ރައީސް އަބްދުﷲ ޔާމީން

މިއީ އެކެއްގެ ރާއްޖެއެއް ނޫން، މީހުން ބާރުވެރިކޮށްގެން ނުރައްކަލެއް ނެތް: ރައީސް

ރާއްޖެއަކީ އެކެއްގެ ވަށާ އެނބުރޭ ގައުމެއް ނޫން ކަމަށާއި މީހުން ބިނާކޮށް، މީހުން ބާރުވެރިކުރުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. އެކަމުގައި ނުރައްކަލެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިއަދުގެ ރާއްޖެއަކީ އެތައް ބައިވަރު މީހުންނެއް ހިދުމަތްކުރާ ގޮތަށް ބައްޓަންވެފައިވާ ދައުލަތެއް އޮތް ގައުމެއް ކަމަށެވެ. ކުރީގައި އެންމެ މީހެއް ވަށާ ރާއްޖެ އެނބުރު ނަމަވެސް މިހާރު އެކަން ބަދަލުވެ، އެންމެންގެ ރާއްޖެއަކަށް މި ގައުމުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދުގެ ދިވެހިރާއްޖެއަކީ އެތައް ބައިވަރު އަންހެނުންނެއް އެތައް ބައިވަރު ޒުވާންނެއް އެތައް ބައިވަރު ޓީޗަރުންނެއް އެތައް ބައިވަރު ނަރުހުންނެއް އެތައް ބައިވަރު ޑޮކްޓަރުންނެއް ބަލާލި ކޮންމެ ދިމާލަކުން ހިދުމަތް ކުރައްވާނެ އެތައް ބައިވަރު ބޭފުޅުންގެ ޖުމްލަ މަސައްކަތްތަކެއް މި ދައުލަތް ބައްޓަން ވެގެން މި ދަނީ، ޝައްކެއް ވެސް ނެތް ކޮންމެ ކަމެއް ކުރާއިރު ވެސް މަގު ދައްކާނެ ބަޔަކު ތިބޭނެ، މަގު ދެއްކުމުގެ ކޮންމެ ބޭފުޅަކު ވެސް އަޅުގަނޑުމެންނަށް ހަވާލުވެފައި މި އޮންނަ ޒިންމާ އުފުލާން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

"މި ދިވެހިރާއްޖެއަކީ އެކެއްގެ ދިވެހިރާއްޖެއެއް ނޫން، މި ދިވެހިރާއްޖެއަކީ އަޅުގަނޑުމެން އެންމެންގެ ދިވެހިރާއްޖެ، މި ދިވެހިރާއްޖެ ދެކެ ލޯބިވުމަކީ ޖުމްހޫރީ ދުވަހެއްގަައި އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭ އެންމެ މަތިވެރި ގައުމީ ވާޖިބު،"

ގައުމަށް ލޯބިކުރާ މީހުން މި ގައުމުގައި ތިބޭ ފަދައިން ހަސަދަވެރިވާ މީހުން ވެސް ތިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ހިދުމަތްކުރުމުގެ ނަމުގައި އަމިއްލަ އެދުން ފުއްދައިގެން ނުވާނެ ކަމަށެވެ. އޭގެ ސަބަބުން ނަތީޖާ ރަނގަޅު ނުވާނެ ކަމަށެވެ. ރާއްޖެއަށް ލިބުނު ފުރުސަތު ފަހި ގޮތެއްގައި ބޭނުން ހިފުނުނަމަ މިދިޔަ 10 އަހަރު ރާއްޖެއަށް މިއަށްވުރެ ބޮޑަށް ތަރައްގީއެއް ލިބުނީސް ކަމަށް ރައީސް ވިދާޅުވި އެވެ.

މިދިޔަ 10 އަހަރަކީ ސިޔާސީ އެކި މީހުންގެ ހިޔާލު ތަފާތުވުންތަކުގައި ރާއްޖެ ހަލާކުވެގެން ދިޔަ 10 އަހަރު ކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުންނަށް ހިދުމަތްކުރަން ބޭނުންނަމަ ފަރުދީ އެދުންތައް އެއް ފަރާތް ކޮށް، ގައުމު ބިނާކުރުމަށް ދިއްކޮށްލާ އަތުގައި ހިފަން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖެ 10 އަހަރު ގެއްލިފައިވާއިރު މި ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކީ މުޖުތަމައު ބިނާކުރުމުގެ މަސައްކަތް ކަމަށެވެ. ޖުމްހޫރިއްޔާގެ ވެރިންނަކީ ރައްޔިތުން ކަމަށްވާއިރު ރައްޔިތުން ބާރުވެރިކުރުމަކީ ނުރައްކަލެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިއަދު ފާލަން އަޅަންވީ، ދެ ސަހަރެއްގެ ދެމެދު ކަނޑުގައި ނޫން ކަމަށާއި ސިޔާސީ ފިކުރުގެ ތަފާތު ކުޑަކުރުމަށް ފާލަން އަޅަން ޖެހިފައިވާ ކަމަށެވެ.

"އެކަންކަން ކުރާއިރު ވެސް އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭން ޖެހޭ ކަމެއްގެ ގޮތުގައި ގާނޫނަށް ބޯލެނބުމާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ރާއްޖެއަކީ އެންމެ ފަރުދެއްގެ މަސްލަހަތަށްވުރެ އިސްކުރަން ޖެހޭނެ ކަމެއް ކަމަށް ހުރިހާ ސިޔާސީ ލީޑަރުން ވެސް ގަބޫލުކުރައްވަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.