އަންނަ އާދިއްތަ ދުވަހު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ތިން ވަނަ ޑިވިޝަނުން ވޯޓް ދޭނެ ކުލަބަކަށް ކުޑަ ހެންވޭރު ޔުނައިޓަޑް ހޮވައިފި އެވެ.
ރޭ ބޭއްވި ތިން ވަޑަ ޑިވިޝަންގެ ޕްރައިމެރީގައި ވާދަކުރީ ކުޑަ ހެންވޭރު ޔުނައިޓެޑްގެ އިތުރުން އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކެޑެމީ އާއި ބެސްޓް ހިލް އެވެ.
އެފްއޭއެމްގެ ކޮންގްރެސްގައި ތިން ވަނަ ޑިވިޝަނުން ވޯޓް ދޭނެ ކުލަބެއް ހޮވަނީ އެ ޑިވިޝަންގެ ކުލަބުތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ އަކުންނެވެ. އެ ކުލަބު ހޮވަން ވޯޓް ދޭނީވެސް ކުލަބު ތަކުންނެވެ. ވޯޓްގައި ބައިވެރިވެރިވި ތިން ވަނަ ޑިވިޝަންގެ 10 ކުލަބުގެ ތެރެއިން ހަ ކުލަބަކުން ކުޑަހެންވޭރު ޔުނައިޓަޑަށް ވޯޓް ދިން އިރު އެމްއެސް ހެލްޕިން ހޭންޑާއި ބެސްޓް ހިލް އަށްވެސް ލިބިފައިވަނީ ދެ ވޯޓެވެ.
އެފްއޭއެމްގެ ޑެޕިއުޓީ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ ޝަރުތު ހަމަވާ ނަމަ ދެ ވަނަ ޑިވިޝަންގެ ނުވަ ކުލަބަށް ވެސް ވޯޓް ދެވޭނެ ކަމަށެވެ. ކުލަބުތައް ޝަރުތު ހަމަވޭތޯ ބެލުމަށް އިލެކްޓޯރަލް ކޮމިޓީއަށް، ނުވަ ކުލަބުގެ މައުލޫމާތު ވެސް ފޮނުވާފައިވާ ކަމަށް ޖަވާ ވިދާޅުވިއެވެ.
މިއީ މިއަހަރު ބާއްވާ އެފްއޭއެމްގެ ދެ ވަނަ އިންތިހާބެވެ. ދެ ވަނަ އިންތިހާބަކަށް ދާން ޖެހުނީ މިއަހަރު މެއި މަހު 31 ވަނަ ދުވަހު ބޭއްވި އިންތިހާބު އެފްއޭއެމްގެ މިހާރުގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ގެ އެކްސްކޯގައި ހިމެނޭ ފަސް މެންބަރުން އޭނާގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ އެކްސްކޯއިން އިސްތިއުފާ ދިނުމުން ޓޮމްގެ ރައީސް ކަމުގެ މަސްއޫލިއްޔަތުތަކުގެ ބާރު ގެއްލުމުންނެވެ.
ކުރިއަށް އޮތް އިންތިހާބުގައި ވާދަ ކުރާނީ ތޯރިގްގެ އިތުރުން އެފްއޭއެމްގެ މިހާރުގެ ޖެނަރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލެވެ.