ދެ ވަނަ ހަފުތާގައި ވެސް "ޑޮކްޓަ ސްޓްރޭންޖު" ގެ ބާރު ބޮކްސް އޮފީހުން ކެނޑިގެންދާގޮތެއް ނުވި އެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު އުތުރު އެމެރިކާ އާއި ކެނެޑާގައި ޝޯތައް ފެށި މި ފިލްމު ދެ ވަނަ ހަފުތާ ނިންމައި އެއް ވަނަ މަގާމުގައި އޮވެ ތިން ވަނަ ހަފުތާއާ ކުރިމަތިލާއިރު ބޮކްސް އޮފީސް ޖުމްލަ މިހާތަނަށް ވަނީ 494 މިލިއަން ޑޮލަރަށް އަރައިފަ އެވެ.
ޑިޒްނީ އާއި މާވެލްގެ މި ފިލްމުގައި ޓައިޓްލް ރޯލު ކުޅެފައި ވަނީ އިނގިރޭސި ވިލާތުގެ މަޝްހޫރު އެކްޓަރު، ބެނެޑިކްޓް ކަމްބާބެޗް އެވެ. މިދިޔަ ހަފުތާ ބަންދުގައި އެކަނި ވެސް މި ފިލްމަށް 43 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ 165 މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.
މި ކާމިޔާބީއާ އެކު އަހަރު ނިންމާލަން ދާއިރު ޑިޒްނީ އަކީ މި އަހަރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯކަން ފާހަގަކޮށްލަން ޖެހެ އެވެ. އެމީހުންގެ ބޮކްސް އޮފީސް ޖުމްލަ ވަނީ މި އަހަރުގެ މިހާތަނަށް ހަ ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފަ އެވެ. މިއީ ޑިޒްނީ އަށް ރިކޯޑް އަދަދެކެވެ. ބޮކްސް އޮފީހުގައި ހަމައެކަނި އެމެރިކާ އިން ލިބުނު ޖުމްލަ ވެސް 2.3 ބިލިއަން ޑޮލަރަށް އަރާފައިވާއިރު މިއީ މިދިޔަ އަހަރު ޑިޒްނީ އަށް ފިލްމުތަކުން ލިބުނު ޖުމްލަ އަށް ވުރެ ބޮޑު އަދަދެކެވެ.
ކަމްބާބެޗްގެ އިތުރުން ޗްވެޓްލް އެޖިފޯ އާއި ރޭޗަލް މެކްއޭޑަމްސް އަދި ޓިލްޑާ ސްވިންޓޮން ފަދަ މަޝްހޫރުތަރިން ފެނިގެންދާ "ޑޮކްޓަ ސްޓްރޭންޖް" އަކީ މާވެލްގެ ހިޔާލީ ދުނިޔެ އިން ނުކުމެ ބޮޑު ސްކްރީނަށް އައި 14 ވަނަ ސުޕަހީރޯ ފިލްމެވެ.
ފިލްމަށް ބޮކްސް އޮފީހުގައި ލާރި އޮހެމުންދާއިރު، ފާޑުކިޔުންތެރިންގެ ފަރާތުން އޮހެމުންދާ ތައުރީފަށް ވެސް ހިފެހެއްޓުމެއް ނެތެވެ.
"ޑޮކްޓަ" ފަހަތުން އުތުރު އެމެރިކާގެ ބޮކްސް އޮފީހުގެ ޗާޓްގެ ދެ ވަނާގައި މިވަގުތު އޮތީ ފޮކްސް އާއި ޑްރީމްވޯކްސްގެ "ޓްރޯލްސް" އެވެ.
އަހަރުގެ އެންމެ މޮޅު ސައިންސް ފިކްޝަން ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވާ "އެރައިވަލް" އޮތީ ޗާޓުގެ ތިން ވަނައިގަ އެވެ. މިއީ މި ފިލްމުގެ ފުރަތަމަ ހަފުތާކަން ވެސް ފާހަގަކޮށްލެވެ އެވެ.
ހަތަރު ވަނަގައިގައި "އޯލްމޮސްޓް ކްރިސްމަން" އަދި ފަސް ވަނައިގައި އޮތީ ފާޑުކިޔުންތެރިންގެ ހިތްތައް ފަތަހަކޮށްފައިވާ "ހެކްސޯ ރިގް" އެވެ.