އިއާދަކުރަނިވި ހަކަތަ

ދިއްފުށީ އަވިން ކަރަންޓު އުފައްދާ ނިޒާމް ސްޓެލްކޯއާ ހަވާލުކޮށްފި

Nov 14, 2016

އިއާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓު އުފެއްދުން އިތުރު ކުރުމުގެ ޕްރޮގްރާމުގެ ދަށުން ކ. ދިއްފުށީގައި ގާއިމްކޮށްފައިވާ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމް ސްޓެލްކޯއާ މިއަދު ހަވާލުކޮށްފި އެވެ. މިއަދު މި ހަވާލުކުރި ނިޒާމަކީ 40 ކިލޯވޮޓުގެ ނިޒާމެކެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ނިޒާމް ސްޓެލްކޯ އާއި ހަވާލު ކުރިިއިރު މި ނިޒާމްގެ ދަށުން ދިއްފުށީގައި ގާއިމްކޮށްފައިވާ އައިސް އުފައްދާ މެޝިން ދިއްފުށީ ކައުންސިލާއިވަނީ ހަވާލުކޮށްފަ އެވެ.

ދިއްފުށީގައި ގާއިމްކޮށްފައިވާ ކަރަންޓު އުފައްދާ ނިޒާމަކީ ސަރުކާރުގެ އިސް ނެގުމަކަށް ގްލޯބަލް ސަސްޓެއިނެބަލް އިލެކްޓްރިސިޓީ ޕާނަޝިޕް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނު ސަރުކާރުގެ ހިލޭއެހީގެ ދަށުން ގާއިމްކޮށްފައިވާ ނިޒާމެކެވެ. މިނިޒާމުން ދުވާލަކު 190 ޔުނިޓްގެ ކަރަންޓު އުފައްދާ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުންޏެވެ. އަދި މިނިޒާމަކީ އެ ރަށަށް ދުވާލު ގަޑީގައި ބޭނުންކުރާ އެންމެ މަތީ ލޯޑުގެ 12 ޕަސެންޓާއި އެއްވަރުގެ ނިޒާމެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ދިއްފުށީ ރައްޔިތުންނަށް މިއަދު މި ހަދިޔާކުރި އައިސް ޕްލާންޓާއެކު ރަށުގެ މަސްވެރިން ބޭނުންވާ އައިސް ހޯދުމުގައި ލުއި ވެގެން ދާނެއެވެ.

ދެހާސް އަށާރަ ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ރަށަކަށް ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓުގެ 30 ޕަސަންޓު ކަރަންޓަކީ އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަތަރު މެގަވޮޓުގެ އިއާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ގާއިމްކޮށްފައިވެއެވެ.