ލައިފްސްޓައިލް

އިސްތަށިގަނޑު ހަލާކުވާނީ ސަބަބެއް އޮވެގެން!

Nov 16, 2016

އިސްތަށިގަނޑު ރީތިކޮށް ވަރުގަދަ ކުރަން ކުރާ ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ބައެއް ފަހަރަށް އިސްތަށިގަނޑަށް ގެއްލުންވެ ހަލާކުވާކަން އެނގޭހެއްޔެވެ؟ ބައެއް ފަހަރަށް ފަރުވާއެއްގެ ގޮތުގައި އެފަދަ ކަންކަން ކުރެވެނީ ނޭނގިތިބެ އެވެ.

އިސްތަށިގަނޑު ކޮންޑިޝަނާ ކުރާއިރު، ބައެއް ފަހަރު މުޅި އިސްތަށުގަނޑުގައި އެއްކޮށް ކޮންޑިޝަނާ ކުރާ މީހުން އުޅެ އެވެ. ނަމަވެސް އިސްތަށިގަނޑު ކޮންޑިޝަނާ ލާންވާނީ އިސްތަށިގަނޑުގެ ބުޑުގައި ނުޖެހޭ ގޮތަށް އިސްތަށީގެ ތިރީބައިގަ އެވެ. އަދި ލާއިރު ވެސް މާގިނައިން އިސްތަށިގަނޑުގައި ކޮންޑިޝަނާ ބޭނުން ކުރުމަކީ އިސްތަށިގަނޑު ހަލާކުވާ ކަމެކެވެ.

އިރުގެ އަވި

ބޮލަށް ހިޔާ ވާނެ ގޮތެއް ނުހަދައި އަވިގަދަ ދުވަސް ދުވަހު މާބޮޑަށް އަތްވަތް ނުކުމެ އުޅޭނަމަ އިރުގެ އަވިން ވެސް އިސްތަށިގަނޑު ހަލާކުވާން ދިމާވެ އެވެ. އިސްތަށިގަނޑުގެ އެތެރެ ހިކި، ބޮލުން ހަންފޮޅޭ ގޮތްވެ، ބޯހިރުވައި އިސްތަށިގަނޑު ޑްރައިވާން ދިމާވެ އެވެ. މިހެން ވެއްޖެނަމަ ވައިޓް ވިނިގާ ބޭނުން ކޮށްގެން ބޯ ރަނގަޅަށް މަސާޖު ކޮށްލުމަށްފަހު، އިތަށިގަނޑާ ގުޅޭ ޝޭމްޕޫ އަކުން ބޯ ދޮވެލާށެވެ. އަދި ވިނިގާ ބޭނުން ކުރުމުގެ ބަދަލުގައި އިސްތަށިގަނޑާ ގުޅޭ ޝޭމްޕޫއަކާއެކު ކޮންޑިޝަނާ އެއް ވެސް ބޭނުން ކުރެވިދާނެ އެވެ.

ކޮންމެ ދުވަހަކު ބޯ ދޮވުން

އާންމުކޮށް ކޮންމެ ދުވަހަކު ޝޭމްޕޫ ލައިގެން ބޯ ދޮވެ ކޮންޑިޝަނާ ކުރުމަކީ އިސްތަށިގަނޑު ބަލިކަށިވެ، އިސްތަށިގަނޑު ހިކެން މެދުވެރިވާ ކަމެކެވެ. އާންމުކޮށް ބޯ ދޮންނަން ވާނީ ހަފްތާ އަކު ދޭއް ނުވަތަ ތިން ފަހަރު އެވެ. ކުރާ މަސައްކަތަކުން އިސްތަށިގަނޑު ހަޑިވެ ވަސް ހިފާފައި ހުންނަ ނަމަ ރީތި ފެންފޮދަކުން ބޯ ދޮވެލާށެވެ. އަދި އިސްތަށިގަނޑުގެ ތިރީބައިގައި ކޮންޑިޝަނާ ބޭނުން ކޮށްލާށެވެ. ނަމަވެސް ކޮންމެ ދުވަހަކު ކޮންޑިޝަނާ ބޭނުން ނުކުރާށެވެ.

