އާއި ކާތަށި

ދޮންނަން ބޭނުންވާ ތަށި ނުވަތަ ބުއްފުޅި (ފުޅީގެ ތުން އަދި މަތި ވަކި ކުރުމަށްފަހު) ވިނިގާ އަޅާފައި ހުރި ތަށީގެ ތެރެއަށް ލާށެވެ. ވިނިގާ އަޅަންވާނީ ބުއްފުޅި އެއްކޮށް ނުފޮރުވޭ ވަރަށް އެއްބަޔަށެވެ. އަދި އަނެއް ބަޔަކަށް ހޫނުފެން އަޅާށެވެ. އެގޮތަށް 20 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ބުއްފުޅި ދޮންނަން ބޭނުންކުރާ ބުރުހުން ބުއްފުޅީގެ ތުމާއި ފުޅި އެތެރެ ރަނގަޅަށް ދޮވެލާށެވެ. ވިނިގާގެ ވަސް ހިފާ ހުންނަމަ ސްޓެރެލައިޒް ކޮށްލާށެވެ.

ކުޅޭ އެއްޗެހި ސާފު ކުރުން

ކުޅޭ އެއްޗެހި ބޮޑު ތައްޓަކަށް އެޅުމަށްފަހު އެއްބަޔަށް ވިނިގާ އިން ސްޕްރޭ ކޮށްލާށެވެ. އަދި އިރުކޮޅަކު ބެހެއްޓުމަށްފަހު ފެނުން ދޮވެލާ ކުޑަ ތުވާއްޔަކުން ރަނގަޅަށް ހިއްކާލާށެވެ. ފެންވަރާއިރު ގެންގުޅޭ ބާތު ޓޯއީސް ވެސް ކޮންމެ ފަހަރަކު ދޮވެ ރަނގަޅަށް ފެން ހިއްކާފައި ބަހައްޓަން ހަނދާން ކުރަންވާނެ އެވެ. ނޫން ނަމަ އެ އެއްޗެހީގައި ވަރަށް އަވަހަށް ބެކްޓީރިއާ އުފެދޭނެ އެވެ.

ހެދުމުގައި ޖެހޭ ހަޑި ފިލުވުމަށް

ކުދިން ގެންގުޅޭ އިރު ކޮންމެ ވެސް އެއްޗެއް ހެދުމުގައި އަބަދުވެސް އޮންނަނީ ޖެހިފަ އެވެ. އަދި ކުޑަކުދިންގެ އެއްޗެހީގައި ލައްފިލުވުމަށް ބާރު ގަދަ އެއްޗެހި ބޭނުން ނުކުރެވޭނެތީ ގިނަ ފަހަރަށް އޮންނަނީ އެކަން ނުވެފަ އެވެ. އެގޮތުން ވިނިގާ ބޭނުން ކޮށްގެން ހެދުމުގައި ޖެހޭ ލައްފިލުވާލުމަށްޓަކައި، ލައްޖެހުނު ތަންކޮޅުގައި ވިނިގާ ކޮޅެއް އެޅުމަށްފަހު ވިއްސަކަށް މިނިޓް ވަންދެން ބަހައްޓާށެވެ. ބައެއް ފަހަރު ފަސް މިނިޓުން ވެސް ލައްފިލުވާލަ އެވެ. އަދި ކުލަ ފޭދުމުން ކުދިން އެއްޗެހި ދޮންނަން ބޭނުންކުރާ ޑިޓާޖަންޓުން ރަނގަޅަށް ދޮވެލާށެވެ. އޭރުން ވިނިގާގެ ވަސް ނުހުންނާނެ އެވެ.

ބިންމަތި ސާފު ކުރުމަށް

ފިރުކެން ފެށުމުން އަބަދުވެސް ބިންމަތި ރަނގަޅަށް ސާފުކޮށްފައި ބަހައްޓަންޖެހެ އެވެ. އަދި މިގޮތަށް ފްލޯ ކްލީނާގެ ގޮތުގައި ބޭނުން ކުރާ އެއްޗެހީގެ ސަބަބުން ކުދިންގެ ހަންގަނޑަށް އަސަރު ކުރެ އެވެ. އެގޮތުން ވިނިގާ އަކީ ފްލޯ ކްލީނާއެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ފެނުގެ ތެރެއަށް ވިނިގާ އެޅުމަށްފަހު ފްލޯ ކްލީނާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެވެ. ނަމަވެސް ފްލޯ ކްލީނާއެއްގެ ގޮތުގައި ވިނިގާ ބޭނުން ކުރާއިރު، މާބްލް ޖަހާފައި ހުންނަ ތަންތަނާއި ފިލާ ކަހަލަ އެއްޗެހި ހަލާކުވުމަކީ އެކަށީގެންވާ ކަމެކެވެ.