ހޮލީވުޑް

ހެރީ ޕޮޓާ އަށް ފަހު ފެންޓާސްޓިކް ބީސްޓްސްގެ ޖާދޫއެއް

Nov 20, 2016

މި ހަފުތާގައި ބޮކްސް އޮފީސް ހިސޯރުކޮށްފައި ވަނީ އިނގިރޭސި ވިލާތުގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، ޖޭ ކޭ ރޯލިންގެ ހިޔާލީ ދުނިޔެ އިން ބޮޑު ސްކްރީނަށް ނުކުން "ފެންޓާސްޓިކް ބީސްޓްސް" އެވެ.

"ހެރީ ޕޮޓާ" ސިލްސިލާގެ ކާމިޔާބީ އަށް ފަހު އޭގެ ސްޕިން-އޮފް އެއްގެ ގޮތުގައި ރޯލިން ލިޔެ، ސްކްރިޕްޓް ވެސް ތައްޔާރުކޮށްފައިވާ "ފެންޓާސްޓިކް ބީސްޓްސް އެންޑް ވެއާ ޓް ފައިންޑް ދެމް" ޔޫކޭގައި މިދިޔަ ހުކުރު ދުވަހު ޕްރިމިއާކުރިއިރު ފިލްމު ވަނީ ފާޑުކިޔުންތެރިންނާ އެކު އެތައް ބައެއްގެ ހިތް ވެސް ފަތަހަކޮށްފަ އެވެ.

ހުކުރު ދުވަހު އެކަނި، 4144 ސްކްރީނުން މި ފިލްމަށް 29.7 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު އާދީއްތަ ދުވަހުގެ ނިޔަލަށް އެ އަދަދު 76 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އޮތީ ލަފާކުރެވިފަ އެވެ. އިނގިރޭސި ވިލާތުން ބޭރުގެ ބޮކްސް އޮފީސްތަކުން ލިބުނު ފައިސާއާ އެކު ފިލްމުގެ ޖުމްލަ މިހާރު ވަނީ 83 މިލިއަން އެމެރިކާ ޑޮލަރަށް އަރައިފަ އެވެ.

މި ފިލްމަކީ 180 މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ވެސް ޑައިރެކްޓްކޮށްފައިވަނީ ހެރީ ޕޮޓާ ސިލްސިލާގެ ފަހު ހަތަރު ފިލްމު ޑައިރެކްޓްކުރި ޑޭވިޑް ޔޭޓްސް އެވެ.

"ފެސްޓާސްޓިކް ބީސްޓްސް" ގައި ދައްކުވައި ދެނީ "ހެރީ ޕޮޓާ" ފިލްމު ސިލްސިލާގައި ދައްކުވައިދިން ހާދިސާތަކަށް ވުރެ މާ ކުރިން ހިނގާފައިވާ ކަންތައްތަކެވެ. ހެރީ ޕޮޓާގެ ވާހަކަ ފެށުމުގެ 70 އަހަރު ކުރިން އެ މީހުންގެ ދުނިޔޭގައި ހިނގާފައިވާ ކަންކަމެއްގެ ވާހަކަ އެވެ.

މި ފިލްމުގައި މެއިން ކެރެކްޓާ އަކީ ނިއުޓް ސްކޭމެންޑާ އެވެ. ފިލްމުގައި ދައްކުވައި ދެނީ ފޮއްޓެއްގައި ބަންދުކޮށްގެން އޭނާ ގެންގުޅޭ "މެޖިކަލް ކްރިއޭޗާސްތަކެއް" އެމެރިކާގެ ނިއު ޔޯކަށް ދޫވެގެން ދިމާވާ މުސީބާތްތަކެވެ. ފިލްމުގައި ސްކޭމެންޑާގެ ރޯލު ކުޅެފައި ވަނީ އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އެކްޓަރު، އެޑީ ރެޑްމެއިން އެވެ.