މޯލްޑިވިއަން އައިޑޮލް 2

އައިޑޮލް މާލޭ އޮޑިޝަން، ވަރަށް ފޯރި ގަދަ

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގެ އޮޑިޝަންތައް އަތޮޅުތަކުގައި ޝޫޓު ކުުރުމަށްފަހު އިއްޔެ ވަނީ މާލޭ އޮޑިޝަން ފަށާފަ އެވެ. މާލޭގެ އޮޑިޝަނަށް 500 އަށްވުރެ ފަރާތުން އެސްއެމްއެސްކޮށްފައިވެ އެވެ. އިއްޔެ ހެނދުނު 10:00 ޖެހިއިރު އޮޑިޝަން ކުރިއަށްދާ ދިވެހި ރާއްޖޭގެ އަޑުގެ ކައިރި ފުރިފައިވާއިރު މުޅި ސަރަހައްދު ގުގުމަންދިޔައީ އެކިއެކި ހުނަރުވެރިންގެ ލަވައިގެ އަޑުތަކުންނެވެ.

އަޑުގެ ތެރެއަށް ވަދެގެން ދިޔައިރު ފެނިގެން ދިޔަ މަންޒަރަކީ ޖޯޝާއި، ފޯރިން ފުރިފައިވާ މަންޒަރެކެވެ. އެކި އެކި ގްރޫޕްތަކަށް ބައިވެރިން ތިބެ ލަވަތައް ޕްރެކްޓިސް ކުރަމުން ދިޔައިރު ގިޓާ އަދި ބެރު ފަދަ އިންސްޓްރުމަންޓްސް ބޭނުން ކޮށްގެން ލަވަކިޔަމުން ދިޔަ ބައިވެރިން ވެސް ތިއްބެވެ. ފޯރިގަދައީ ބައިވެރިންގެ ތެރެއަކު އެކަންޏެއް ނޫނެވެ. ބެލެނިވެރިންގެ ތެރޭގައި ވެސް ފޯރި އޮތީ ހިފާލާފަ އެވެ. ބައިވެރިންގެ ބެލެނިވެރިންނާއެކު މުޅި ގޯތިތެރެ އޮތީ ފުރާލާފަ އެވެ.

އައިޑޮލް ޓީމުން ބުނީ މިދިޔަ އަހަރަށްވުރެ މިއަހަރުގެ އޮޑިޝަންގެ ސަޕޯޓު ވަކި ކުޑަ ނޫން ކަމަށެވެ. އައިޑޮލް އޮޑިޝަނަށް ދިޔަ ގިނަ ބައިވެރިންގެ އުއްމީދުތައް ވެސް ބޮޑެވެ. ގޯލްޑެން ޓިކެޓް ލިބޭނެކަމުގެ އުންމީދު ވެސް ވަރަށް ބޮޑެވެ. މި ބައިވެރިންގެ ތެރޭގައި އައިޑޮލްގެ ފުރަތަމަ ސީޒަނުގެ އޮޑިޝަނުގައި ވާދަކުރި ބައިވެރިންވެސް އެބަތިއްބެވެ.

"ވަރަށް އުންމީދު ކުރަން. ވަރަށް ހީވޭ ގޯލްޑެން ޓިކެޓް ލިބޭނެހެން. ގޭގައި އާއި ރައްޓެހިންނާއެކު އުޅޭއިރުވެސް ވަރަށް ގިނައިން ލަވަ ކިޔަން. އެންމެންވެސް ބުނޭ ވަރަށް ރީއްޗޭ ކިޔާލެއް. އެހެންވެ ބައިވެރިވީވެސް." އައިޑޮލް އޮޑިޝަނަށް ގޮސް ވެއިޓިން އޭރިއާގައި މަޑުކޮށްލައިގެން އިން ވިއްސަކަށް އަހަރުގެ އަންހެން ކުއްޖަކު ބުންޏެވެ.

ގިނަ ބައިވެރިންގެ ހިޔާލު ހުރީ މިފަދަ ގޮތަކަށެވެ. ބައެއް ބައިވެރިންނަކީ މިދިޔަ އަހަރުގެ ސީޒަނުގައި ބައިވެރިވާން އެސްއެމްއެސް ކޮށްފައިވެސް މީހުން ކިޔާފާނެ އެއްޗަކަށް ލަދުން އޮޑިޝަނަށް ނައި ކުދިންނެވެ.

"ކުރިން ފަހަރުވެސް އެސްއެމްއެސް ކުރިން. އެކަމަކު ނުކެރުން އަންނާކަށް. ޓީވީ އިންވެސް ފެންނާނެ ދޯ. ހީވީ އެންމެންވެސް ދިމާކުރާނޭ އެއްޗެހި ކިޔާނޭ. އެކަމަކު މިދިޔަ ސީޒަން ބަލާފައި އެފަހަރުގެ ޕާޓިސިޕަންޓްސް ފަރާތުން އިންސްޕަޔާވީ. ލަދުން ހުރެގެން ނުވާނެ ދޯ ހުވަފެންތައް ހާސިލެއް" މިއީވެސް އޮޑިޝަންއަށް ދިޔަ ބައިވެރިއެއްގެ ހިޔާލެވެ.

މިދިޔަ ސީޒަނަށްވުރެ މި ސީޒަންގެ ފޯރި ކުޑައެއް ނޫނެވެ. ބައިވެރިންގެ އުންމީދުތައްވެސް ކުޑައެއް ނޫނެވެ. އަތޮޅު ތެރެއިން ލިބުނު ތަރުހީބު މާލޭގައި ވެސް އެބައޮތެވެ. މާލޭ އޮޑިޝަންގެ ބުރެއް މިއަދުވެސް ކުރިއަށްދާނެ އެވެ.

މިއީ ސީޒަން ދޭއެއްގެ ތައްޔާރީގައި މޯލްޑިވިއަން އައިޑޮލް އަށް ޝޫޓްކުރާ ފަސްވަނަ ވަނަ އޮޑިޝަން އެވެ. މީގެ ކުރިން ވަނީ އައްޑޫ ސިޓީ އާއި ކުޅުދުއްފުއްޓާއި ލ. ގަމާއި ބ. އޭދަފުށީފައި އޮޑިޝަން ބާއްވާފަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއް ޕްރިމިއާކުރާނީ އަންނަ އަހަރުގެ ޖެނުއަނީ މަހުގެ ކުރީކޮޅު އެވެ. ރަސްމީ ތާރީޚެއް އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓްއިޓްލް ސްޕޮންސަރަކީ މި ސީޒަނުގައި ވެސް ދިރާގެވެ.

މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް، ލޮޓަސް އެސްޓީއޯ އަދި މޯލްޑިވިއަން އެވެ. އޮފިޝަލް ބޭންކިން ޕާޓުނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ބެވަރޭޖު ޕާޓްނަރަކީ އެކްސެލް އެނާޖީ ޑްރިންކެވެ.

ކޯ ސްޕޮންސަރުންނަކީ އަލޯރާ، އީވޯ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖެވެ.