ވިޔަފާރި

އިންޑިއާގެ ނޫޓްތައް އުވާލުމުން ދިވެހިން ވެސް ދަތިތަކުގައި

Nov 15, 2016
4
  • ކޮލެޖާއި ގޭގެ ފީ ދައްކަން ވަނީ އުނދަގޫވެފައި
  • ޑޮލަރު މާރު ކުރުމަށް ވެސް ދަތިވެފައިވޭ
  • ޓްރެވިންޑްރަމްގައި ދިވެހިންނަށް ހާއްސަ އިންތިޒާމްތަކެއް

އިންޑިޔާ އިން ކުއްލި ގޮތަކަށް 500 އާއި 1،000 ރުޕީސްގެ ނޫޓު އުވާލުމަށް ނިންމުމާ އެކު އެ ގައުމުގައި ދިރިއުޅެމުން ދާ ދިވެހިންނާއި ބޭސްފަރުވާ އާއި އެހެނިގެން ކަންކަމަށް އެ ގައުމަށް ޒިޔާރަތް ކުރާ ދިވެހިންނަށް ގިނަ އަދަދެއްގެ ދަތިތަކެއް ކުރިމަތިވެ، ޝަކުވާ ބޮޑުވެއްޖެ އެވެ. އެންމެ ގިނަ ދިވެހިން ދިރިއުޅޭ ޑްރެވިންޑްރަމްގައި ބައެއް އިންތިޒާމްތައް ވަނީ ދިވެހިންނަށް ފަސޭހަ ކުރަން ހަމަޖައްސައިފަ އެވެ.

އިންޑިއާގެ ބެންގަލޫރުގައި ކިޔަވަން ހުރި ދިވެހި ދަރިވަރަކު މިއަދު "އަވަސް" އަށް ބުނީ 500 އާއި 1000 ރުޕީސްގެ ނޫޓްތައް އުވާލިއިރު އެއީ މަހުގެ ކުރީކޮޅު ކަމަށް ވުމުން އަތުގައި ހުރި ގިނަ ފައިސާ ހުރީ، 500 އާއި 1،000 ރުފީސްގެ ގޮތުގައި ކަމަށެވެ. އަދި ކޮލެޖަށާއި ހުންނަ ގެއަށް ވެސް އާންމުކޮށް ފައިސާ ދައްކަނީ މަހުގެ ކުރީކޮޅު ކަމަށް ވުމުން އެ ނޫޓްތައް ބަދަލުނުކޮށް އެ ތަންތަނަށް ފައިސާ ދެއްކެން ނެތް ކަމަށް ވެސް އޭނާ ބުންޏެވެ. އެ ދަރިވަރު ބުނި ގޮތުގައި ކޮލެޖަށް ދަމުން އެ ފައިސާ މާރު ކުރުމަށް، ދިގު ކިޔޫތަކުގައި ހުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަދި އެކަމަށް ގިނަ ވަގުތު ވެސް ނަގަ އެވެ. އަދި ގިނަ ރުޕީސް ހުރި ނަމަ، ޑޮލަރު މާރުކުރި ސްލިޕްކޮޅު ނެތުމުން ވެސް ވަރަށް ގިނަ ސުވާލު ވެސް ކުރާ ކަމަށް އޭނާ ބުންޏެވެ.

"މަހުގެ ކުރީކޮޅު ވީމައި މާލެއިން ފޮނުވި ޑޮލަރު މި މާރު ކުރީ. މާރު ކުރީމާ ދީފައި ހުންނަނީ 1،000 ރުޕީސް އިން އާންމުކޮށް. ދެން ނޫނީ 500 އިން މި ހުރީ. ގިނަ ފައިސާ މި ހުރީ އެހެން. ގެއަށް ވެސް ކުލި ނުދައްކައި އަދި ކޮލެޖަށް ވެސް މި ސެމިސްޓާ އަށް ފައިސާ ދައްކަން އޭރު ލާރި މާރު ކުރީ. އެކަމަކު އެކަން ނުކޮށް އުޅުނިކޮށް އެ ނޫޓްތައް އުވާލީމާ މާރުނުކޮށް ނެތް އެއް ކަމެއް ވެސް ކުރެވޭކަށް. ނުކައި ކަހަލަ ގޮތަކަށް އުޅެން ވެސް މި ޖެހެނީ ފައިސާ އެވަރަށް ނެތީމައި. ޓެކްސީއެއް އެއްޗަކަށް ވެސް ފައިސާ ދައްކަން ވަރަށް ދަތި،" އޭނާ ބުންޏެވެ. "ބައެއް ބޭންކްތައް މަސައްކަތް ވެސް ނުކުރޭ. ދެން އޭޓީއެމް އިން ލާރި ނަގަން ބެލި އިރު ގިނަ އޭޓީއެމްތައް ހުރީ ބަންދުކޮށްފައި. ޕޮސްމެޝިންގައި ވެސް މައްސަލަތައް ޖެހޭ،"

ޓްރެވިންޑްރަމްގައި އުޅޭ ދިވެހި އާއިލާ އަކުން ވާހަކަ ދެއްކި މީހަކު ބުނީ، މާލެ އިން ވެސްޓާން ޔޫނިއަން އަށް ފޮނުވި ފައިސާ ހޯދުމަށް އެތަނަށް ދިޔުމުން އެތަނުގައި ފައިސާ ހުސްވެފައި ހުރި ކަމަށް ބުނެ ފައިސާ ނުލިބުނު ކަމަށެވެ. އަދި ގެއަށް ކުލި ދައްކައި ބައެއް ކާބޯތަކެތި ވެސް ގަންނަން ޖެހޭތީ އެ ފައިސާ ނުލިބި ހަފްތާއެއްހާ ދުވަސްވެފައި ވާތީ އުނދަގޫވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ބޭންކްތަކުގެ ކިޔޫތައް ވެސް ދިގު ކަމުން ފައިސާ މާރު ކުރަން ވެސް އުނދަގޫވެފައިވާ ކަމަށް ބުންޏެވެ. އިންޑިއާއިން ބޭރު މީހެއް ކަމަށް ވުމުން ފައިސާ މާރު ކުރަން ޑޮލަރު މާރު ކުރި ސްލިޕް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

ޓްރިވެންޑްރަމްގައި ހުންނަވާ ރާއްޖޭގެ ކޮންސިއުލާ ޖެނެރަލް އަހުމަދު އާދަމް ވިދާޅުވީ ފައިސާ މާރުކުރުމަށް ދަތި ދިމާވެފައިވާ ކަމަށް ބުނެ ގިނަ ދިވެހިން އަންނަނީ އެ ކޮންސިއުލޭޓްގެ އެހީއަށް އެދެމުންނެވެ. އޭނާ ބުނީ އެކަން ހައްލު ކުރުމުގެ ގޮތުން، ޓްރެވިންޑްރަމްގައި ހުންނަ އައިސީއައިސީ އާއި އެސްބީއައިގެ ބްރާންޗްގައި ދިވެހިންނަށް ޑޮލަރު ލިބޭނެ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ފައިސާ މާރު ކުރަން ދާ އިރު ޑޮލަރު މާރުކުރި ސްލިޕާއި އެހެން ވެސް ޑޮކިއުމަންޓްތައް ގެންދަން އިރުޝާދު ދެމުން އަންނަ ކަމަށެވެ.

"އާއްމު ގޮތެއްގައި މި ތަނުގައި [ޓްރިވެންޑްރަމް] ގައި ހުންނަނީ މި ދެ ބޭންކުގެ ބްރާންޗް. ބޭންކްތަކާ ވާހަކަ ދެއްކުމަށް ފަހު އިންތިޒާމު ހަމަޖެހިގެން ގޮސްފައިވަނީ. ދުވާލަކު 4000-5000ރ. އެކްސްޗޭންޖް ކުރެވޭނެ ދިވެހިންނަށް ފަސޭހައިން،" އަހުމަދު ވިދާޅުވި އެވެ.

އިންޑިޔާގައި ރާއްޖޭގެ 2000-3000 މީހުން ދިރިއުޅެ އެވެ. އަދި ކުރި އަށް އޮތީ ޗުއްޓީ ކަމަށްވުމާއެކު ގިނަ ބަޔަކު އިންޑިޔާ އަށް ބޭސް ފަރުވާ އަށް ދާނެ ކަމަށް ބެލެވެ އެވެ.

އޭނާ ވިދާޅުވީ އިންޑިޔާއިން ގެނެސްފައިވާ މި ބަދަލުގެ ސަބަބުން މަނީ އެކްސްޗޭންޖް ނޫން ތަންތަނުން ޑޮލަރު މާރުކުރި މީހުންނަށް އެކިވަރުގެ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެ މައުލޫމާތުތައް ކޮންސިއުލޭޓުން މިހާރު ދިވެހިންނަށް ފޯރުކޮށް ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ވަރަކަށް މީހުންނެއް އާދެ. ދެ މީހަކު އައި. މީގައި ވާ ގޮތަކީ ބްލެކުން މާރު ކުރުމުން ދަތިތަކާ ދިމާވާނެ،" އަހުމަދު ވިދާޅުވި އެވެ.

އިންޑިއާ އިން 500 އާއި 1،000 ރުޕީސްގެ ނޫޓްތައް އުވާލައި، 500 ރުޕީސްގެ ނޫޓާއި 2000 ރުޕީސްގެ ނޫޓްތައް ތައާރަފް ކުރީ އެ ގައުމުގައި އޮންނަ ކޮރަޕްޝަނާއި ޓެކްސްއަށް މަކަރުހެދުމާއި ކަޅު ފައިސާގެ ބާޒާރު ނައްތާލުމަށެވެ. އެ ނިންމުން އެހާ ކުއްލިއަކަށް އިއުލާން ކުރުމާ އެކު ކުރީގެ ނޫޓްތައް ބަދަލުކުރުމަށް މުޅި އިންޑިއާގައި މި ވަގުތު ވަނީ ކިޔޫ ހަދައިފަ އެވެ. މި ފައިސާ ބަދަލު ކުރުމަށް ވަނީ 50 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އަދި މި އަހަރުގެ ޑިސެމްބަރު 30 ގެ ކުރިން ކޮންމެވެސް ސަބަބަކާ ހުރެ ފައިސާ ބަދަލު ނުކުރެ މީހުންނަށް އަންނަ އަހަރުގެ މާޗު 31 ގެ ނިޔަލަށް ވަނީ ފުރުސަތު ދީފަ އެެވެ. މި ބަދަލާއެކު، ބޭންކްތަކަށް ވަނީ ބުރަ ބޮޑުވެފަ އެވެ.

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ، ހައިކޮމިޝަނަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ދަތިތައް އެބަ ހުރި ކަމަށާއި ޝަކުވާ ވެސް ލިބޭ ކަމަށެވެ. އަދި ދިވެހިން ނޫނަސް މުޅި އިންޑިއާގެ ރައްޔިތުންނާއި އެ ގައުމުގައި އުޅޭ އެހެން ގައުމުތަކުގެ މީހުންނަށް އުނދަގޫތައް ކުރިމަތިވެފައި ވާއިރު ދިވެހިންނަށް ހާއްސަކޮށް ފައިސާ މާރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އެހެން ނަމަވެސް ޝަކުވާ ލިބެމުން އަންނަ ވަރަކުން ދިވެހިންނަށް އެހީތެރިވެ ދިނުމަށް ހައިކޮމިޝަން މެދުވެރިވެގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ބަލަނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ކިޔޫތައް މަދުވާނެ ކަމަށް. އޭރުން ދިވެހިންނަށް ވެސް އެ ލުއި އަންނާނެ. ފައިސާއިން މުއާމަލާތް ކުރަން ދަތި އެބަ ހުރި. އެ ޝަކުވާ ވެސް އެބަ ލިބޭ. އަޅުގަނޑުމެންނަށް ވީވަރަކުން ލުއި ދެވޭތޯ އަންނަނީ މަސައްކަތް ކުރަމުން. މުޅި އިންޑިއާގައި އޮތް ދައްޗެއް ދިވެހިންނަށް ވެސް ކުރިމަތިވާނެ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

ބޭސްފަރުވާއަށް ޓްރެވިންޑްރަމްގައި ހުރި މީހަކު ވެސް ބުނީ އާއިލާގެ މެންބަރެއްގެ އޮޕަރޭޝަނަށް ދައްކަން ޖެހޭ ފައިސާ ވެސް ޑޮލަރު މާރު ނުވުމުގެ ސަބަބުން ލަސްކުރަން ޖެހި އިތުރު ދުވަސް އިންޑިއާގައި ތިބެން ޖެހިފައިވާ ކަމަށެވެ. އަދި ޓިކެޓް ވެސް މިހާރު ބަދަލު ކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ހުންނަ ގެއަށާއި ކެއުން އަދި ދަތުރުފަތުރަށް ވެސް ފައިސާ ބޭނުން ވާތީ އިތުރަށް ފައިސާ މާރުނުކޮށް ހަރަދު ކުރެވެން ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

ގިނަ ބަޔަކު ނޫޓްތައް މާރުކުރަން ފެށުމުން ބައެއް ބޭންކްތަކާއި އެހެން ވެސް މާލީ ހިދުމަތް ދޭ ތަންތަނުން ނޫޓްތައް ވަނީ މަދުވެ ހިދުމަތަށް ބުރޫ އަރާފަ އެވެ. އަދި އޭޓީއެމްތައް ވެސް ވަނީ ހިދުމަތް ކެނޑިފަ އެވެ. އަދި ގިނަ ބަޔަކު ޕޮސް މެޝިން ބޭނުން ކުރަން ފެށުމުން ދޭތެރެ ދޭތެރެއިން ކާޑުން ހިދުމަތް ހޯދުމަށް ވެސް އަންނަނީ ދަތި ކުރިމަތިވަމުންނެވެ.