ކޮމަންވެލްތު ޖަމިއްޔާ

ކޮމަންވެލްތުން ދިވެހިންނަށް: ކުޅިވަރުގައި އުއްމީދު ކަނޑާނުލާ!

ރާއްޖެއިން ކޮމަންވެލްތާ ގުޅުން ކަނޑާލިޔަސް، ކޮމަންވެލްތު ގޭމްސްގައި ދިވެހި އެތުލީޓުން ވާދަ ކުރުމުގެ ފުރުސަތު ގެއްލިގެން ދިޔަ ކަމުގެ އުންމީދު ކަނޑާ ނުލުމަށް ކޮމަންވެލްތު ގޭމްސް ފެޑްރޭޝަނުން ދިވެހި ކުޅިވަރުގެ އާއިލާއަށް ގޮވާލައިފި އެވެ.

ދިވެހި ކުޅިވަރުގެ މައި ބެލެނިވެރިޔާގެ ގޮތުގައި އޮތް އޮލިމްޕިކް ކޮމިޓީއަށް، ކޮމަންވެލްތު ފެޑްރޭޝަންގެ ރައީސް ލޫސީ މާޓިން ސޮއި ކުރައްވާ މިދިޔަ ހަފުތާގައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ "ޓްރެއިނިން އަށް ފޯކަސް ކޮށް ކުޅިވަރުގެ ކެރިއާ ޕްލޭން ކުރުމަށް" އެދޭ ކަމަށާއި "ބުރަކޮށް މަސައްކަތް ކޮށްފިނަމަ [ކުޅިވަރުގައި] ހާސިލު ނުވާނެ ކަމެއް ނޯންނާނެ ކަން ގަބޫލު ކުރުމަށް" އިލްތިމާސް ކުރާ ކަމަށެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ކޮންމެވެސް ދުވަހަކުން ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅޭނެ ކަމަށް. އަދި ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅޭނެ ކަމަށް ދިވެހި އެތުލީޓުން ވެސް އުންމީދު ކުރޭ،" ކޮމަންވެލްތު ގޭމްސްގެ ސިޓީގައި ބުނެފައިވެ އެވެ.

ފުރުސަތު ލިބޭނެ ކަމަށް އަތް އުރާލައިގެން ނުތިބެ އެ ފުރުސަތައް ގަދައަޅައި މަސައްކަތް ކުރުމަށް ސިޓީ ގައި ލޫސީ މާޓީން ދިވެހި ކުޅިވަރުގެ އާއިލާއަށް އިލްތިމާސް ކުރައްވާފައިވެއެވެ.

ރާއްޖެއިން ވަނީ މިދިޔަ މަހު ކޮމަންވެލްތުން ވަކިވުމަށް ނިންމާފައެވެ. ޔޫތު މިނިސްޓްރީން ވިދާޅުވެފައިވަނީ ކޮމަންވެލްތުން ވަކިވިޔަސް އޭގެ ބަދަލުގައި ރާއްޖެއަށް އެހެން ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.