ހޮލީވުޑް

ގޭމް އޮފް ތްރޯންސްގެ ދުނިޔެއިން ސްޓާ ވޯސްގެ ދުނިޔެ އަށް

Nov 20, 2016
1

އެޗްބީއޯގެ ހިޓް ޑްރާމާ ސިލްސިލާ، ގޭމް އޮފް ތްރޯންސް އިން މަޝްހޫރުކަން ހޯދާފައިވާ ފޭން ފެވަރިޓް ބަތަލާ، އެމީލިއާ ކްލާކް ސްޓާ ވޯސް ފިލްމު ސިލްސިލާގެ އާ ސްޕިންއޮފް ފިލްމެއްގެ ކާސްޓުންނާ ގުޅިއްޖެ އެވެ.

ސްޓާ ވޯސްގެ މި ފިލްމަށް އަދި ނަމެއް ހަމަޖެހި، އިއުލާނުކޮށްފައި ނެތަސް، މިއީ ސްޓާ ވޯސްގެ މަޝްހޫރު ކެރެކްޓާ، ހާން ސޯލޯގެ ޒުވާން ދުވަސްވަރުގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސްދޭނެ ފިލްމެއްކަން ވަނީ އިއުލާނުކޮށްފަ އެވެ. އެހެންކަމުން އެމީލިއާ ކްލާކް، މި ފިލްމުގައި ހާން ސޯލޯގެ ލޯބިވެރިއަކަށް ވެސް ވުމުގެ ފުރުސަތު ބޮޑެވެ.

ހާން ސޯލޯގެ ޒުވާން ދުވަސްވަރު ދައްކުވައިދޭ މި ފިލްމުގައި އެ ރޯލުން ފެނިގެންދާނީ އެމެރިކާގެ އެކްޓަރު އަލްޑެން އެރެންރެކް އެވެ. ސްޓާ ވޯސްގެ ފިލްމުތަކުގައި އެ ރޯލު ކުޅެފައި ވަނީ ހެރިސަން ފޯޑެވެ.

ސްޓާ ވޯސްގެ އާ ސްޕިން-އޮފް (ކުރީގެ ފިލްމުތަކުގެ ޕްލޮޓާ ގުޅިފައި ނުވާ) ފިލްމެއް އަންނައިރު މި ސިލްސިލާގެ ހަވާސާއިން އުފެދިގެން އަންނަ އާ ފިލްމެއް އަންނަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ވެސް ޕްރިމިއާކުރާނެ އެވެ. އެއީ ރާއްޖޭގައި ވެސް ގިނަ މަންޒަރުތަކެއް ޝޫޓްކޮށްފައިވާ "ރޯގް ވަން" އެވެ.

"ގޭމް އޮފް ތްރޯންސް" އަށް ފަހު ބަތަލާ އެމީލިއާ ކްލާކް އެންމެ ފަހުން ބޮޑު ސްކްރީނުގައި ބެލުންތެރިންގެ މެދުގައި މަގްބޫލުވެގެން ދިޔައީ "މީ ބިފޯ ޔޫ" އިންނެވެ.