ހޮލީވުޑް

ސެކްސިއެސްޓް މޭން އެލައިވް އަކީ ދަ ރޮކް

Nov 16, 2016

ޕީޕަލް މަޖައްލާ އިން އަހަރަކު އެއް ފަހަރު ހޮވާ "ސެކްސިއެސްޓް މޭން އެލައިވް" ގެ މި އަހަރުގެ މޫނަކަށް ހޮލީވުޑްގެ ސުޕަސްޓާ ޑްވޭން ޖޯންސަން ނުވަތަ މަޝްހޫރު ނަމުން ނަމަ ދަ ރޮކް ހޮވައިފި އެވެ.

ޑަބްލިއު ޑަބްލިއު އީ ރެސްލިންގެ ޗެމްޕިއަނެއްގެ ގޮތުގައި ހޮލީވުޑަށް ވަދެ، ރެސްލިންގެ އެހެން ތަރިންނާ ހިލާފަށް ހުނަރުވެރި އެކްޓަރަކަށް ބަދަލުވެ ހޮލީވުޑްގެ އެންމެ އަގުބޮޑު އެއް އެކްޓަރަށް ބަދަލުވެފައިވާ ރޮކް ބުނެފައި ވަނީ "ސެކްސިއެސްޓް މޭން އެލައިވް" ގެ ޝަރަފް ޕީޕަލް މަޖައްލާ އިން ދިނުމަކީ އޭނާގެ ކެރިއަރުގައި ގާތްގަނޑަކަށް ހުރިހާ ކަމެއް ހާސިލުވުން ކަހަލަ ކަމެއް ކަމަށެވެ.

ރެސްލިންގެ ދުނިޔެއިން ސުޕަސްޓާރުންގެ ގޮތުގައި ހޮލީވުޑަށް ވަން ނަމަވެސް ރޮކް ފިޔަވައި އެހެން ތަރިންނަށް މިވަރުގެ ބޮޑު މަޝްހޫރުކަމަށާއި މަގްބޫލުކަމެއް ލިބިފައެއް ނުވެ އެވެ. އޭނާ އަކީ މި ވަގުތު ހޮލީވުޑްގައި ހުރި އެންމެ އަގުބޮޑު އެއް އެކްޓަރެވެ. އޭނާ އަށް މިދިޔަ އަހަރު އެކަނި ވެސް އާމްދަނީއެއްގެ ގޮތުގައި ފިލްމުތަކުން 64.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ޒަމާންވީ ލޯބިވެރިޔާ ލޯރެން ހޭޝިއަންއާ އެކު ދިރިއުޅެމުން އަންނަ ރޮކްގެ ދެ ކުދިން ތިބެ އެވެ.

ހޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ރޮކް އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ލޫކް ހޮބްސްގެ ރޯލުން ދަ ފާސްޓް އެންޑް ފިއުރިއަސް ފިލްމު ފްރެންޗައިޒް އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން ދަނީ އެނިމޭޓެޑް ފިލްމު މޮއޭނާ އަށެވެ. އެ ފިލްމުގެ ވަރަށް މުހިންމު ކެރެކްޓާއަކަށް އޭނާ އަޑު އަޅައިދީފައިވެ އެވެ.

ޕީޕަލް މަޖައްލާ އިން މިދިޔަ އަހަރު ހޮވި "ސެކްސިއެސްޓް މޭން އެލައިވް" ނުވަތަ އެންމެ ރީތި ފިރިހެނާ އަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އެވެ. އޭގެ ކުރީ އަހަރު އެކްޓަރު ކްރިސް ހެމްސްވޮތު އަދި 2013 ވަނަ އަހަރުގެ މޫނަކީ ލަވަކިޔުންތެރިޔާ އެޑަމް ލެވީން އެވެ.

އެކްޓަރު ޗޭނިން ޓޭޓަމް އަކީ 2012 ވަނަ އަހަރުގެ އެންމެ ސެކްސިއެސްޓް ފިރިހެނާ އެވެ. --ޓައިމް