ނޫސްވެރިން

ނޫސްވެރިކަމުގެ ގައުމީ އިނާމް ހިރިގާއަށް!

ނޫސްވެރިކަމުގެ ގައުމީ އިނާމް "ސަން އޮނަލައިން" ގެ ޗީފް އެޑިޓާ އަހުމަދު ޒާހިރު (ހިރިގާ) އަށް ލިބިވަޑައިގެންފި އެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއިން 27 އަށް ވުރެ ގިނަ އަހަރު ހޭދަ ކުރައްވާފައިވާ ހިރިގާއަށް ގައުމީ އިނާމް ލިބިވަޑައިގަތީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގަ އެވެ. ހިރިގާ ވަނީ ދިވެހި ނޫސްވެރިކަން ކުރައްވައި ނޫސްވެރިކަން ކުރިއެރުވުމަށާއި ނޫސްވެރިން ތަރައްގީ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. މީގެ އިތުރުން 2006 ވަނަ އަހަރު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ނަމުގައި ޖަމިއްޔާއެއް އުފައްދާ ނޫސްވެރިންނަށާއި ނޫސްވެރި ކަމަށް ހިދުމަތްތަކެއް ކޮށްދެއްވާފައި ވެއެވެ. ހިރިގާ ހިމެނި ވަޑައިގަންނަވަނީ ރާއްޖޭގެ ނޫސްވެރި ކަމުގެ ރަންޖީލުގެ ތެރޭގަ އެވެ.

ދާދި ފަހުން ވަނީ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިޒަމްއާ ގުޅިގެން މީޑިއާ ރައިޓްސް މޮނިޓަރިންގެ ނަމުގައި ދިވެހި ނޫސްވެރިންނަށް ހިރިގާ އިސްވެ ހުންނަވައިގެން ތަމްރީން ކޯހެއް ވެސް ކުރިޔަށް ގެންދެވި އެވެ. ހިރިގާއަށް މީގެ ކުރިން ވަނީ ސިންގަޕޫރު ރޯޔަލް އިންސްޓިޓިއުޓް އިން ދޭ ރެކޮގްނިޝަން، ފެލޯ ޖާނަލިސްޓްގެ ޝަރަފާއި ދިވެހި ނޫސްވެރިކަމުގެ ހިދުމަތުގެ ރިހި ގަލަންވެސް ލިބިވަޑައިގެންފަ އެވެ.

މިރޭ ބޭއްވި ޖަލްސާގައި މައުލޫމާތު ފޯރުކޮށްދިނުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޕީއެސްއެމްގައި ގިނަ ދުވަހު މަސައްކަތް ކުރައްވާ ހަފްސީއަބްދުﷲ އަށް ވަނީ ލިބިވަޑައިގެންފައެވެ. އާންމު ހަބަރު ލިޔާ ނޫސްވެރިއަކުން ފަށައިގަތް ހަފްސީއަކީ މިހާރު ގިނަ ކުޅިވަރު
ހަ ބަރުތަކާއި ޕްރޮގްރާމްތައް އުފައްދާ، ފުޓު ބޯޅަ ކޮމެންޓްރީ ކުރުމުގައި ވެސް ހަރަކާތްތެރިވާ ބޭފުޅެކެވެ.