ބޮލީވުޑް

"ޕީޕަލްސް ޗޮއިސް އެވޯޑްސް" އަށް ޕްރިޔަންކާ އަނެއްކާވެސް ނޮމިނޭޓް ވެއްޖެ

Nov 17, 2016

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ މިދިޔަ އަހަރުން ފެށިގެން ކުޅެމުން އަންނަ އެމެރިކަން ޓީވީ ޝޯ "ކުއަންޓިކޯ" އާއެކު އޭނާގެ މަގުބޫލުކަން ދުނިޔޭގައި އެތަކެއް ގުނައެއް ވަނީ ބޮޑުވެފަ އެވެ.

"ކުއަންޓިކޯ" އާއެކު ޕްރިޔަންކާގެ އެކްޓިން ވެސް މުޅިން އެހެން ހަރުފަތަކަށް ގޮސްފައިވާއިރު އެޝޯ ކުޅެގެން އޭނާ އަށް މިއަހަރު ވަނީ "ޕީޕަލްސް ޗޮއިސް އެވޯޑް" ގެ އެންމެ ފޭވަރިކްޓް އެކްޓްރެސްއަކަށް ހޮވިފަ އެވެ.

މިހާރު "ކުއަންޓިކޯ" ގެ ދެވަނަ ސީޒަންގެ ޝުޓީންގައި ޕްރިޔަންކާ ހަރަކާތްތެރިވަމުން އަންނައިރު އޭނާ މިވަނީ އަނެއްކާވެސް "ޕީޕަލްސް ޗޮއިސް އެވޯޑް" އަށް ނޮމިނޭޓްވެފަ އެވެ.


އަންނަ އަހަރުގެ އެވޯޑަށް މިފަހަރު ޕްރިޔަންކާ ނޮމިނޭޓްވެފައިވަނީ ފެވަރިޓް ޑްރެމެޓިކް ޓީވީ އެކްޓްރެސްގެ ކެޓަގަރީންނެވެ. މިކެޓަގްރީން ޕްރިޔަންކާ އާއެކު ވަނީ އެލެން ޕޮމްޕެއޯ އާއި ކެރީ ވޮޝިންޓަން އަދި ތަރަޖީ ޕީ ހެންސަން އާއި ވޮއިލާ ޑޭވިސް ވެސް ނޮމިނޭޓްވެފަ އެވެ.

މީގެއިތުރުން "ކުއަންޓިކޯ" ވެސް ވަނީ މިއެވޯޑްގެ ފެވްރިޓް ނެޓްވޯކް ޓީވީ ޑްރާމާ ކެޓަގަރީއިން ނޮމިނޭޓްވެފަ އެވެ. "ކުއަންޓިކޯ" އާއެކު އެކެޓަގަރީން ވަނީ "ޗިކާގޯ ފަޔާ" އާއި "އެމްޕަޔާ" ގެ އިތުރުން "ގްރޭސް އެނަޓޮމީ" އަދި "ހައުޓު ގެޓްއަވޭ ވިތް މާޑާ" ވެސް ނޮމިނޭޓްވެފަ އެވެ.

ޕީޕަލްސް ޗޮއިސް އެވޯޑަކީ ފާއިތުވި އަހަރުގެ އެންމެ މޮޅު ފިލްމުތަކުންނާއި، ޓީވީ ސީރީޒްތަކަށާއި އަދި މިއުޒިކް އާޓިސްޓުންނަށް ބެލުންތެރިންގެ ވޯޓަށް އަހައިގެން ދެވޭ އެވޯޑެެކެވެ. މިއީ ޕަބްލިކްގެ ވޯޓުން ވަނަތައް ހޮވައިގެން ބާއްވާ މިފަދަ އެންމެ ބޮޑު އެވޯޑް ހަފްލާ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދައްކަން ފެށި "ކުއަންޓިކޯ" ގައި ޕްރިޔަންކާގެ އެކްޓިން އަށް އޭނާ އަށް ހޮލީވުޑާއި ބޮލީވުޑްގެ ފަރާތްތަކުން ވަނީ ތައުރީފުކޮށްފަ އެވެ.

ސާޅީސް ތިން ވަނަ "ޕީޕަލްސް ޗޮއިސް އެވޯޑް" ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ލޮސް އެންޖަލިސްގަ އެވެ.

"ކުއަންޓިކޯ" ގެ އިތުރުން މިއަހަރުގެ ތެރޭގައި ޕްރިޔަންކާ ވަނީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" ވެސް ކުޅެ ނިންމާފަ އެވެ.