އިންޑިއާގެ އޭވިއޭޝަން ދާއިރާގައި އެތައް ހާސް ފިރިހެނުންނެއް އުޅުމެއް ކަމަކު އަންހެނުންގެ އަދަދަކީ ގާތްގަނޑަކަށް 600 އެވެ. އޭގެ ތެރެއިން ވެސް ސާރާ ހަމީދު އަހްމަދަކީ ހުރި ހަމައެކަނި މުސްލިމު އަންހެނާ ކަމަށް ވަނީ ބެލެވިފަ އެވެ.
"މީހުން ފުރަތަމަ ހީކުރަނީ އަހަންނަނީ ކްރިސްޓިއަނެއް ކަމަށް. އެކަމަކު އަހަރެންގެ ފުރިހަމަ ނަން ބުނީމަ މީހުން ތިބެނީ ހައިރާން ވެފަ،" ހިންދުސްތާން ޓައިމްސް އަށް ދީފައިވާ އިންޓަވިއުއެއްގައި ސާރާ ބުންޏެވެ.
ސާރާ ބުނެފައި ވަނީ އޭނާ އަކީ މުސްލިމެއްކަން އެނގުމުން މީހުންގެ މޫނުމައްޗަށް ވާ ގޮތް ބަލަން ޝައުގުވެރިކަން ހުންނަ ކަމަށެވެ. މީހާގެ ސައިޒަށް ވުރެ އެތައް ގުނައެއް ބޮޑު މެޝިނެއް އަންހެން ކުއްޖަކަށް އޮޕަރޭޓް ކުރެވޭނީ ކިހިނެއްތޯ ބައެއް މީހުން ސުވާލުކުރާ ކަމަށް ބުނަމުން ސާރާގެ ހިނިގަނޑު އަނެއްކާވެސް ފަޅައިގެން ދިޔަ އެވެ.
"ދެރަ ކަމަކީ މީހުންނަކަށް ނޭނގެ ބޯޓު ދުއްވަން ބޭނުންކުރަނީ އަހަރެންގެ މި އިނގިލިތައް ކަމެއް،" ސްޕައިސް ޖެޓްގެ ޕައިލެޓެއް ކަމަށްވާ ސާރާ ބުންޏެވެ.
އުމުރުން 25 އަހަރުގެ ސާރާ ބުނީ އޭނާ އަކީ އަންހެނަކަށް ވުމުންނާއި މުސްލިމަކަށް ވުމުން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. އެގޮތުން އެންމެ އުނދަގޫ ކަންކަމާ ކުރިމަތިވީ އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް 2001 ވަނަ އަހަރު ދިން ހަމަލާ އަށް ފަހު މުސްލިމުންނާ މެދު ދުނިޔެ ދެކެން ފެށި ގޮތް ކަމަށެވެ. އެކަމަކު ސަމާސާ ރާގުގައި އެ ކަންކަމާ ކުރިމަތިލުމައި އެކި އުކުޅުތައް ބޭނުންކޮށްގެން އެ ގޮންޖެހުންތަކުން އަރައިިގެންފައިވާ ކަމަށް އޭނާ ބުންޏެވެ.
ސާރާ ބުނީ ޕައިލެޓަކަށް ވާން އުޅުމުން އާއިލާގެ ތެރެއިންނާއި ބެންގަލޫރުގައި އޭނާ އުޅޭ ހިސާބުގެ އަވަށްޓެރިންގެ ފަރާތުން ވެސް ނުރުހުމާ ކުރިމަތިވި ކަމަށެވެ. އަންހެނެއްގެ ހަމައެކަނި ވަޒީފާ އަކީ މީހަކާ އިނދެ ދަރިން ހޯދައިގެން އެ ދަރިން ބަލަން ގޭގައި އިނުން ކަމަށް ބުނި ކިތަންމެ ބަޔަކާ ކުރިމަތިވި ކަމަށް ބުންޏެވެ.
