މޯލްޑިވިއަން އައިޑޮލް 2

އައިޑޮލްގެ މާލޭގެ އޮޑިޝަން މާދަމާ ފަށަނީ

Nov 11, 2016

މޯލްޑިވިއަން އައިޑޮލްގެ މާލޭ ސިޓީގެ އޮޑިޝަން މާދަމާ ފަށަން ހަމަޖެހިއްޖެ އެވެ. އެންމެ ފޯރި ގަދަވާނެ ކަމަށް ބެލެވޭ މާދަމާ އޮޑިޝަން ފަށަންހަމަޖެހިފައިވަނީ ހެނދުނު 10:00 ޖަހާއިރު އެވެ.

މާދަމާ އޯޕަން އޮޑިޝަން ފަށާއިރު، އެސްއެމްއެސް ކޮށްގެން އޮޑިޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ބައިވެެރިންނަށް އޮޑިޝަންގައި ބައިވެރިވުމަށް ފުރުސަތު ލިބިގެންދާނެއިރު، ވޯކްއިން އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

މި އޮޑިޝަން މާދަމާ އަދި އޭގެ އަނެއް ދުވަހު ވެސް ކުރިއަށް ދާނެ އެވެ.

މިއީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ޕްރިމިއާކުރަން ހަމަޖެހިފައިވާ އައިޑޮލްގެ އާ ސީޒަނަށް ޝޫޓްކުރާ އެންމެ ފަހު އޮޑިޝަނެވެ. މީގެކުރިން އައްޑޫ ސިޓީ، ހދ. ކުޅުދުއްފުށި، ބ. އޭދަފުށި އަދި ލ. ގަމުގައި ވަނީ އޮޑިޝަންތައް ބާއްވައި، ދެވަނަ ބުރަށް ބައިވެރިން ހޮވާފަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ސްޕޮންސަރަކީ މިފަހަރު ވެސް ދިރާގެވެ. މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ލޮޓަސް އަދި އެސްޓީއޯ އާއި މޯލްޑިވިއަން އެވެ. ކޯ ސްޕޮންސަރުންނަކީ އަލޯރާ، އީވޯ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖެވެ.

އޮފިޝަލް ބޭންކިން ޕާޓުނަރަކީ ބީއެމްއެލް އެވެ. އޮފިޝަލް އެނާޖީ ޑްރިންކަކީ އެކްސެލް އެވެ.