ހަބަރު

ދިވެހިންގެ ކަންކަންކަން ނިންމާނީ ދިވެހިން: ރައީސް

ދިވެހިންގެ ކަންކަން ނިންމުމުގެ ގާބިލުކަން ދިވެހިންގެ އެބަހުރިތޯ އާއި ރާއްޖޭގެ ކަންކަން ނިންމުމުގެ ހައްގު ދިވެހިންނަށް ލިބިގެންވޭތޯ ސުވާލު ކުރައްވާ އެބާރާއި ހައްގު އެބައޮތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މި ދެ ސުވާލު ރައީސް ޔާމީން ކުރައްވާ އަދި ޖަވާބު ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ގައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުންނެވެ.

ރައީސް ޔާމީނު ވިދާޅުވީ، ރާއްޖޭގެ ކަންކަން ނިންމައި ގައުމުގެ މިސްރާބު އަމާޒުކުރަންޖެހޭ ދިމާ ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ދިވެހިންނަށް ލިބިގެންވާ ކަމަށާއި ރާއްޖޭގައި އޮތީ ތަހުޒީބު ޖީލެއް ކަމަށވެ. އަދި ރާއްޖޭގެ ކޮންމެ ފަރުދަކީވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ހުރިހާ ބާރަކަށްވުރެ ބޮޑު ބާރެއްގެ ވެރި ފަރާތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ސަބަބަކީ އެމަނިކުފާނު ވެރިކަމުގައި ބެހެއްޓެވުމާއި، ވެރިކަމުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބިގެންވާތީ ކަމަށެވެ.

"ތިއިން ކޮންމެ ބޭފުޅަކީ އަޅުގަނޑަށް ވުރެ ބާރުގަދަ މީހެއް. އަޅުގަނޑު މަގާމަށް ގެންނެވުމަށް ވޯޓު ދިނުމުގެ ބާރު ތިއިން ކޮންމެ ބޭފުޅަކަށް އެބަ އޮތް. އަދި ދެން އަންނަ ރައީސަކާ ދޭތެރޭ ފައިސަލާ ކުރުމުގެ ހައްގުވެސް އޮތީ ތި ބޭފުޅުންގެ އަތް މަތީގައި. ކުރު ގޮތަކަށް ބުނާނަމަ ރާއްޖޭގެ މުސްތަގުބަލު ބައްޓަންކުރުމުގެ ހުރިހާ އާރަކާ ބާރެއް ތިބޭފުޅުންގެ އަތްޕުޅު މަތީގައި އެބަ އޮތް،"

ރައީސް ވަނީ ގައުމަށް ވަފާތެރިވުމާއި ބެހޭގޮތުން ރޭ މުހިއްމު ވާހަކަފުޅުތަކެއް ދައްކަވާފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހި އާއިލާއަކަށް ދިވެހި ނަމަކާ އެކު އުފަންވާ ކޮންމެ މީހަކީ ގައުމަށްޓަކައި ޒިންމާ ތަކަކާ އެކު އުފަންވާ މީހެކެވެ. އެއިން ކޮންމެ މީހަކީ ގައުމަށް ހައްގުތަކެއް އަދާކުރަން މަޖުބޫރުވެފައިވާ މީހެއް ކަމަށާއި، ދިވެހި ދަރިއަކަށް ވީތީ، ހިތުގައި ރާއްޖެއާމެދު ލޯބި އޮންނަންޖެހޭނެ މީހެކެވެ.

ގައުމަށް އަދާކުރަންޖެހޭ ހައްގު އަދާނުވެ، ގައުމުގެ އަތުން އެ ހައްގުތައް ބީވެގެންދާާއިރު އޭގެ ނިކަމެތިކަން މުޅި ދިވެހި އުންމަތަށް ލިބޭނެ ކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ގައުމަށް އަދާކުރަންޖެހޭ ހައްގަކީ އިސްލާމީ މިނިވަން ދައުލަތެއްގެ ގޮތުގައި ގައުމު ޖީލުތަކަށް ވާސިލުކޮށްދިނުން ކަމަށެވެ.

"ވަކިވަކި ފަރުދުންނަށް ގާނޫނު އަސާސީގައި ހައްގުތަކެއް ހުންނަ ފަދައިން މުޅި ގައުމުގެ ރައްޔިތުންގެ ފަރާތުން ގައުމަށް ލިބެންޖެހޭ ހައްގުތަކެއް ވެސް އޮންނަން ޖެހޭނެ. އެ ހައްގު ބީވެގެން ދިޔައިމަ އަޅުގަނޑުމެންނަށް އިހުސާސް ކުރަން ޖެހޭނީ ކިހާ ވަރެއްގެ ނިކަމެތިކަމަކާ ކުރިމަތިލާން ޖެހޭތޯ. ގައުމުގެ ހައްގަކީ އިސްލާމީ މިނިވަން ދައުލަތެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް މި ދައުލަތް ފޯރުކޮށްދިނުން. އެއްވެސް ވަކި ފަރުދަކަށް، އެއްވެސް ވަކި ޖަމާއަތަކަށް ކިތަންމެ ތަނަވަހަކަސް، ކިތަންމެ ވަރުގަދަޔަކަސް މި ހައްގު ބީކުރުމުގެ އެއްވެސް ހައްގެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މިފަދަ ގައުމީ ދަނޑިވަޅެއްގައި ގައުމުގެ ފަރުދެއްގެ ހައިސިއްޔަތުން، ގައުމާ މެދު ބޮލުގައި އެޅިފައިވާ ޒިންމާތަކާމެދު ވިސްނަން ޖެހޭ ކަމަށެވެ. އެއީ ކިހާވަރެއްގެ ކަންކަން ކަން ދަނެ، އެކަންކަމާ މެދު ވިސްނައި ފިކުރުކުރުމުން ދާންވީ ރަނގަޅު މިސްރާބު ކޮންމެ މީހަކަށްވެސް އެނގި ސާފުވާނެ ކަމަށެވެ.

"ވަކި ވަކި ފަރުދުންނަށް ދައުލަތުން ހޯދައިދޭންޖެހޭ މަންފާތޯ އިސްކުރަންވީ، ނޫނީ ދިވެހިން ދިވެހިންނަށް ވީތީ ޝަރަފުވެރިވާ އިރު ހުރިހާ ދިވެހިން ގުޅިގެން ގައުމަށް ހޯދައިދޭންޖެހޭ ހައްގު ހޯދައިދިނުމުގައި ސަފުތައް ގަތާލުންތޯ މުހިއްމީ. މިއީ ކޮންމެ ދިވެއްސަކުމެ އަމިއްލަ ނަފުސަށް ކޮށްލަންޖެހޭ ސުވާލެއް،" ރައީސް ސުވާލުކުރެއްވި އެވެ.