ކޮމަން ވެލްތު ގޭމްސް ފެޑްރޭޝަންގެ މެންބަރުކަން ރާއްޖެއަށް ލިބިގެން ދިއުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާހަގަ ކުރެއްވީ ދިވެހި ކުޅިވަރަށް އުފާވެރި ދުވަހެއްގެ ގޮތުގަ އެވެ. މިއީ މިއަހަރު ދިވެހި ކުޅިވަރަށް ލިބުނު އެންމެ އުފާވެރި އެއް ޚަބަރަށް ވާނެ އެވެ.
ރައީސް ސޯލިހް އިއްޔެ ވިދާޅުވީ ކޮމަންވެލްތު ގޭމްސް ފެޑްރޭޝަންގެ މެންބަރުކަން ރާއްޖެއަށް އަލުން ދިނުމަށް ގައުމުތަކުން ނިންމާފައިވާ ކަން، އެ ފެޑްރޭޝަންގެ ރައީސް ލުއީޒް މާޓިން އަންގަވާފައިވާ ކަމަށެވެ. ސީޖީއެފްގެ މެންބަރުކަން ލިބުމުން، 2022 ވަނަ އަހަރު އިންގްލެންޑްގެ ބާމިންހަމްގައި ބާއްވާ 22 ވަނަ ކޮމަން ވެލްތު ގޭމްސްގައި ރާއްޖެއަށް ބައިވެރި ވެވޭނެ އެވެ. އެންމެ ފަހުން 2018 ގައި އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ބޭއްވި ގޭމްސްއަށް ރާއްޖޭގެ އެތުލެޓިން ތައްޔާރު ވަމުން ދިޔައިރު ކޮމަން ވެލްތުން ވަކިވާން ކުރީގެ ސަރުކާރުން ނިންމުމުން އެ އަހަރުގެ ގޭމެސްއިން ރާއްޖެއަށް ފުރުސަތު ގެއްލުނެވެ.
ކޮމަން ވެލްތުގެ ސިޔާސީ މެންބަރުކަން ރާއްޖެއަށް ލިބުނީ މިދިޔަ ފެބްރުއަރީގަ އެވެ. ކޮމަން ވެލްތު ގޭމެސް ފެޑްރޭޝަންގެ މެންބަރުކަން ރާއްޖެއަށް ލިބުނީ ގިނަ ބަޔަކު ފަހަތުގައި ތިބެގެން ކުރި މަސައްކަތުންކަން އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް ފާހަގަ ކުރި އެވެ. ކޮމްނަވެލްތު ގޭމްސް ފެޑްރޭޝަނުން ވަކި ކަމަކާ މެދު ގޮތެއް ނިންމާނީ އެ ފެޑްރޭޝަންގެ ކޮންގްރެސްގަ އެވެ. ކޮރޯނާ ވައިރަސް އާ ގުޅިގެން ކޮންގްރެސްއަށް ގައުމުތަކުގެ މަންދޫބުން އެއް ކުރެވޭނެ ހާލަތެއް ނެތެވެ. އެހެންވެ ރާއްޖެއަށް ފެޑްރޭޝަންގެ މެންބަރުކަން ދިނުން ލަސްވެގެން ދިޔަ އެވެ.
ކޮމަންވެލްތު ފެޑްރޭޝަނުން ނިންމީ، ކޮންމެ މެންބަރު ގައުމަކަށްވެސް ވަކިން ލިޔުމުން، ރާއްޖޭގެ މައްސަލަ ފޮނުވުމަށެވެ. އަދި ރާއްޖެއަށް އަލުން މެންބަރުކަން ދިނުމާމެދު އިއުތިރާޒެއް ނެތް، ގައުމުތަކުން އެކަން އެންގުމަށް އެދުނެވެ. ކޮމަންވެލްތުގައި 54 ގައުމު ހިމެނުނުނަމަވެސް، ކޮމަން ވެލްތު ގޭމްސް ފެޑްރޭޝަންގައި 71 ގައުމު ހިމެނެ އެވެ. އެކި ގައުމުތަކަކީ އެކި ލެވަލްގެ ގައުމުތަކެވެ.
ކޮންމެ ގައުމަކަށް ފޮނުއްވި ލިޔުމަށް ޖަވާބު ހޯދުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން މަރުޒޫގް ވިދާޅުވި އެވެ. ގައުމުތަކުގެ އޮލިމްޕިކް އެސޯސިއޭޝަންތަކަށް ރާއްޖޭގެ ބޭނުން އަންގައިދިނުމަށް ކޮމަން ވެލްތު ގޭމްސްގެ ނައިބު ރައީސުންނާއެކު މަރުޒޫގް ވަނީ މަސައްކަތް ކުރައްވާފަ އެވެ. ފޮރިން މިނިސްޓްރީން ގައުމުތަކުގެ ޑިޕްލޮމެޓް މިޝަންތަކަށް ސިޓީ ލިޔެގެން އެގައުމުތަކުގެ ސަމާލުކަމަށް މައްސަލަ ގެނެ އެވެ.
ކޮމަން ވެލްތު ގޭމްސްގެ ފެޑްރޭޝަންގެ ތެރެއިން ލިބެން އޮތް އެންމެ ބޮޑު ފުރުސަތަކީ އެތުލީޓުންގެ ޓްރެއިނިން އާއި ސްކޮލާޝިޕް ފުރުސަތުތަކެވެ. ދުވުންތެރިޔާ ހަސަން ސާއިދު އާއި ބެޑްމިންޓަން ތަރި މުހައްމަދު އަޖުފާން އަދި ސްވިމިންގެ ކުރިގެ ތަރި ނަޝްވާންގެމެން ފަދަ އެތުލީޓުން ބޭރުގައި ތަމްރީން ހެދީ ކޮމަންވެލްތު ގޭމްސް ފެޑްރޭޝަންއިން މެދުވެރިވެގެން ތަނަވަސްވި ފުރުސަތު ތަކުންނެވެ. އޮލިމްޕިކް ގޭމްސްއަށް އެތުލީޓުން ތައްޔާރު ކުރުމަށް ވެސް ކުރިއަށް އޮތް ތަނުގައިވެސް ސީޖީއެފްއިން އެހީތެރި ވާނެކަމަށް މަރުޒޫގް ވިދާލުވި އެވެ.