ރާއްޖޭގެ ޖުމްހޫރީ ވެރިކަމަށް 48 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދިވެހި ޖުމްހޫރީ ވެރިކަންތަކުގެ ތާރީހުގެ ތެރެއަށް ވަދެ ވަޑައިގެން ވަރަށް އިބުރަތްތެރި ފިލާވަޅެއް ދެއްވި އެވެ. ހާއްސަކޮށް ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމާއި ހިދުމަތާއި އެ ޖުމހޫރިއްޔާ އައި ގޮތާއި އިނގިލާބުވެގެން ދިޔަ ގޮތުގެ ތާރީހުތަކުގެ ތަފުސީލަށް ވަޑައިގެން ޝައުގުވެރި ކަމުގެ ތެރެއަށް ގަންބާލި އެވެ. ހަމަ އެވާހަކައިގެ ތެރެއިން ފުރަތަމަ ޖުމްހޫރީ ރައީސް ވެރިކަން އިންގިލާބު ކޮށްލެވި ރައީސް އަމީންގެ ނައިބު ރައީސް އިބްރާހިމް މުހައްމަދު ދީދީއަށް އިޝާރާތް ކުރައްވާ ނައިބު ރައީސުން ވެރިކަމަށް ޝައުގުވެރިވާ މައްސަލައާ މެދު ސަމާސާ ކުރައްވާ އެންމެ ހެއްވާލެއްވި އެވެ. ސާމަސާގެގޮތުގައި ރައީސް ވިދާޅުވީ "ނައިބު ރައީސުން ޖުމްހޫރީ ދުވަހަށް ސަމާލުވާންޖެހޭ" ކަމަށެވެ.
ރާއްޖޭގެ ޖުމްހޫރިއްޔާގެ ބާނީ ކަމަށް ރައީސް ސިފަ ކުރައްވާ، ރައީސް އަމީން ވެރިކަން ނިމިގެން ދިޔަގޮތަށް އިޝާރަތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެއީ ލަދުގަންނަން ޖެހޭ ފަދަ ހާދިސާއެއް މަށެވެ. ސަބަބަކީ ރައީސް އަމީން މަސައްކަތް ކުރެއްވީ ދިވެހިން އެފަދަ ބޭފުޅަކަށް އެންމެ ބޭނުންވި ވަގުތުގައި އެންމެ ގާތުން ކަމަށްވެފައި އެމަނިކްފާނު ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް އެންމެ ގާތްކޮށް ގެންގުޅުއްވި ބޭބޭފުޅު، އަދި ނައިބު ރައީސް ބަޣާވާތެއް ގެނެސް އަމީން ދޫނިދޫގައި ބަންދު ކުރެއްވީ ކަމަށެވެ.
"ރާއްޖޭގެ މިއަދުގެ ހާލަތު ބަދަލުވާއިރު ކުރިންވެސް ރާއްޖޭގެ ވެރިކަމަށް ޝައުގުވެރިވާ މީހުންގެ މައްސަލަތައް ހުރި ގޮތް ހަނދާނަށް ގެންނަން ޖެހޭ ފުރަތަމަ ޖުމްހޫރިއްޔާ ނިމިގެން ދިޔައީ ވަރަށް ޝޭމްފުލްކޮށް. އެއްގޮތަކަށް ވެސް ދިވެހި ތާރީހާމެދު ދިވެހިން ފަހުރުވެރި ވާންޖެހޭ ކަހަލަ ގޮތަކަށެއް ނޫން. އަދި ޖުމްހޫރިއްޔާ ނިމިގެން ދިޔައީކީވެސް ނޫން. ދެން ހިނގާދިޔަ ކަންތަކުގެ ތެރޭގައި މުހައްމަދު އަމީންގެ ހަށިކޮޅަށް ގެންލުންދީ އެމަނިކްފާން ދުނިޔެ ދޫކުރައްވާ ވަކިވީ. މިއީ ރައްޔިތުން އަޅުގަނޑުމެންގެ ވެރިންނާ ދޭތެރޭގައި ކަންތައް ކުރެވިފައި ހުރި ގޮތް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ރައީސް ޔާމީން ވިދާޅުވީ ގޮތުގައި އެފަދަ ބަޣާވަތް ގެންނަނީ ރައްޔިތުންގެ އަމިއްލަ ފިކުރާ ވިސްނުމަކުން ނޫނެވެ. އޭގެ ބަދަލަށް އެކަން ކުރަނީ ބާރުގެ ބޭނުމުގައި އިސްކޮށް ތިއްބަވާ ފަރާތްތަކު މެދު އޮންނަ ފިތުނައިގެ ސަބަބުން ކަމަށެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އިރު، އެމަނިކުފާންގެ ވެރިކަމުގައި ދެ ނައިބު ރައީސުން ވަނީ މަގާމުން ދުރުކޮށްފައެވެ. ފުރަތަމަ ނައިބު ރައީސާ މެދު ވެސް ތުހުމަތަކެއް ކުރެވި އިތުބާރު ގެއްލިގެނެވެ. ދެވަނަ ނައިބު ރައީސް މަގާމުން ދުރު ކުރީ ރައީސް އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދީގެނެވެ.
ރޭ ރައީސް ޔާމީން ވިދާޅުވީ އަލަށް އެ މަނިކުފާނުގެ ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވި އަބްދުﷲ ޖިހާދު އެމަނިކްފާނަކަށް ކެއްސެއް ނުދެއްވާނެ ކަމަށާއި ނަމަވެސް ތާރީހުން ދައްކުވައި ދެނީ ޖުމްހޫރީ ދުވަހު ހުރިހާ ނައިބު ރައީސުންވެސް ސަމާލުވާން ޖެހޭކަމަށް ކަމަށެވެ.
"އަޅުގަނޑު އެއްގޮތަކަށްވެސް ދަންނަވަން މިއުޅެނީ ނައިބު ރައީސުން ރައީސުންނަށް ކެހިދޭ ވާހަކައެއް ނުން. އަޅުގަނޑުގެ އަހު ޖިހާދު އަޅުގަނޑަކަށް ކެއްސެއް ނުދެއްވާނެ. ނަމަވެސް ދަންނަވަން މިއުޅޭ ވާހަކައަކީ ޖުމްހޫރީ ދުވަހެއްގައި ޖުމްހޫރީ ނިޒާމެއްގައި ނައިބު ރައީސުންނަކީ ސަމާލުވާން ޖެހޭ ބައެއް،" ރައީސް ވިދާޅުވި އެވެ.