ބޮލީވުޑް

ގީތާ ޕޮގަތްގެ ކައިވެނީގެ ހެދުން އާމިރް ދެނީ

Nov 18, 2016

ސުޕަސްޓާ އާމިރް ޚާން ރެސްލިންތެޅުންތެރިޔާ މަހާވިރް ސިންގް ޕޮގަތްގެ ހަޔާތުގެ މައްޗަށް ކުޅުނު ފިލްމު އަންނަ މަހުގެ 23 ވަނަ ރިލީޒްކުރާއިރު ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތަކުގައި އާމިރް އަންނަނީ ބުރަކޮށް މަސައްކަތްކުރަމުންނެވެ.

މިފިލްމުގެ ޓްރެއިލާ އާއި ފުރަތަމަ ރިލީޒްކުރި ލަވަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މިފިލްމަކީ މިއަހަރުގައި ރިލީޒްކުރުމަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ އެއް ފިލްމެވެ.

"ޑަންގާލް" އަކީ މަހާވީރް ގޭގައި އޭނާގެ ދެއަންހެންނ ކުދިންނަށް ރެސްލިންތަޅަން ދަސްކޮށްދީގެން ތާރީހީ ކާމިޔާބީއާ ހަމައަށް ގެންދާގޮތް ފެނިގެންދާ ފިލްމެކެވެ.

މިމަހުގެ 20 ވަނަ ދުވަހު މަހާވީރްގެ ދެރެސްލިންތަޅާ އަންހެން ކުދިންގެ ތެރެއިން ގީތާ ޕޮގަތް ކައިވެނިކުރާއިރު އާމިރް ވަނީ އޭނާގެ ކައިވެނީގެ ރަސްމިއްޔާތުގައި ބޭނުންކުރާ ހެދުން ހަދިޔާއެއްގެ ގޮތުގައި ދޭން ނިންމާފަ އެވެ.

އާމިރްގެ ސްޕޯކްސްޕާސަން ނޫސްތަކަށް ބުނެފައިވަނީ ގީތާގެ ކައިވެނީގެ ހުރިހާ ކަމެއް ވެސް އާމިރް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި އެކައިވެނީގެ ހަފްލާގައި އާމިރް ބައިވެރިވާނެ ކަމަށް ވެސް ބުނެފަ އެވެ.

"އަންހެން ކުދިން ކައިވެނިކުރާއިރު ކައިވެނީގައި ބޭނުންކުރާ ހެދުން ދެނީ ކުއްޖާގެ ބައްޕަ ނަމަވެސް އާމިރް "ޑަންގާލް" ކުޅުމަށް ތައްޔާރުވުމުގެ ތެރޭގައި އެއާއިލާ އާއި ދެމެދު އުފެދުނު ގާތްގުޅުމުގެ ސަބަބުން އޭނާ ބޭނުންވީ ގީތާގެ ކައިވެނީގެ އިންތިޒާމުތައް ދާގޮތް އަމިއްލަ އަށް ބަލައި އޭނާގެ ކައިވެނީގެ ހެދުން ދޭން" އާމިރްގެ ސްޕޯކްސްޕާސަން ބުނެފައިވެ އެވެ.

ހަރްޔާނާގެ ބަލާލީގައި ބާއްވާ މިކައިވެނީގެ ރަސްމިއްޔާތަށް އާމިރް ދިއުމަށް ތައްޔާރުވުމުގެ ގޮތުން ޕޮގަތް އާއިލާ އާއި ގީތާ ކަައިވެނިކުރާ ކުއްޖާގެ އާއިލާއަށް ދޭން ހަދިޔާ ތައްޔާރުކުރަމުން އަންނަ ކަމަށްވެސްވެ އެވެ.

އާމިރް "ޑަންގާލް" އަށް ތައްޔާރުވަމުން އަންނަނީ ފާއިތުވި ދެއަހަރުން ފެށިގެން ކަމަށްވީއިރު އޭނާ އާއި ޕޮގަތް އާއިލާއާ ދެމެދު ވަނީ މިފިލްމުގެ ސަބަބުން ގާތްގުޅުމެއް އުފެދިފަ އެވެ.

މީގެކުރިން އާމިރް ވަނީ "3 އިޑިއަޓްސް" މުޅި އިންޑިއާގައި ޕްރޮމޯޓްކުރުމަށް ދަތުރުކުރަނިކޮށް ދިމާވެ، ގާތް އެކުވެރިޔަކަށްވި އޮޓޯ ޑްރައިވަރުގެ ފިރިހެން ދަރިފުޅުގެ ކައިވެނީގެ ހަފްލާގައިވެސް ބައިވެރިވެފަ އެވެ.

"ޑަންގާލް" ގައި އާމިރް މަހާވީރް ޒުވާން އުމުރުގައި އާއި އުމުރުން ދުވަސްވެފައިވާ ރޯލުން ވެސް ފެނިގެންދާއިރު މިފިލްމަށް އޭނާ ވަނީ ބަރުދަން 95 ކިލޯ އަށް ބަރުކޮށްފަ އެވެ. އަދި މަހާވީރް ޒުވާން އުމުރުގެ މަންޒަރުތައް ކުޅެން ވަނީ ބަރުދަނުން އިތުރުކުރި 25 ކިލޯ ހިއްކާލާފަ އެވެ.