ޖުމްހޫރީ ދުވަސް

ރާއްޖެ ބަދަލުކޮށްލި ޖުމްހޫރިއްޔާއަށް 48 އަހަރު

Nov 11, 2016

ރަސްކަމުގެ ދިގު މާޒީއަށް ފަހު ރާއްޖޭގައި މިހާރު ޕްރެކްޓިސް ކުރަނީ ޖުމްހޫރީ ވެރިކަމެވެ. ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެކެވެ. އެއީ ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ، ރައްޔިތުންގެ މަޝްވަރާއާ އެއްގޮތަށް ހިނަގާ ވެރިކަމެވެ.

މީލާދީން 1153 ގައި ރާއްޖެ އިސްލާމްވުމަށްފަހު ތާރީހުން އެނގެން އޮތް ބައިން ފެންނަ ގޮތުން 80 އަށްވުރެ ގިނަ ރަސްކަލުން ރާއްޖޭގެ ރަސްކަން ކުރެއްވި އެވެ. ރާއްޖެއަކީ ޖުމްހޫރީ ވެރިކަމަށް ހަގު ގައުމެކެވެ. އެކަމަކު ދެވަނަ ބޮޑު ހަނގުރާމަނިމި ދުނިޔޭގައި އުފެދުނު ވެރިކަމުގެ ނިޒާމުތަކަށް ބަލާއިރު ރާއްޖޭގެ ޖުމްހޫރީ ވެރިކަމަށް މިވަރުގެ އުމުރެއް ލިބުމަކީ އުފަލެކެވެ.

ރައްޔިތުންގެ ވެރިކަން ޕާލަމެންޓަރީ ޑިމޮކްރަސީގެ ގޮތުގަ އާއި އެގްޒެކެޓިވް ޕްރެޒިޑެންސީގެ ގޮތުގައިވެސް ހިންގަ އެވެ. މުހިންމީ ނަމެއް ނޫނެވެ. މުހިންމީ ވެރިކަމެއްގައި ރައްޔިތުންގެ ބައިވެރިވުމާއި އަދުލުއިންސާފު ފުރިހަމަވުމާއި ހަމަހަމަ ގޮތެއްގައި އެންމެންނަށް ހިދުމަތްތައް ފޯރުކޮށްދެވޭ ވެރިކަމުގެ ނިޒާމެއް އޮތުމެވެ.

ޖުމްހޫރީ ނިޒާމް ނަމަވެސް އެކި ގައުމުތަކުން ފިޓް ކުރާ ނިޒާމުތައް އެއް ގައުމާއި އަނެއް ގައުމާތަފާތު ހުރެ އެވެ އެ ގައުމެއްގެ ސަގާފަތާއި އާދަކާދައާއި ގަބޫލުކުރާ އުސޫލުތަކާއި ހަމަތަކާއިއެ ގައުމެއްގެ ތަރައްގީއާއި ކުރިއެރުމާއި އަދިއަދުގެ ދުނިޔޭގައި އެ ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެ ގޮތްތަކުގެ މަތިން އެގައުމެއްގެ ވެރިކަމުގެ ނިޒާމު ބައްޓަންކުރަން ޖެހޭތީ އެވެ.

ރާއްޖޭގެ ވެރިކަމުގެ ތާރީހުގެތެރެއިން ޖުމްހޫރީ ވެރިކަމަށް ނަޒަރު ހިންގާ އިރު ފުރަތަމަ ފަހަރަށް ރާއްޖޭގައި އުފެދުނު ޖުމްހޫރިއްޔާ ހަތްމަހާއި 21 ދުވަހުގެ ތެރޭގައި އުވާލައިފައި ވުމުން، އެއްގޮތަކުން ދޭހަވަނީ، އޭރު ރާއްޖެއަށް ޖުމްހޫރީ ވެރިކަމުގެ ނިޒާމުއެކަށީގެންނުވުމެވެ.

އޭރު އެ ވެރިކަމުގެ ނިޒާމަކީ ކޮބައި ކަމާއި އެ ވެރިކަމުން ރައްޔިތުންނަށް ހުރި ފައިދާ އާއި މަންފާ ރައްޔިތުންނަށް ނޭނގުނެވެ. އަދި ފުރަތަމަޖުމްހޫރިއްޔާ އުވިގެން ދިއުމުގެ ސަބަބުތަކުގެތެރޭގައި ރައީސަށް އެމަނިކުފާނުގެ ނާއިބު ރައީސް އިހްލާސްތެރިވެ ވަޑައިނުގަތުން ވެސް ހިމެނެ އެވެ.

ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނީ ޖެނުއަރީ 1، 1953 ގައެވެ. މި ޖުމްހޫރިއްޔާ އިންގިލާބު ކޮށްލީ އޮގަސްޓް 21، 1953 ގަ އެވެ.

ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް، މުހައްމަދު އަމީނު ރާއްޖެއަށް ވަރަށް ގިނަ ހިދުމަތް ކޮށްދެއްވި އެވެ. ގައުމުވަންތަކަން އާލާ ކުރައްވައި ގައުމެއްގެ ގޮތުގައި ރާއްޖެ ބައްޓަންކުރެއްވުމުގައި އެހެން އެއްވެސް ރައީސަކަށް ނުކުރެއްވޭނެ ބުރަ އުނދަގޫ މަސައްކަތް ރާއްޖެ އާއި ދުނިޔެއަށްވެސް ދަތި އުނދަގޫ ދުވަސްވަރެއްގައި ރައީސް އަމީން ކޮށްދެއްވި އެވެ.

އެމަނިކުފާނު ހިދުމަތްތައް ސިޔާސީ އިޖްތިމާއީ ހުރިހާ ދާއިރާތަކެއްގައި ކުލަގަދަގޮތެއްގައި ރަން އަކުރުން ދިވެހި ފާހަގަކުރަންޖެހެ އެވެ. ފުރަތަމަ ޖުމްހޫރިއްޔާ 1953 ގައިއުވާލެވުމަށްފަހު 1954 ގައި ރާއްޖޭގައި ރަސްކަމެއް ގާއިމު ކުރެވުނެވެ. މި ރަސްކަންވީ ރާއްޖޭގެ އެންމެ ފަހުގެ ރަސްކަމަށެވެ.

ތަހުތުގައި އިންނެވީ ދިގުމުއްދަތެއް ވަންދެން ރާއްޖޭގައި ބޮޑުވަޒީރު ކަންކުރެއްވި މުހައްމަދު ފަރީދެވެ. ރަސްކަމުގެ ނަންފުޅަކީ ޖަލާލަތުލްމަލިކު މުހައްމަދު ފަރީދުލްއައްވަލް ކީރިތި މަހާރަދުންނެވެ. އެ ރަސްގެފާނު 14 އަހަރު ވަންދެން ރަސްކަން ކުރެއްވި އެވެ. އެ މުއްދަތުގެ ތެރޭ ސަރުކާރުހިންގަވާފައިވަނީ ދެ ބޮޑުވަޒީރެކެވެ.

ރަސްކަމުގެ ފުރަތަމަ ބޮޑުވަޒީރަކީ އިބްރާހިމް ފާމުލަދޭރިކިލެގެފާނެވެ. ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަން ދެމިއޮތީ ތިން އަހަރު ވަންދެނެވެ. ޑިސެމްބަރު 11، 1957 ގައި ބޮޑުވަޒީރު ކަމުން ފާމުލަދޭރި ކިލެގެފާނަށް މަޖުބޫރު ކުރުވައިގެން އިސްތިއުފާ ދެއްވުމުން ޑިސެމްބަރު 12، 1957 އިން ފެށިގެން، ނޮވެމްބަރު 11، 1968 ނިމެންދެން ބޮޑުވަޒީރު ކަމުގައި ހުންނެވީ އިބްރާހިމް ނާސިރެވެ.

ނާސިރު 11 އަހަރު ބޮޑުވަޒީރުކަން ކުރެއްވި އެވެ. ނާސިރުގެ ބޮޑުވަޒީރުކަމުގައި ސަރުކާރުގެ އެންމެ އިސް ވެރިއެއްގެގޮތުގައި އެމަނިކުފާނު ހުންނަވައިގެން އޮގަސްޓް 1، 1962 ގައި ވޯރާ ވިޔަފާރިވެރިންގެ ކިބައިން ރާއްޖޭގެ އިގްތިސާދު ސަލާމަތް ކުރައްވައި 105 އަހަރަށް ފަހު އިގްތިސާދީ ފުރިހަމަ މިނިވަންކަން ހޯދައި ދިނެވެ. އަދި 78 އަހަރުވަންދެން ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު 26 ޖުލައި 1965 ގައި ސިޔާސީ މިނިވަންކަން ހޯދައި ދެއްވި އެވެ.

ސިޔާސީ މިނިވަންކަން ލިބުމާއެކު އޮގަސްޓް 21، 1965 ގައި އދ. ގެ މެންބަރަކަށް ރާއްޖެވެ އޮކްޓޯބަރު 12، 1965 ގައި ބައިނަލްއަގުވާމީ ދަނޑުގައި ރާއްޖޭގެ ގައުމީ ދިދަ ވިހުރުވައިލި އެވެ.

