މޯލްޑިވިއަން އައިޑޮލް 2

މޯލްޑިވިއަން އައިޑޮލްގެ މެޑިކަލް ޕާޓްނަރަކަށް އޭޑީކޭ

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ މެޑިކަލް ޕާޓްނަރަކަށް އޭޑީކޭ ހޮސްޕިޓަލް ހަމަޖައްސައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްއިންވަނީ އޭޑީކޭ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިމިނަތު ޝާޔަން ޝާހިދު އެވެ. އަދި އޭޑީކޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލް އެވެ.

މި އެއްބަސްވުމަށްފަހު ޝާޔަން ވިދާޅުވީ މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގައި މެޑިކަލް ޕާޓްނަރެއް ނަގާފައި ނުވި ނަމަވެސް މި ސީޒަނުގައި މެޑިކަލް ޕާޓްނަރެއް ނަގަން ނިންމީ މި މުބާރާތަކީ ތިން ހަތަރު މަސް ދުވަހަށް ކުރިއަށްދާ މުބާރާތަކަށްވާތީ ބައިވެރިންނަށް ދިމާވާ އެކިއެކި ސިއްހީ ހާލަތްތަކުގައި އެކަށީގެންވާ ފަރުވާއެއް ދެވޭނެ އިންތިޒާމެއް ހަމަޖައްސަންވެގެން ކަމަށެވެ.

"ކުދިންގެ ދުޅަހެޔޮކަމާ ސިއްހަތަކީ މި ޕްރޮގްރާމްގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލާ ކަމެއް. ކުއްޖަކު ހަމައައިސް [ލަވަ] ކިޔާލަނީކީނޫން އަޅުގަނޑުމެން ކުދިންތަކެއް ބިނާކުރަނީ! ކުރީ ފަހަރަށް ބަލާފައި މެޑިކަލް ޕާޓްނާއެއްގެ ބޭނުން ވަރަށް ބޮޑު. މި ޕްރޮގްރާމްގައި އެކި ސްޓޭޖަށް ފަހު ގްރޭންޑް ފިނާލޭއަށް އަންނަ އިރު ކޮމްޕެޓިޝަން ވަރަށް ހައި. ކުދިންނަށް މެންޓަލީވެސް ފިޒިކަލީވެސް ވަރަށް ބޮޑަށް ބަލިވެ، ކޮމްޕެޓިޝަންއެއް،" ޝާޔަން ވިދާޅުވި އެވެ.

އައްފާލް ވިދާޅުވީ މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަންތަކާއި ރިކޯޑިންތަކާއި އެހެން ޝޯތައް ކުރިއަށްދާއިރު ވެސް އޭޑީކޭގެ ހާއްސަ ޓީމެއް އަބަދުވެސް ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އަދި ބައިވެރިންނަށް ބޭނުންވާނޭ ފިޒިކަލް އަދި މެންޓަލް ހުރިހާ ހިދުމަތެއް ވެސް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިއީ އޭޑީކޭގެ ކޯޕަރޭޓިވް ރެސްޕޮންސިބިލިޓީގެ ދަށުން ކުރިއަށްގެންދާ ކަމެއް ކަމަށެވެ. މިކަމަކީ ބޮޑު ހަރަދެއް ކުރިއަށްދާ ކަމެއް ކަންވެސް އައްފާލް ފާހަގަކުރެއްވި އެވެ.

މޯލްޑިވިއަން އައިޑޮލްގެ މިދިޔަ ސީޒަނުގައިވެސް އެމަޖެންސީ ހާލަތްތަކެއް އައިސްގެން އޭޑީކޭއިން އެޓެންޑުކޮށްފައިވާނެ ކަމަށާއި މިފަހަރު މެޑިކަލް ޕާޓްނާއެއްގެ ގޮތުގައި މަސައްކަތް ކުރާނީ އެހުރިހާ ކަމަކަށް ތައްޔާރުވެގެން ކަމަށް އައްފާލް ވިދާޅުވި އެވެ.

މޯލްޑިވިއަން އައިޑޮލްގެ އޮންލައިން ޕާޓްނަރަކީ އަވަސް އޮންލައިން އެވެ.