ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި އަޅާ 3000 ހައުސިން ޔުނިޓުގެ ތެރެއިން 278 ހައުސިން ޔުނިޓުގެ ސީލައިފް ރެޒިޑަންސް އެޅުމަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓުއެންޓީ ތާޑް މެޓަލަޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓަޑްއާ ހަވާލުކޮށްފި އެވެ.
މި ޕްރޮޖެކްޓް ރަސްމީކޮށް ހަވާލު ކޮށްދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ސީލައިފް ގްލޯބަލް ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު އެވެ. އަދި ޗައިނާ ކުންފުނީގެ ފަރާތުން ސޮއު ކުރެއްވީ އެކުންފުނީގެ ނައިބު ރައީސް ޔަން ޝިންޗުއާން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަހުމަދު މޫސަ ވިދާޅުވީ މި ޕްރޮޖެކްޓުގެ ބިންގާ 2014 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަޅުއްވާ ދެއްވި ނަމަވެސް މިހާތަނަށް މަސައްކަތް ފެށުން ލަސްވެފައި ވަނީ އެޗްޑީސީ ފަރާތުން ލިބެން ޖެހޭ ބައެއް ހުއްދަތައް ނުލިބުމުގެ ސަބަބުން ކަމަށެވެ. އެކަމަކު މިހާރު އެ މަސައްކަތުގެ ފުރަތަމަ ބައި ފަށައި ފައުންޑޭޝަނަށް ބޭނުންވާ ސާމާނު ގެނެއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިއަދު އިރާދަކުރެއްވިއްޔާ ފުރުސަތު ލިބިއްޖެ. މަސައްކަތް ކުރުމުގެ ހުއްދަ އެޗްޑީސީއިން ލިބިފައި ވަނީ މިއަހަރު ޖޫން މަހުގެ ތެރޭގައި. އަދި 2018 ވަނަ އަހަރު ނިމުމުގެ ކުރިން މި މަޝްރޫއު ނިންމާ ފްލެޓު ގަނެފައިވާ ފަރާތްތަކާ ހަވާލު ކުރާނަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސީލަފް ރެޒިޑެންސްގެ މަޝްރޫއުގެ ދެވަނަ ކޮންޓްރެކްޓަރާ ސޮއި ކުރެވިގެންދާއިރު މި އަހަރު ނިމުމުގެ ކުރިން ތިން ވަނަ ކޮންޓްރެކްޓަރާ އެކުވެސް ސޮއި ކުރާނެ އެވެ. އަދި އަންނަ ޖެނުއަރީ މަހު ކުރީކޮޅު ފްލެޓުތަކަށް ލުއި ޕޭމަންޓް ޝެޑިއުލްއެއް ތައާރަފްކޮށް އިއުލާން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސީލައިފް އިން ހުޅުމާލޭގައި އަޅަނީ 3000 ހައުސިން ޔުނިޓެވެ. އަދި އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ތެރޭގައި ހިމެނޭ 1000 ހައުސިން ޔުނިޓުގެ މަސައްކަތް ބަހާލެވިފައިވާ ތިން ބަޔަކަށެވެ. އެއީ އެއީ ސީލައިފް ކޮމްޕްލެކްސް އެމްތްރީ 55، ސީލައިފް ރެސިޑެންސް އެމްތްރީ 56 ސީލައިފް ގްރޭންޑް އެމްތްރީ 57 އެވެ. -- މިރޭ ސޮއި ކޮށް ހަވާލު ކުރީ ސީލައިފް ރެސިޑެންސްގެ ހައުސިން ޔުނިޓުތައް އެޅުމަށެވެ. --
ސީލައިފްގެ ފުރަތަމަ އެ 1000 ހައުސިން ޔުނިޓުގައި ހިމެނެނީ އެއްކޮޓަރިއާ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކާއި ޕެންޓް ހައުސްއެކެވެ. އަދި ހަ ޓަވަރު އިމާރާތް ކުރާ އިރު އޭގެ އެއްވަނަ އަދި ދެވަނަ ފްލޯގައި ހިމެނެނީ ޝޮޕިން ކޮމްޕްލެކްސްއާ ރެސްޓޫރަންޓާ ޕާކިންއަކާއި ޖިމް އެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ކޮންމެ ބްލޮކެއްގެ ތިންވަނަ ފްލޯގައި ސުއިމިން ޕޫލެއް ހިމެނުމަށް ވެސް ވަނީ ރާވާފައެވެ.