ބޭރު ކުޅިވަރު

ރޮނާލްޑޯ ދެކެ ރުޅިއަންނަން އެހާ ފަސޭހައީ ކީއްވެ؟

Dec 10, 2014
2

"އަހަންނަށް ހީވަނީ (މީހުން އަހަރެން ދެކެ އެހާ ރުޅި އަންނަނީ) އަހަރެން މުއްސަނދިވެފައި ރީތިވެފަ، އަދި އެހާމެ މޮޅު ކުޅުންތެރިޔަކަށް ވީމަހެން. ތިޔަ ސުވާލަށް ދޭނެ އެހެން ޖަވާބެއް އަހަންނަކަށް ނޭނގޭ."

ޕޯޗުގަލް އާއި ރެއަލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މިހެން ބުނީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ޑައިނަމޯ ޒަގްރެބްއާ ދެކޮޅަށް ކުޅެނިކޮށް އެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުމުގެ ރޯޅިއަކާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.

އެ އިންޓަވިއުގައި އޭނާ ދެން ދެއްކީ އޭނާގެ މޮޅުކަމާއި ހުނަރުވެރިކަމުގެ ވާހަކަ އެވެ. ހުނަރުވެރި މޮޅެތި ކުޅުންތެރިންނަށް ރެފްރީންގެ ހާއްސަ ހިމާޔަތެއް ލިބެން ޖެހޭނެ ކަމަށް ބުނާއިރު އޭނާ އަށް ރެފްރީންގެ އެ ހިމާޔަތް ނުލިބޭ ކަމުގެ ޝަކުވާ އެވެ.

މިހާ ހިސާބުން ވެސް ރޮނާލްޑޯގެ އަސްލު ސިފަ މި ވަނީ ވަރަށް ބޮޑަށް ހާމަވެފަ އެވެ. އޭނާ އަކީ މިއަދުގެ ފުޓްބޯޅަ ދަނޑުން ފެންނަ އެންމެ ކިބުރުވެރި، އެންމެ ބޮޑާ ކުޅުންތެރިޔާ އެވެ.

ވަރަށް ގިނަ މީހުން އޭނާ ދެކެ ރުޅިއަންނަނީ މި ސަބަބާ ހެދި އެވެ. ކިތަންމެ މޮޅަށް ކުޅެ ކިތަންމެ ގިނަ ގޯލެއް ޖެހިޔަސް ބައެއް މީހުންގެ ހިތްތަކުން ރޮނާލްޑޯ އަށް ޖާގަ ނުލިބެނީ މި ސަބަބާ ހެދި އެވެ.

ސީޒަނުގެ މިހާތަނަށް ވެސް އޭނާ 30 ގޯލު ޖަހައިފި އެވެ. އެވެސް އެންމެ 22 މެޗުންނެވެ.

"ކްރައިބޭބީ"ގެ ގޮތުގައި ދަނޑުމައްޗަށް އޭނާ މަޝްހޫރުވެފައި ވަނީ ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. ރޮނާލްޑޯގެ މަންމަ ބުނެފައި ވަނީ އޭނާ އަށް ކުޑައިރު ވަނަމެއްގެ ގޮތުގައި ކިޔައި އުޅުނީ ވެސް "ކްރައިބޭބީ" ކަމަށެވެ.

"ޓީމުގެ ކުޅުންތެރިން އޭނާ އަށް ބޯޅަ ޕާސްނުކޮށްފި ނަމަ އޭނާ އަށް ވަގުތުން ރޮވޭނެ. ގޯލެއް ނުޖެހުނަސް އަދި އޭނާ ބޭނުންވާ ފެންވަރަށް ދެން ތިބޭ ކުޅުންތެރިންނަށް ނުކުޅެވުނަސް،" ރޮނާލްޑޯގެ މަންމަ، ޑޮލޯރެސް އެވެއިރޯ މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ މިހެންނެވެ.

 ކުޑަކުއްޖެއްގެ ގޮތުގައި ރޮނާލްޑޯ އަކީ ވަރަށް ވެސް ފަސޭހައިން ޖަޒުބާތުގައި ޖެހުނު ކުއްޖެކެވެ. އަދި އޭރު ވެސް އެހާމެ ކިބުރުވެރި ޝަހުސެއް ވިއްކި މީހެކެވެ.

ސްކޫލުން އޭނާ ކަނޑާލީ ޓީޗަރަކާ ދިމާލަށް ގޮނޑިއެއް ހުރާލައިގެންނެވެ. ޓީޗަރު މީހާ އަށް ހަމަލާ ދިނީ އެ ޓީޗަރު އޭނާ އަށް އިހްތިރާމެއް ނުކުރާ ކަމަށް ބުނެ އެވެ.

ރޮނާލްޑޯ ދެކެ ރުޅިއަންނަން ފަސޭހަވަނީ މި ފަދަ އެތައް އެތައް ސަބަބަކާ ހެދި އެވެ.

ނަމަވެސް ރޮނާލްޑޯގެ އެހެން ފަޅިއެއް ވެސް އެބައޮތެވެ. އަމިއްލަ އެދުމުން ފޯވެފައިވާ ކުޅުންތެރިއެއްގެ ގޮތުގައި ފުޓްބޯޅައިގެ ދަނޑަށް މަޝްހޫރުވެފައިވިޔަސް ބައެއް ހާލަތްތަކުގައި ހިތްތައް ވިރިގެން ފައިބާވަރުގެ ލޯބި ކަންތައް ވެސް ކުރާ މީހެކެވެ.

