ފަހަރެއްގައި އަހަރުގެ މި ދުވަސްކޮޅު އެތަނުން ޖާގައެއް ނުލިބިދާނެ އެވެ. އަހަރެމެން ފުރައިގެން އައިއިރު ވެސް އޮތީ ގާތްގަނޑަކަށް އެއްކޮށް ބުކްވެ ނިމިފަ އެވެ. އެހެން ނަމަވެސް ލ. އަތޮޅުގެ ހިތްގައިމު ކަމަށް ހިތް އެދި ގޮވަނީ ކަމުގައިވާ ނަމަ ކޭމްޕް ކުރަން ހަމަ އެންމެ ރަނގަޅުވާނީ ގަމުގައި އެހެރަ ރިވެރީސް ގެސްޓް ހައުސްއޭ ބުނުމަކުން އެ ވާހަކަ އިޝްތިހާރަކަށް ވާނޭ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.
އެމީހުންގެ ނަމުގައި ވެސް އެ ބުނާ ފަދައިން، މިއީ އެ ތަނެއްގެ ހިތްގައިމުކަމާއި އަރާމެއްގެ ތެރެއަށް ގެނބި، ގެއްލިދާވަރުގެ މާހައުލެއް އަދި ހިދުމަތެއް އެތަނަކުން ލިއްބައިދޭ ގެސްޓް ހައުސްއެކެވެ.
ރިވެރީސް ޑައިވިން ވިލެޖު، ސާފް އެންޑް ސްޕާ މޯލްޑިވްސްގެ ނަމުގައި ގަމުގެ ތުނޑި އަވަށުގައި ހުޅުވީ 2012 ވަނަ އަހަރު އެވެ. މިއީ ޓުއަރިޒަމްގެ މީރުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުލިބި އޮތް މި އަތޮޅުގެ ގަމުގައި ހުޅުވި ފުރަތަމަ ގެސްޓް ހައުސް އެވެ. އަދި ރިސޯޓްތަކުގައި ޓޫރިސްޓުންނަށް ދޭ ފެންވަރުގެ ހިދުމަތްތަކާއެކު ރާއްޖޭގެ ރަށެއްގައި ހުޅުވި ފުރަތަމަ ގެސްޓް ހައުސްކަން ވެސް ފާހަގަކޮށްލެވެ އެވެ.
އެފަދަ ހާއްސަ ސިފަތަކަށް ބަލާއިރު، އާދައިގެ ކޮޓަރިތަކާއި އާއިލާތަކަށް ހާއްސަ ކޮޓަރި އަދި މެއިން ރެސްޓޯރެންޓަކާއި ރޫފް ޓޮޕް ރެސްޓޯރެންޓް ވެސް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ގާޑެން ކެފޭ އަކާއި ސްޕާ އަދި ޖިމަކާއި ސްވިމިން ޕޫލެއްގެ އިތުރުން ގެސްޓުންނަށް ހާއްސަކޮށްފައިވާ ބީޗް އޭރިއާ އާއި ޑައިވިން ސެންޓަރު ވެސް ފާހަގަކޮށްލެވެ އެވެ.
ލ. ގައި ބޮޑު ބައެއް ޝޫޓްކޮށްފައިވާ ހޮލީވުޑްގެ ފިލްމު "ސްޓާ ވޯސް: ރޯގް ވަން" ގެ ކްރޫއިންނާއި ފިލްމުން ފެނިގެން ދިޔަ ބައެއް އޭ ލިސްޓް ސެލެބްރިޓީން ވެސް މި ގެސްޓް ހައުސްގެ ފަސޭހަ އާއި ހިދުމަތް ލިބި، ތައުރީފު އޮއްސާފައިވެ އެވެ.
މި ފެންވަރުގައި ފޯ ސްޓާ ހިދުމަތްތަކެއް ދެމުން ދިޔަ ނަމަވެސް ރިވެރީސް އަށް ކުރިމަތިވާ ގޮންޖެހުންތަކެއް ވެސް އެބަހުއްޓެވެ. އެ ހުރިހާ ކަންބޮޑުވުމަކާއި އެމީހުންގެ ހިދުމަތާއި ތަފާތު ކަމުގެ ވާހަކަ ކިޔައިދޭނީ ހޮޓެލް މެނޭޖަރު އައްބާސް އިބްރާހިމް އެވެ.
ތިރީގައި މި އޮތީ އައްބާސްގެ އިންޓަވިއު އެވެ.