ހަބަރު

ކޮމަންވެލްތުން ވަކިވެގެން ރާއްޖޭގެ އަޑު މަޑެއް ނުވޭ، އެހީ މަދެއް ނުވޭ: ރައީސް

ކޮމަންވެލްތުން ރާއްޖެ ވަކިވގެން ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ އަޑު މަޑު ނުވާ ކަމަށާއި އަދި ރާއްޖެ ލިބޭ އެހީތައް ވެސް މަދުވެގެން ނުދާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 48 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮމަންވެލްތުން ވަކިވާން ސަރުކާރުން ނިންމީ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ފަހުރުވެރިކަމާއެކު ނޫން ކަމަށާއި އެހެނަސް އެއީ ހިތްދަތިކަމާއި އުނދަގުލުގައި ނިންމެވި ނިންމުމެއް ކަމަށެވެ. އެ ނިންމުން ނިންމަންޖެހުނީ ރާއްޖޭގެ ދާހިލީ ކަންކަމަށް ކޮމަންވެލްތުން ބެހޭތީ ކަމަށެވެ. ރައީސް ވިދާޅުވީ، އެއްވެސް ޖަމިއްޔާއަކުން ވެސް ރާއްޖޭގެ ދާހިލީ ކަންކަމާ އަބަދު ބެހޭނަމަ އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

މަޖޫބުރުން ލަޒިމްވެގެން ކޮމަންވެލްތުން ވަކިވާން ޖެހުނު ނަމަވެސް އޭގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކެއްވެފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިކުރާ މަސައްކަތުން ދިވެހިރާއްޖެ އަޑު ބޭރު ދުނިޔޭގައި އިވޭލެއް މަދެއް ނޫން، ފަނޑެއް ނޫން، އަދި އަޅުގަނޑުމެންނަށް ބޭރުގެ އެހީ ލިބޭލެއް ވެސް އަދި މަޑެއް ނޫން، އަދި ދިވެހިރާއްޖެއަށް އަމިއްލަ ބޭރު ފަރާތްތަކުން ކުރާ އިންވެސްޓްތައް ވެސް އެތައް ސަތޭކައެއް އިތިރުވެފައި އެވަނީ،" ރައީސް ވިދާޅުވި އެވެ.

"ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް އަބަދު ރާއްޖޭގެ ކަންކަމާ ބެހޭ ކަމަށްވާނަމަ އެއީ އަޅުގަނޑުމެންނަށް ތަހައްމަލުކުރަން ފަސޭހަ ކަމަކަށް ނުވާނެ،"

ރައީސް ވިދާޅުވީ ކޮމަންވެލްތުން އެދުނު ކަންކަން ސަރުކާރުން ކޮށްދިން ކަމަށެވެ. ކޮމަންވެލްތުން ރައީސް މުހައްމަދު ނަޝީދު މައްސަލަ ކުރިއަށްދިޔަ ގޮތް ބެލުމަށް ބޭނުންވުމުން އެކަމަށް ސަރުކާރުން އިޖާބަދީ ހުރިހާ ދަފްތަރެއް ހުޅުވައިދިން ކަމަށް ރައީސް ވިދާޅުވި އެވެ. ހުރިހާ ކޯޓުތަކަކަށް ގޮސް ބޭނުންވި ހުރިހާ މައުލޫމާތެއް ހޯދުމަށް ވެސް ފުރުސަތު ކޮމަންވެލްތަށް ދިން ކަން ރައީސް ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް އެ މައްސަލަ ހިނގާދިޔަ ގޮތާމެދު ކުރާނެ ޝަކުވާއެއް ނެތުމުން އެ ޖަމިއްޔާއިން ބޭނުންވީ ދެން ހުރި ޝަރީއަތްތަށް ހުޅުވަން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު އެ ހުރިހާ ދަފްތަރެއް ނުހުޅުވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ބޭރުގެ އެހީތައް އަޅުގަނޑުމެންނަށް ގެއްލި، ބޭރުގެ މީހުންގެ ޝައުގުވެރިކަން ގެއްލޭ ވަރަށް ފިއްތުންތައް ކުރިމަތިކުރުމުން އަޅުގަނޑުމެން ކޮމަންވެލްތުން ވަކިވީ، އެއީ ލާޒިމްވެ މަޖުބޫރިވެގެން ކުރި ކަމެއް،" ރައީސް ވިދާޅުވި އެވެ.