އިމިގްރޭޝަން

އިމިގްރޭޝަންގެ އާ ޔުނީފޯމް ބޭނުންކުރަން ފަށައިފި، ވެރިން ވެސް ޔުނީފޯމުގައި!

Nov 17, 2016
1

މޯލްޑިވްސް އިމިގްރޭޝަން ސާވިސްގެ އިސްވެރިން ފުރަތަމަ ފަހަރަށް އެ ސާވިސްގެ ޔުނީފޯމްގައި އޮފީހަށް ވަޑައިގެންފި އެވެ. އިސްވެރިން ޔުނީފޯމްގައި އޮފީހަށް ވަޑައިގެންފައިވަނީ މިއަދު އެވެ.

މިއަދު ޔުނީފޯމްގައި އޮފީހަށް ވަޑައިގެންފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަންވަރާއި ޑެޕިއުޓީ ކޮންޓްރޯލާ އަބްދުﷲ އަލްގީން އެވެ.

އިސް ބޭފުޅުން މިއަދު ޔުނީފޯމްގައި އޮފީހަށް ވަޑައިގެންފައިވާއިރު މިއަދު ވަނީ އެ މުއައްސަސާގެ އާ ޔުނީފޯމް ބޭނުންކުރަން ފަށާފަ އެވެ. މިއަދު ހުރިހާ އިމިގްރޭޝަން އޮފިސަރުން ވެސް އޮފީހަށް ނިކުތީ އާ ޔުނީފޯމްގަ އެވެ. އެއީ ގަދަ ނޫ ކުލައިގެ ޔުނީފޯމެކެވެ.

އިމިގްރޭޝަންގެ އާ ޔުނީފޯމް ތައާރަފްކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު ރައީސް އަބްދުﷲ ޔާމީނެވެ.

އިމިގްރޭޝަނުން ވަނީ ހާއްސަ ތިން ޔުނީފޯމެއް ތައާރަފްކޮށްފަ އެވެ. އެއީ، ޑިއުޓީގައި އުޅޭއިރު ބޭނުން ކުރުމަށާއި އޮޕަރޭޝަންތަކުގައި އުޅޭއިރު ބޭނުންކުރުމަށާއި ހަފުލާތަކުގައި ބައިވެރިވުމަށް ބޭނުންކުރާ ޔުނީފޯމެވެ. ޑިއުޓީގައި ގަދަ ނޫ ކުލައިގެ ޔުނީފޯމެއް ބޭނުން ކުރާއިރު އޮޕަރޭޝަންތަކުގައި ބޭނުން ކުރަނީ ގަދަ ފެހި ކުލައިގެ ޔުނީފޯމެކެވެ. އަދި ހަފުލާތަކަށް ބޭނުންކުރަނީ ކަޅު ކުލައިގެ ޔުނީފޯމެކެވެ.