އިސްލާމިކް ފައިނޭންސް

ހަލާލް ރިސޯޓެއް ތަރައްގީކުރަން އެމްސީއައިއެފަށް ރަށެއް

Nov 17, 2016

އިސްލާމިކް އުސޫލުތަކަށް ހިންގާނެ ހަލާލް ރިސޯޓެއް ތަރައްގީކުރަން މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފިނޭންސް (އެމްސީއައިއެފް) އަށްެ ރަށެއް ދީފި އެވެ.

އެމްސީއައިއެފާ ރަށެއް ހަވާލު ކުރިކަން ހާމަވީ މާލެ އަތޮޅު ބަނޑޮސް ރިސޯޓްގައި މިއަދު ފެށުނު މޯލްޑިވްސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އިންޑަސްޓްރީ ކޮންފަރެންސްގައި ނައިބް ރައީސް އަބްދުﷲ ޖިހާދު ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. އެ މަނިކުފާނު އެ ކޮންފަރެންސަށް ވަޑައިގެންނެވީ އިވެންޓް ޝަރަފުވެރި ކޮށް ދެއްވުމަށެވެ.

ހަލާލު ރިސޯޓެއް ތަރައްގީ ކުރަން ދިން ނަމަވެސް އެއީ ކޮން ރަށެއް ކަމެއް ނައިބު ރައީސްގެ ވާހަކައިން ސާފެއް ނުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ފަތުރުވެރި ކަމުގައި ހަލާލު އުފެއްދުންތަކުގެ ފައިދާ އުފުލެމުން އަންނަ ކަމަށާއި އެ ދާއިރާގެ ހަލާލް އުފެދުމެއް ރާއްޖެއަށް ވެސް މުހިއްމުވާތީ އެފަދަ ރިސޯޓެއް ތަަރައްގީކުރަން އެމްސީއައިއެފްއަށް ރަށެއް ދީފައިވާ ކަމަށެވެ.

"އެ ރިސޯޓް ހިންގައިގެން ލިބޭ ފައިދާ އިން ހަރަދުކުރާނީ އެހީއަށް ބޭނުންވެފައިވާ ދިވެހިންގެ ކަންކަން ހަމަޖެއްސަން... މިކަމަށް ހާއްސަ ފަންޑެއް ގާއިމުކުރާނެ" ނައިބު ރައީސް މިއަދު ވިދާޅުވި އެވެ.

އެމްސީއައިއެފަކީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުންޏެކެވެ. މިކުންފުނިން އިސްލާމީ އިގްތިސޯދު ރާއްޖޭގައި ފުޅާކޮށް ރާއްޖޭގެ ހަލާލް އުފެއްދުންތަކުގެ ސިނާއަތް ފުޅާކުރުމާއެކު ގައުމުގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން މަސައްކަތް ކުރަންޖެހެ އެވެ.