އެންމެންގެ ވެސް ފެވަރިޓަކީ ރޮނާލްޑޯއާ އެންމެ ވާދަވެރި ލިއޮނަލް މެސީ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި، ހާއްސަކޮށް އިންސާނީ އެހީ އަށް ބޭނުންވާ ހާލަތްތަކުގައި ރޮނާލްޑޯ އެހެން އެތުލެޓިކް ސުޕަސްޓާރުންނަށް ދީލަތި ކަމަށް ފާހަގަކުރެވެ އެވެ.

ރޮނާލްޑޯގެ މަންމަ އަށް ފަރުވާ ދިން ޕޯޗުގަލްގެ ހޮސްޕިޓަލެއްގައި ކެންސަރުގެ ޔުނިޓެއް ގާއިމުކުރުމަށް އޭނާ ދިން 165،000 ޑޮލަރުގެ އެހީ އަކީ ވެސް މިސާލެކެވެ. ކުޑަކުދިންނަށް މިފަދަ ދީލަތި އެހީވުމަކީ ވެސް އޭނާ އާންމުކޮށް ކުރާ ކަމެކެވެ. އެގޮތުން ސިކުނޑީގެ ހާއްސަ ސާޖަރީއެއް ކުރަން ޖެހުނު 10 މަހުގެ ކުއްޖަކަށާއި ކެންސަރާ ހަނގުރާމަކުރަމުން ދިޔަ ނުވަ އަހަރުގެ ކުއްޖަކަށް ފޯރުކޮށްދިން އެހީ އަކީ ވެސް ފަލަ ސުރުހީ އަތުލި ކަންކަމެވެ.

ސުނާމީގައި 2004 ވަނަ އަހަރު ހާލުގައި ޖެހުނު ކުއްޖަކު، ރޮނާލްޑޯގެ ނަން ޖަހާފައިވާ ޖާޒީއެއް ލައިގެން ހުއްޓައި ފެނިގެން ރޮނާލްޑޯ ވަގުތުން އެ ކުއްޖާގެ ސަރަހައްދަށް ގޮސް އެހީ ފޯރުކޮށްދިން ދިނުމަކީ ވެސް މަޝްހޫރު ވާހަކަ އެކެވެ.

ނަމަވެސް ރޮނާލްޑޯގެ މި ސިލްސިލާ އަކީ ފުޓްބޯޅަ އަށް ޝައުގުވެރިވާ މީހުންގެ މާ ބޮޑު ސަމާލުކަމެއް ލިބޭ ކަންކަމެއް ނޫނެވެ. ނަމަވެސް މެސީމެން ފަދަ ސްޓާރަކު ދީލަތި އެހީއެއް ފޯރުކޮށްދީފި ނަމަ ލިބޭ ސަމާލުކަން އަބަދުވެސް ބޮޑު އެވެ.

ރޮނާލްޑޯ އަކީ ހަމައެކަނި މޮޅު ފުޓްބޯޅަ ކުޅުންތެރިއެއް ނޫނެވެ. އަމިއްލަ ލޭބަލްގެ ނަމުގައި ފެޝަންގެ ދުނިޔެ ވެސް ހިސޯރުކޮށްފައިވާ ފަރާތެކެވެ. އޭނާގެ ލޯބިވެރިޔާ އިރީނާ ޝައިކް ސުޕަމޮޑެލަކަށްވިޔަސް އޭނާ އަށް ވުރެ މަޝްހޫރީ އަދި އަގުބޮޑީ ވެސް ރޮނާލްޑޯގެ އެވެ.

ރޮނާލްޑޯ ވަނީ އޭނާއާ އެއްގޮތަކަށް ހެދުން އަޅަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ވެސް ހެދުން މަރުކާއެއް ނެރެފަ އެވެ.

އޭނާގެ އުފަން ރަށް ( ޕޯޗްގަލްގެ ފަންޗަލް) ގައި ހުޅުވާފައިވާ ރޮނާލްޑޯގެ މި ހާއްސަ މިއުޒިއަމްގައި އޭނާގެ ބުދާއި ފޮޓޯތަކާއި މުހިންމު ބައެއް އެވޯޑްތައް ދައްކާލަން ބަހައްޓާފައި ހުރެ އެވެ.

ސަބަބަކީ ރޮނާލްޑޯ ގަބޫލުކުރާ ގޮތުން އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު، އެންމެ ރީތި އަދި އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އެންމެ މޮޅީ ކާކުތޯ ސުވާލުކޮށްފި ނަމަ އޭނާގެ ވޯޓް މި ދެނީ ވެސް އޭނާ އަށެވެ. އޭނާ ބުނަނީ މިހެންނެވެ.

"ބައެއް މީހުން އަހަންނަށް ފާޑުކިޔަނީ އަހަރެން ކަހަލަ ރީތި، މުއްސަނދި، މޮޅު ކުޅުންތެރިޔަކަށް ވާން ބޭނުންވާތީ."