މިނޫނަސް ސިޔާސީ، އިޖްތިމާއީ، އިގްތިސާދީ އަދި ބައިނަލްއަގުވާމީ ދާއިރާގައި ރާއްޖެއަށް ކުރިއެރުންތަކެއް ލިބިފައިވުމާއެކު ރާއްޖޭގެ ވެރިކަމުގެ ނިޒާމާމެދު އަނެއްކާ ވެސް ވިސްނާން ފެނުނެވެ. ނަތީޖާއަކަށްވީ ރާއްޖޭގައި އަނެއްކާ ވެސް ޖުމްހޫރީ ވެރިކަމެއް އުފެއްދުމުގެ މަސައްކަތް ސަރުކާރުގެ އިސް ވެރިން ފެށުމެވެ.

ރާއްޖޭގައި އޮންނަން ފެންނަނީ ޖުމްހޫރީ ވެރިކަމެއް ކަމަށް ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުން ފާސް ކުރެއްވުމަށްފަހު ރައްޔިތުންގެ އާންމު ސިއްރު ވޯޓެއް ނެގި އެވެ. ރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ، ނުވަތަ ޖުމްހޫރިއްޔާއެއްތޯ ބެލުމަށްރައްޔިތުންގެ އާންމު ސިއްރު ވޯޓު ނެގީ މާޗް 15، 1968 ގައެވެ. ވޯޓު ދިޔައީ ޖުމްހޫރިއްޔާއެއް އޮތުމަށެވެ. ޖުމްހޫރީވެރިކަމެއް ރާއްޖޭގައި އޮތުމަށެވެ.

އެއާއެކު ގާނޫނުއަސާސީ އަލުން އެކުލަވާލާ ފާސް ކުރުމަށް ފަހުރާއްޖޭގައި އަނެއްކާ ވެސް ޖުމްހޫރީ ވެރިކަމެއްއުފެދުނެވެ. ދެވަނަ ޖުމްހޫރިއްޔާ އުފެދުނީ ނޮވެމްބަރު 11، 1968 އެވެ. ފުރަތަ މަޖުމްހޫރިއްޔާއާ ޚިލާފަށް ދެވަނަ ޖުމްހޫރިއްޔާއުފެދުނީ ރާއްޖެއަށް މިނިވަންކަން ލިބިފައި އޮތުމާއެކު ޖުމްހޫރީވެރިކަން ދެމެހެއްޓުމުގެ ގިނަސިފަތަކެއް ފުރިހަމަ ކުރެވިގެންނެވެ. ނަތީޖާއަކަށްވީ މި ޖުމްހޫރިއްޔާގެ ދުވެލި ހުއްޓުމެއްނެތި ކުރިޔަށް ދިއުމެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ އާންމު ސިއްރު ވޯޓުން ހޮވިވަޑައިގަތީ އެހާތަނާ ހަމައަށް 11 އަހަރު ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވިއިބްރާހިމް ނާސިރެވެ. ނޮވެމްބަރު ،11 1968 އިން ނޮވެމްބަރު ،11 1978 އަށް ފުރިހަ 10 އަހަރު ވަންދެން ނާސިރު ރައީސް ކަމުގައި ހުންނެވި އެވެ. އެ މުއްދަތުގައި ގިނަ ބަދަލުތަކެއް ރާއްޖެއަށް ގެންނަވައި އަގުހުރި ޚިދުމަތްތަކެއްކުރެއްވި އެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސަކީ މައުމޫންއަބްދުލްގައްޔޫމެވެ، އުންމީދީ ބޮޑޫ ބަދަލެއްގެ ފެށުމެވެ. އެމަނިކުފާނު ރާއްޖެއަށް ގެނައި ތަރައްގީގައި 30 އަހަރު ވުމަށްފަހު ނޮވެމްބަރު 11، 2008 ގައި ރައީސް ކަމަށް ވަޑައިގެންނެވީ މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދުގެ ވެރި ކަމުގައި ވެސް ރާއްޖެއަށް ބޮޑެދި ބަދަލު ގެނެސް ދެއްވި އެވެ. ތަރައްގީގެ އާ ހިސާބަކަށް ގެންގޮސް ދެއްވި އެވެ. ނަމަވެސް ކަންދިމާ ކުރި ގޮތުން އެމަނިކުފާނުގެ ވެރި ކަމުގެ ދައުރު ހަމަނުވަނީސް ފެބުރުއަރީ 7، 2012 ގައި މަގާމުން އިސްތިއުފާ ދެއްވީ އެވެ.

ފެބުރުއަރީ7، 2012 ގައި ރައީސް ކަމަށް ވަޑައިގެންނެވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެމަނިކުފާނު ވެރިކަމުގައި ހުންނެވީ ނޮވެމްބަރު 17، 2013 އަށެވެ. އެ ތާރީހުން ފެށިގެން ރައީސް ކަމަށް މަގާމަށް ވަޑައިގެންނެވީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެެ. އެމެނިކުފާނުގެ ޒައާމަތުގައި ރާއްޖޭގެ ތަރައްގީ އަށް މިހާރު ވެސް ވަނީ ބޮޑެތި ބަދަލުތައް ގެންނަވާފައެެ.