ވެސްޓް ވޯލްޑް އަކީ އެޗްބީއޯގެ އެންމެ އާ އަދި އެންމެ މަގްބޫލު ޑްރާމާ ސިލްސިލާއެވެ. ސައިންސް ފިކްޝަން މި ޑްރާމާ އަކީ މަޝްހޫރު ސްކްރީން ރައިޓަރު ޖޮނަތަން ނޯލަން އާއި އޭނާގެ އަންހެނުން އަދި ޕްރޮޑިއުސަރު ލީސާ ޖޯއިގެ އުފެއްދުމެކެވެ.
ސައިންސް ފިކްޝަން ރަހައިގެ އިތުރުން ވެސްޓާން، އެކްޝަން އެޑްވެންޗާ އަދި އަދި ޑްރާމާގެ ރަހަގަނޑު ވެސް މި އުފެއްދުމުގައި ވަރަށް ގަދަ އެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު ޕްރިމިއާކުރި މި ސިލްސިލާގައި ކުރިއަށް އޮތީ އޭގެ އަށް ވަނަ އެޕިސޯޑެވެ. މިއީ 10 އެޕިސޯޑްގެ ފުރަތަމަ ސީޒަނެކެވެ.
މަޝްހޫރު ޑައިރެކްޓަރު، ކްރިސްޓޮފާ ނޯލަންއާ އެކު އޭނާގެ ފިލްމުތައް ލިޔުމުގައި މުހިންމު ރޯލެއް އަދާކޮށްފައިވާ އޭނާގެ ކޮއްކޮ، ޖޮނަތަންގެ "ވެސްޓްވޯލްޑް" އަކީ 1973 ވަނަ އަހަރު ހޮލީވުޑުން ހަމަ މި ނަމުގައި ނެރުނު ފިލްމުގެ އަސްލަށް އުފައްދާފައިވާ ސީރީޒްއެކެވެ. އެކަމަކު ހުރިހާ ގޮތަކުން ވެސް ޖޮނަތަންގެ ޑްރާމާ ތަފާތުވެފައި މޮޅެވެ. އަދި އެއް ބަޔަކު ބުނާ ގޮތުން ނަމަ މިއީ އޭނާ ކުރިން އުފެއްދި ޓީވީ ސިލްސިލާ، "ޕާސަން އޮފް އިންޓްރެސްޓް" އަށް ވުރެން ވެސް މޮޅު ޑްރާމާއެކެވެ.
ރޭޓިންތަކަށް ބެލިޔަސް އެކަން ހާމަވެގެންދެ އެވެ. އެގޮތުން "ވެސްޓްވޯލްޑް" ގެ ޕްރިމިއާ އަކީ އެޗްބީއޯގެ ޑްރާމާއަކަށް މިހާތަނަށް ރިކޯޑްކުރެވުނު އެންމެ ބޮޑު ވިއުއާޝިޕް ރިކޯޑްކުރެވުނު ޕްރިމިއާ އެވެ.
މި ސިލްސިލާގެ މެއިން ޕްލޮޓަށް ބަލާއިރު މީގައި ދައްކުވައި ދެނީ މުއްސަނދިން ނުވަތަ ލަގްޒަރީ ދިރިއުޅުމަކަށް ލޯބިކުރާ މީހުންނަށް ހާއްސަ ތީމް ޕާކެއްގައި ހިނގާ އާދަޔާހިލާފު ކަންކަމެވެ. އެ ތީމް ޕާކަކީ ނުވަތަ އެމިއުސްމެންޓް ޕާކަކީ، ވެސްޓްވޯލްޑް އެވެ. މިއީ ހޯސްޓްސްގެ ނަން ދީފައިވާ ސިންތެޓިކް އެންޑްރޮއިޑްތަކާއި ޒަމާނީ އެހެން ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްގީކޮށްފައިވާ ހިޔާލީ ނުވަތަ ހަގީގަތެއް ނެތް ދުނިޔެއެކެވެ.
ގެސްޓުންގެ ގޮތުގައި އެ ދުނިޔެ އަށް ޒިޔާރަތްކޮށް، އިންސާނުންހެން ހީވާ ރޮބަޓްތަކާ އެކު ދިރިއުޅުމުގެ ފުރުސަތު މުއްސަނދިންނަށް ލިބެ އެވެ. ދެން ފެނިގެން ދަނީ ވެސްޓްވޯލްޑްގެ މި ހަމަ އާއި އުސޫލުތަކާ ދެކޮޅު ފިކުރުތަކެއް އުފަންވެ، އެ ދުނިޔޭގައި އިންސާނުން ނުރައްކަލަށް ހުށަހެޅިގެންދާގޮތެވެ.
ޑްރާމާގެ މުހިންމު ތަރިންނަށް ބަލާއިރު ވެސްޓްވޯލްޑްގެ ފައުންޑާ އަދި ކްރިއޭޓިވް ޑައިރެކްޓަރުގެ ރޯލު ކުޅޭ އެންތޮނީ ހޮޕްކިންސް އާއި މޭން އިން ބްލެކްގެ ކެރެކްޓާއިން ފެންނަ އެޑް ހެރިސް އަދި ޖޭމްސް މާސްޑެން ފަދަ މަޝްހޫރު މޫނުތައް ފާހަގަކޮށްލެވެ އެވެ. ޑްރާމާގެ ލީޑް އަންހެން ކެރެކްޓާގެ ރޯލު ކުޅެފައި ވަނީ ޑްރާމާތަކާއި ފިލްމުތަކުގައި މަޝްހޫރު ރޯލުތަކެއް ކުޅެފައިވާ އިވާން ރޭޗަލް ވުޑް އެވެ.
ޕާސުއިޓް އޮފް ހެޕިނެސް އަދި ކްރޭޝް ގައި މުހިންމު ރޯލުތަކެއް ކުޅެފައިވާ ބަތަލާ ތޭންޑީ ނިއުޓަން ވެސް މި ޑްރާމާގެ މުހިންމު ކެރެކްޓާއަކުން ފެނިގެންދެ އެވެ.