އޮފްބީޓް

ވައިޓް ހައުސް އިން އޮބާމާގެ އާއިލާ ވަޑައިގަންނަވާނީ މިގެއަށް!

އެމެރިކާގެ ސިޔާސީ މަސްރަހު މިއޮތީ ބަދަލުވެފަ އެވެ. ހީވެސް ނުކޮށް ތިއްބާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައީސް ކަމަށް ބިލިއަނަރު ޑޮނާލްޑް ޓްރަމްޕް މިވަނީ އިންތިހާބު ކާމިޔާބުކޮށްފަ އެވެ. އިންތިހާބު ކާމިޔާބުކުރި ނަމަވެސް ރަސްމީކޮށް މަގާމާއި ޓްރަމްޕް ހަވާލުވެ ވަޑައިގަންނަވާނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ޓްރަމްޕް ވެރިކަމާއި ހަވާލުވެ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއަށް ބަދަލުވެވަޑައިގަތުމާއެކު ރައީސް ބަރަކް އޮބާމާ އަމިއްލަފުޅު ގެއަށް ބަދަލުވެ ވަޑައިގަންނަވަންޖެހެ އެވެ. އޮބާމާ މިހާރުވަނީ ވެރިކަމަށްފަހު ދިރިއުޅުން ބަދަލުކުރާނެ ރީތި ގެއެއް ހޯއްދަވާފަ އެވެ. ވޮޝިންޓަނުގައި ހުންނަ މި ގޭގެ ފޮޓޯތައް ވެސް ވަނީ އާންމުކޮށްފަ އެވެ. މި ގެއަކީ ބިލް ކްލިންޓަންގެ ދަށުން މަސައްކަތް ކުރެއްވި ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ޖޯއީ ލޮކްހާޓްގެ ގެއެެއް ކަމަށްވެ އެވެ. މި ގެއަކީ ނުވަ ކޮޓަރި ހިމެނޭ ބޮޑު ގެއެކެވެ.

މިގޭގެ އަގު ފަސް މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާކަމަށްވެ އެވެ. އެހެންކަމުން އެގޭގެ ކުލީގެ ގޮތުގައި ކޮންމެ މަހަކު 22،000 ޑޮލަރު ދައްކަވަން އޮބާމާއަށް ޖެހިވަޑައިގަންނަވަ އެވެ. އޮބާމާ އޭނާގެ އާއިލާއާއެކު އެގޭގައި ދިރިއުޅުއްވާނެ ކަމަށް ލަފާކޮށްފައިވަނީ އޮބާމާގެ ހަގު ދަރިފުޅު ސާޝާ އޮބާމާގެ ހައި ސްކޫލް ނިމެންދެން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސާޝާގެ ހައިސްކޫލް ނިމޭނީ 2018 ވަނަ އަހަރު އެވެ.

ނުވަ ކޮޓަރިއާ ޓެރަސް އެއް އެގޭގައި ހިމެނޭއިރު ބަގީޗާއެއް ވެސް އެގޭގައި އޮންނަ ކަމަށްވެ އެވެ. އެގެއަކީ ހުދާއި އަޅިކުލައިން ޒީނަތްތެރިކޮށްފައިވާ ގެއެކެވެ.

ލައިފްލޯންގް ޕެންޝަނުގެ ގޮތުގައި 268،000 ޑޮލަރު އޮބާމާއަށް ލިބި ވަޑައިގަންނަވާނެ އެވެ. އަދި ކޮންމެ މަހަކު އޮބާމާ އަދި އަނބިކަނބަލުން މިޝެލް އޮބާމާއަށް ހާއްސަ ފައިނޭންޝިއަލް އެސިސްޓެންސް އެއްވެސް ލިބި ވަޑައިގަންނަވާނެ އެވެ. އަދި މީގެ އިތުރުން އޮބާމާމެންގެ ސީކްރެޓް ސާވިސް އެޖެންޓުންނާއި، ބޭސް ފަރުވާއަށާއި ދަތުރުފަތުރަށްވެސް ހާއްސަ އެލަވަންސެއް ލިބޭނެ އެވެ.

ވެރިކަމުގެ ދައުރު ހަމަވުމުން އޮބާމާ އޭނާގެ ކެރިއާ ކުޑަކޮށް ބަދަލުކޮށްލައްވާފާނެ ކަމުގެ ނިޝާންތަކެއް ވެސް މީގެ ކުރިން ވަނީ ދެއްވާފަ އެވެ. ނަމަވެސް އެކަމާބެހޭ ގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައެެއް ނުވެ އެވެ. މިހާރު އެންމެ ގިނަ ބަޔަކު އުފައްދަމުން އަންނަ ސުވާލަކީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަނބިކަނބަލުން މިޝެލް އޮބާމާ ވާދަކުރައްވަފާނެ ކަމާމެދުގަ އެވެ. ހޭޝްޓެގް މިޝެލް 2020 ގެ ނަމުގައި މިހާރު ޓުވިޓާގައި ބައެއް ފަރާތްތަކުން ދަނީ ކެމްޕޭނުތައް ހިންގަމުންނެވެ. މިޝެލް އަކީ ފަހުގެ ތާރީހުގައި ސިޔާސީ މަސްރަހުން ފާހަގަކޮށްލެވޭ ފަރާތެކެވެ.

ނަމަވެސް މީގެ ކުރިން އޮބާމާ ވިދާޅުވެފައިވަނީ އެއްވެސް ރިޔާސީ އިންތިހާބެއްގައި މިޝެލް ވާދަ ނުކުރައްވަވާނެ ކަމަށެވެ.