ރައީސް އަބްދުﷲ ޔާމީން

ގައުމީ 75، ޖުމްހޫރީ 50، ރައީސްގެ ހަބަރެއް ނުވި!

ގައުމެއްގައި އަންނާނެ އެންމެ މުހިންމު އެއް ދުވަހަކީ ގައުމީ ދުވަހެވެ. އެ ދުވަސް ރާއްޖޭގައި ފާހަގަކުރާތާ މިދިޔަ ހުކުރު ދުވަހަށް 75 އަހަރުވީ އެވެ. ދެން އެންމެ މުހިންމު އަނެއް ދުވަހަކީ ޖުމްހޫރީ ދުވަހެވެ. މިއަދަށް އެ ދުވަސް ފާހަގަކުރާތާ 50 އަހަރުވީ އެވެ. ގައުމެއްގައި ގައުމީ އަދި ޖުމްހޫރީ ހަޔާތުގެ އެންމެ މުހިންމު ދެ ދުވަސް ނިމިގެން ދިޔައީ އެވެ. އެކަމަކު ރައިސުލްޖުމްހޫރިއްޔާ ކޮބައި ހެއްޔެވެ؟

ޖުމްހޫރިއްޔަތުގެ މުހިންމު ކަމާއި ޖުމްހޫރީ 50ގެ ކުލަ ގަދަކުރުމުގެ ވާހަކައަކީ ރައީސް އަބްދުﷲ ޔާމީން އެކި ޕޯޑިއަމްތަކުގައި ދައްކަވާފައިވާ ވާހަކަތެކެވެ. ސަރުކާރުން ޖުމްހޫރީ 50 ކުލަގަދަކުރަން މި އަހަރު ފެށުނީންސުރެ މަސައްކަތް ކުރި އެވެ. ނަމަވެސް ސަރުކާރު ބަދަލުވާން ޖެހުމާއެކު އެކަން އޮތީ ހުއްޓިފަ އެވެ. އެ މަސައްކަތް ހުއްޓުނު ނަމަވެސް ރައީސް ޔާމީންގެ ފަރާތުން ރައްޔިތުންނަށް ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅެއް އިއްވޭނެ ކަމަށް ބެލެވުނެވެ.

ރައީސް ޔާމީންއަކީ ގައުމުގެ އަދިވެސް ރައިސުލްޖުމްހޫރިއްޔާ އެވެ. އާންމުކޮށް އާ ރައީސް ހުވާ ކުރައްވާ، ޖުމްހޫރީ ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ހުވާ ނުކުރެވި ވަނީ ވެސް ރައީސް ޔާމީނަށް ފުރިހަމަ ފަސް އަހަރުގެ ދައުރެއް ދިނުމަށެވެ. ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ހަމަވާނީ މި މަހުގެ 17 ވަނަ ދުވަހަށެވެ.

ރައިސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ގައުމީ ބޮޑެތި ދުވަސްތަކުގައި ރައީސް ޔާމީން ވެސް އާންމުކޮށް ގައުމާ މުހާތަބު ކުރައްވަ އެވެ. ނޫނީ ރަސްމީ ބަޔާނެއް ނެރުއްވަ އެވެ. ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަ އެވެ. ނަމަވެސް ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުނު ތާރީހީ މި ދުވަހު ރައީސް ޔާމީންގެ ހަބަރެއް އެއްވެސް ރައްޔިތަކަށް ނުވި އެވެ.

ރައީސް ޔާމީން ގައުމާ މުހާތަބު ކުރައްވާފައިނުވާއިރު ރައީސް އޮފީހުން ބަޔާނެއް ވެސް ނުނެރެ އެވެ. ރައީސް ޔާމީން ތަހުނިޔާ ނުވެސް ފޮނުވަ އެވެ. ރައީސް ޔާމީން ފިޔަވައި އެހެން ހުރިހާ ރައީސުން ވަނީ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުވާފަ އެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވަނީ ތަހުނިއްޔާ ފޮނުވަން ރަސްމީ ބަޔާނެއް ވެސް އާންމު ކުރައްވާފަ އެވެ.

ޖުމްހޫރީ 50 އަހަރު ފުރުނު ދުވަހު، ރައީސް ޔާމީންގެ ހަބަރެއް ނުވިއިރު 75 ވަނަ ގައުމީ ދުވަހު ވެސް ރައީސް ޔާމީންގެ ހަބަރެއް އެއްވެސް ރައްޔިތަކަށް ނުވެ އެވެ. ގައުމީ އެވަރު ބޮޑު ދުވަހެއްގެ ތަހުނިއްޔާ އެމަނިކުފާނުގެ ފަރާތްޕުޅުން ނާދެ އެވެ. އޭގެ އިތުރަށް މި މަހުގެ ތިންވަނަ ދުވަހު ފާހަގަކުރި ނަސްރުގެ ދުވަހާ ގުޅިގެން ވެސް ރައީސް ޔާމީންގެ ވާހަކަފުޅެއް ރައްޔިތަކަށް ނީވެ އެވެ. އެ ދުވަހަކީ ރައްޔިތުންގެ އިހުސާސްތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ދުވަހެކެވެ.

ރައީސް ޔާމީން އިތުރު ދައުރަކަށް ރައްޔިތުން ނުހޮވި ނަމަވެސް އެމަނިކުފާނަށް ވެސް ތާއިދު ކުރައްވާ ގިނަ ރައްޔިތުންތަކެއް އެބަ ތިއްބެވެ. އަދި އެމަނިކުފާނަކީ ކުރިއަށް އޮތް ތަނުގައި ސިޔާސީ މަސައްކްތުގައި ކުރިއަށް ވަޑައިގަންނަވަން ވެސް ހުންނެވި ބޭފުޅެކެވެ. އަދި ގައުމަށް ތަރައްގީތަކެއް ގެނެސްދެއްވި އާ ގާނޫނު އަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ރައިސުލްޖުމްހޫރިއްޔާ ވެސްމެ އެވެ. އެހެންކަމަށްވާއިރު ރައްޔިތުންގެ އުއްމީދުތަކެއް އެމަނިކުފާނާމެދު އަދިވެސް އޮންނާނެ އެވެ.