ސްޓައިލް ކުރާއިރު މާބޮޑަށް ހޫނު ކުރުން

މިއީ އެންމެ ގިނައިން އިސްތަށިގަނޑު ހަލާކުވާން ދިމާވާ އެއް ސަބަބެވެ. ސްޓައިލް ކުރާ ޓޫލްތައް އިސްތަށިގަނޑުގައި މާ ހޫނުކޮށް ހުއްޓައި ޖެއްސުމުން އިސްތަށިގަނޑު ހަލާކުވެ އެވެ. ސްޓައިލް ކުރަންޖެހޭނަމަ އާންމުކޮށް 300 ޑިގްރީގައި ބަހައްޓާށެވެ. އަދި އެވަރުން ހޫނު މަޑުނަމަ، އިސްތަށިގަނޑަށް ބަލައިގެން ހޫނުމިން މަތި ކުރާށެވެ. އިސްތަށިގަނޑު މިގޮތަށް ސްޓައިލް ކުރާއިރު ވެސް، ތެއްކޮށް އޮއްވައި އިސްތަށިގަނޑު ސްޓައިލް ކުރަން ނުފަށާށެވެ. އަބަދުވެސް އިސްތަށިގަނޑު ހިއްކާފައި ސްޓައިލް ކުރަން އާދަ ކުރާށެވެ.

އިސްތަށިގަނޑު ތެތްކޮށް އޮއްވާ ފުނާ އެޅުން

ފެންވަރައިގެން ނުކުންނަ ގޮތަށް އިސްތަށިގަނޑު ތެތްކޮށް އޮއްވައި ބޮލުގައި ފުނާ އެޅުމަކީ ވެސް އިސްތަށިގަނޑު ހަލާކުވާ ކަމެކެވެ. އަދި ބައެއް ފަހަރަށް ބޮލުގައި ޖެހޭ ގޮށްތައް ފިލުވަން އިސްތަށިގަނޑު ތެތްކޮށް ބާއްވައިގެން ފުނާ އެޅުމަކީ ވެސް އާންމު ކަމެކެވެ. މިހެން ހެދުމުން އިސްތަށިތަކުގެ ބުޑަށް ބާރުވެ އިސްތަށި ފައިބަން ދިމާވެ އެވެ. އިސްތަށިގަނޑުގައި ޖެހޭ ގޮށްތައް ބޯ ދޮވުމުގެ ކުރިން ފިލުވުމަށްފަހު އިސްތަށިގަނޑު ހިކުމުން ފުނާ އަޅާށެވެ.

އިސްތަށިގަނޑާ ނުގުޅޭ ޝޭމްޕޫ ބޭނުން ކުރުން

އިސްތަށިގަނޑާ ނުގުޅޭ މާ ބާރުގަދަ ޝޭމްޕޫ ބޭނުން ކުރުމަކީ ވެސް އިސްތަށިގަނޑު ހަލާކުވާ ކަމެކެވެ. ސަބަބަކީ ބައެއް ޝޭމްޕޫ ތަކުގައި ހިމެނޭ ކެމިކަލް ތަކުގެ އަސަރު އިސްތަށިގަނޑުގެ ބުޑަށްކޮށް އިސްތަށިތައް ހަލާކުކޮށްލަ އެވެ.

މާ ގިނައިން ކެމިކަލް ޓްރީމަންޓްތައް ނެގުން

އަހަރަކު އެންމެ ގިނަ ވެގެން ވެސް ނަގަންވާނީ ކެމިކަލް ދެ ޓްރީޓްމަންޓެވެ. އެއަށްވުރެ އިތުރަށް މާގިނައިން ކެމިކަލް ޓްރީޓްމަންޓް ނެގުމަކީ އިސްތަށިގަނޑު ހަލާކުވާ ކަމެކެވެ.

އިސްތަށިގަނޑު ނުކޮށުން

ކޮންމެ ތިން މަހުން އެއްފަހަރު އަބަދުވެސް އިސްތަށިތަކުގެ ކޮޅުތައް ބުރި ކުރާށެވެ. އޭރުން ހަލާކުވެފައި ހުންނަ އިސްތަށިތައް ބުރި ކުރުމުން އިސްތަށިގަނޑު ދިގުވެ، އިސްތަށިތައް ވަރުގަދަ ވާނެ އެވެ.