"އަހަރެމެން އެއްވެސް މީހަކު ފުރަތަމަ އޭނާ އަށް ސަޕޯޓެއް ނުދެން. އަހަރެންގެ މުޖުތަމައަކީ އަންހެނަކު އެހީތެރިޔަކު ނެތި، ގެޔަށް ނައިސް ހޮޓާތަކުގައި ގިނަ ދުވަހު އުޅެންޖެހޭ ކަހަލަ ވަޒީފާ އަދާކުރުމަށް ތާއީދުކުރާ މުޖުތަމައެއް ނޫން،" ސާރާގެ ބައްޕަ ހަމީދު ހުސައިން އަހްމަދު ބުންޏެވެ.
ފޮޓޯގްރާފަރެއް ކަމަށްވާ ހަމީދު ބުނީ ސާރާ ޕައިލެޓަށް ވާން ކަނޑައެޅި އަޒުމަަށް ބަދަލެއް ނުގެނައުމުން، އެކުވެރި ޕައިލެޓަކާ ބައްދަލުކޮށް މައުލޫމާތު ހޯދާފައި ވާނެ ކަމަށެވެ.
"އެ ޕައިލެޓް ބުނީ އަހަރެން މިކަމާ އަލުން ވިސްނަންޖެހޭ ކަމަށް. އޭނާ ބުނީ ސާރާގެ އެ ހުވެފެނަކީ މުސްލިމު އަންހެންކުދިންގެ ތެރެއިން މަދު މީހަކު ނޫނީ ނުދެކޭނެ ހުވަފެނެއް ކަމަށް. އޭނާ އަހަންނަށް އެވަރަށް ވިސްނައިނުދިން ނަމަ ސާރާގެ އެ ހުވަފެން އަހަންނަށް ފުނޑުފުނޑު ކޮށްލެވުނީސް،" ހަމީދު ބުންޏެވެ.
ޕައިލެޓަކަށް ވާން ސާރާ އެމެރިކާގެ ފްލައިން ސްކޫލެއްގައި ބައިވެރިވީ 2007 ވަނަ އަހަރު އުމުރުން އެންމެ 18 އަހަރުގަ އެވެ.
"އެ ދުވަސްވަރު މުސްލިމު ދަރިވަރުންނަށް އެމެރިކާ އިން ވިސާ ލިބުމަކީ ވެސް ދަތިކަމެއް. އެކަމަކު އެއްވެސް މައްސަލައެއް ނުޖެހި ވަރަށް ފަސޭހަމަކާ އެކު ހުރިހާ ކަމެއް ހަމަޖެހުނީމަ އަހަރެން ގަބޫލުކުރީ އެއީ ކަލާނގެ ރުއްސެވުން ލިބުނީ ކަމަށް،" ދީންވެރިއެއް ކަމަށްވާ ހަމީދު ބުންޏެވެ.
މީހަކާ އިނދެގެން ރަނގަޅު ދަރިންތަކެއް ބޮޑު ކުރުމަކީ ވެސް ސާރާ ބުނީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. އޭނާ ބުނީ އެކަމަކު އެންމެ ބޮޑު މައްސަލަ އަކީ ރަނގަޅު ފިރިހެނެއް ހޯދުން ކަމަށެވެ.
"އަހަންނަކަށް ނޭނގެ ބައެއް މީހުން އަހަރެންގެ ފޮޓޯ ބަލައިފަ އެ މީހުންގެ ފިރިހެން ދަރިން އަހަންނާ ކައިވެނި ކުރުވަން ހުށަހަޅަނީ ކީއްވެކަމެއް. އަހަރެން ކިޔެވީ ކޮން ކަމެއްކަން އަދި ކުރަނީ ކީއްކަން އެ މީހުންނަށް ނޭނގެނީބާވައޭ ސުވާލު އުފެދޭ،" ސާރާ ބުންޏެވެ.